ވޯލްޑް އިކޮނޮމިކް ފޯރަމުން ހޮވި ނުފޫޒު ގަދަ ޒުވާން ލީޑަރުންގެ ތެރޭގައި ނޫރައިން

އެމްއެމްޕީއާރުސީގެ ކުރީގެ ޗެއާޕާސަން އާއިޝަތު ނޫރައިން ޖަނާހު --

ވޯލްޑް އިކޮނަމިކް ފޯރަމުން މިއަދު އިއުލާންކުރި މި އަހަރުގެ ދުނިޔޭގެ ޒުވާން ލީޑަރުންގެ ތެރޭގައި، މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ކުރީގެ ޗެއާޕާސަން، އާއިޝާ ނޫރައިން ޖަނާހު ހިމެނިއްޖެއެވެ.

ނޫރައިން ފާހަގަކުރެވިފައިވަނީ އެންވަޔަމެންޓަލް، ސޯޝަލް އެންޑް ގަވަނަންސް (އީއެސްޖީ) ސްޓްރެޓަޖީއާއި އަދި މުޖުތަމައުގެ ފައިދާއަށް ޓަކައި ކުރެވޭ މަސައްކަތްތައް ހަރުދަނާ ކުރުމަށް މަސައްކަތްކުރާ ލީޑަރެއްގެ ގޮތުގައެވެ.

އޭނާއަކީ އީއެސްޖީ ސްޓްރެޓަޖީއަށް ޚާއްސަ، ގްލޯބަލް އެޑްވައިޒަރީ ފާމެއް ކަމަށްވާ ރެހެންދި ކޮންސަލްޓިންގެ ފައުންޑަރެވެ. އޭނާއަކީ ކަނޑޫފާ ފައުންޑޭޝަން އަދި އިންސްޓިޓިއުޓް އޮފް ޑިރެކްޓާސް މޯލްޑިވްސްގެ ޗެއާ އަދި ފައުންޑާ ވެސްމެއެވެ.

އަދި ކޯޕަރޭޓް ގަވަރނަންސް، ފައިނޭންސް، އަދި ސްޓްރެޓެޖީގެ ދާއިރާއިން ދިހަ އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ނޫރައިންއަކީ ހޮޓެލް އެންޑް ރިސޯޓްސް އިންވެސްޓްމަންޓް މޯލްޑިވްސް (ހަރިމް) ގްރޫޕްގެ ވައިސް ޗެއާއެވެ.

އޮންލައިން ސޭފްޓީއާއި، ސިޔާސަތުތައް ބައްޓަން ކުރުމާއި، އަންހެނުން ބާރުވެރިކުރުވުމުގެ އިތުރުން، އިގުތިސާދު ކުރިއެރުވުމުގައި ނޫރައިންދަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ. މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ވިމެން އިން ގަވަނަންސް އެވޯޑު 2021، އަދި 2022ވަނަ އަހަރު އޭނާ ހޯދާފައިވެއެވެ.

މި އަހަރުގެ ޒުވާން ލީޑަރުންގެ ތެރޭ އޭނާ ހިމެނިގެން ދިއުމާއެކު، ތިން އަހަރުގެ ލީޑަޝިޕް ޑިވަލޮޕްމަންޓް ޕްރޮގްރާމެއްގައި ނޫރައިން ބައިވެރިވާނެއެވެ.

ޔަންގް ލީޑާސް ފޯރަމުގެ މި އަހަރުގެ ކްލާސް އެކުލެވިފައިވަނީ އެކި ސިނާއަތްތަކާއި އެކި ގައުމުތަކުން 116 ޒުވާން ލީޑަރުންގެ މައްޗަށެވެ. ވޯލްޑް އިކޮނަމިކް ފޯރަމުން ތައާރަފު ކުރި ޔަންގް ގްލޯބަލް ލީޑަރުންގެ ފޯރަމަކީ ރަނގަޅު ދުނިޔެއެއް ބައްޓަން ކުރުމަށް ވަކާލާތުކުރާ، 40 އަހަރުންގެ ދަށުގެ ޒުވާން ލީޑަރުންގެ މައްޗަށް އެކުލެވިގެންވާ ޖަމިއްޔާއެކެވެ.

މި ފޯރަމްގައި 1،400 މެންބަރުން ބައިވެރިވާއިރު، އޭގެ ތެރޭގައި ގައުމުތަކުގެ އިސްވެރީންނާއި، ނޮބްލް ޕްރައިޒް ލިބިފައިވާ ބޭފުޅުންނާއި ދުނިޔޭގެ އެންމެ ބޮޑު 500 ކުންފުނީގެ ސީއީއޯއިން ވެސް ހިމެނެއެވެ.

comment ކޮމެންޓް