"އިކުއޭޓަރު ވިލެޖާހެދި ހުރަސް އެޅިފައިއޮތް މަގުގެ މައްސަަލަ ހައްލުވެއްޖެ"

ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގައި ހިމެނޭ މަގެއްގައި ހުރި އީކުއޭޓާ ވިލެޖްގެ ލޭބާކުއާޓަރު --

ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގައި ހިމެނޭ މަގެއްގައި ހުރި އީކުއޭޓާ ވިލެޖްގެ ލޭބާކުއާޓަރުގެ މައްސަލައިގައި މިހާރު ހައްލަކަށް އާދެވިފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބު މިރޭ ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ ލޭބާ ކުއާޓަރުގެ ހުސްކުރުމުގެ މައްސަލައާމެދު ކަމާބެހޭ ހުރިހާ ފަރާތަކާ މަޝްވަރާކުރެވި، މައްސަލަ ހައްލު ވެފައިވާކަމަށް ގަން އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީން އެ މިނިސްޓްރީއަށް މިއަދު އަންގައިފައިވާ ކަމަށެވެ.

"އެހެންކަމުން މި މަގު ހެދުމުގެ މަސައްކަތް އެއްބަސްވުމާއި އެއްގޮތަށް، އައްޑޫ އިންޓަރނެޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން ކުރިއަށް ގެންދެވޭނެ ވާހަކަ ދަންނަވަމެވެ،" މިނިސްޓަރު ވިދާޅުވިއެވެ.

އެއާއެކު މިނިސްޓަރުވަނީ އޭއައިއޭގެ މެނޭޖްމަންޓުން އެ މައްސަލަ ޙަލުކުރުމަށް ޓަކައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓާއި ކަމާގުޅޭ އެހެން ފަރާތްތަކާ ގުޅިގެން ކުރެއްވި މަސައްކަތަށް ޝުކުރު އަދައިކުރައްވައިފައެވެ.

"މި މައްސަލަ އަޅުގަނޑުމެން އެދުނު ތާރީޚަށް ޙައްލުވެގެން މި ދިޔައީ އައްޑޫގެ ލޮބުވެތި ރައްޔިތުން އެކަމަށް ބާރު އަޅާ، ދިން އެއްބާރުލުމުގެ ސަބަބުންކަން ފާހަގަކޮށް އައްޑޫގެ ރައްޔިތުންނަށް އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރަން،" މިިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި މައްސަލައިގައި މީގެ ކުރިން މިނިސްޓަރު ވަނީ މިއަދަށް މައްސަލަ ހައްލު ނުވެއްޖެނަމަ ދެން އެ މަގު ނުހަދާނެކަމަށް ވިދާޅުވެފައެވެ. އަދި އެ މަޝްރޫއު ކުރިއަށްގެންދާ، އިންޑިއާގެ ރެނާޓަސްއަށް ބަދަލު ދޭން ޖެހިދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ނިންމުމަށް ޓަކައި ހުސްކުރަން ބޭނުންވާ އިމާރާތަކީ، އަދި އެ އިމާރާތް ހުރި ބިމަކީ ވެސް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮންޕެނީގެ މިލްކެއް ކަމަށެވެ.

އެހެން ނަމަވެސް މިދިޔަ ދެ އަހަރެއްހައި ދުވަހު މަސައްކަތްކޮށްގެން ވެސް، އެ އިމާރާތް ބޭނުން ކުރަމުންދާ ފަރާތުން އެ ތަން ހުސްކުރުމަށް ދެކޮޅު ހަދާފައިވާތީ، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކޮމްޕެނީއާ އެ ތަން ވަނީ ހަވާލު ނުކުރެވިއެވެ.

comment ކޮމެންޓް