ޖަމާއަތަކުން ދައުލަތެއްގެ ދަރަޖައަށް އުފުލެން ބޭނުންކުރާ ހަރުގަނޑަކީ މާދަރީބަސް: މިނިސްޓަރު

ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް -- ސަން ފޮޓޯ/ މޫސާ ނަދީމް

އިންސާނީ ޖަމާއަތެއް ދައުލަތެއްގެ ދަރަޖައަށް އުފުލެން ބޭނުންކުރާ ހަރުގަނޑައަކީ އެ ބައެއްގެ މާދަރީބަސް ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް ރޭ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ދިވެހިބަހުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރުގެ ވާހަކައިގައިވަނީ މާދަރީބަހުގެ ދައުރަށް އަލިއަޅުވާލައްވައިފައެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ވަކި ޖަމާއަތެއް، ނުވަތަ ގައުމެއްގެ ގޮތުގައި ދެމި އޮތުމަށް ޓަކައި މާދަރީ ބަހެއް އޮންނަންޖެހޭނެ ކަމަށެވެ. އެ ގޮތުން ޖަމާއަތެއް އުފެދިގެން އައިސް، އެއް ބައެއް ގޮތުގައި ކުރިޔަށްދާއިރު، އެ ބައެއްގެ ވިސްނުމާއި ދިރިއުޅުމުގެ ވައްޓަފާޅި ތަރައްގީވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ބަދަލުތަކުގެ ތެރެއިން ވަކި ދައުލަތަކާ ހަމައަށް ޖަމާއަތެއް ފޯރުމުގައި، ހަގީގީ މެދުވެރިއަކީ އެ ބައެއްގެ މެދުގައި މުއާމަލާތް ކުރެވޭ ބަހެވެ.

"އެ އަންނަ ބަދަލުތަކުގެ ތެރެއިންގޮސް، ވަކި ދައުލަތަކަށްވާއިރު، އެ ހިސާބަށް އަރަން ބޭނުންކުރާ ހަރުގަނޑަކީ މާދަރީބަސް" މިނިސްޓަރު ވިދާޅުވިއެވެ.

އެއް ބައެއްގެ ގޮތުގައި ދެމި ތިބުމަށާއި، ގުޅުންތައް ވަރުގަދަކޮށް، އަނެކެއްގެ މައްޗަށް އޮންނަ ކުލުނު އިތުރު ކުރުމަށް ޓަކައި ވެސް އޮތް ހައްލަކީ މާދަރީބަސް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދިވެހިބަހުގެ ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ މޫސާ ނަދީމް

މި ޖަލްސާގައި ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަބްރުއްރަހީމް ވެސް ވަނީ ދިވެހިބަހުން ވާހަކަދެއްކުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވައިފައެވެ. އެ ގޮތުން އެ ބައެއް ގަބޫލުކުރާ ދީނާއި، އެ ތަނެއްގެ ކުރިމަގު ވެސް ބައްޓަން ވެގެންދަނީ، އެ ތަނެއްގައި ދިރިއުޅޭ ބަޔަކު ވާހަކަ ދައްކާ ބަހުގެ މައްޗަށް ކަމަށް އަޝްރަފް ވިދާޅުވެފައިވެއެވެ.

https://www.sun.mv/204920

ފަޟީލަތުއްޝައިޚް އަލްމަރްހޫމް ހުސައިން ސަލާހުއްދީން އުފަންވެވަޑައިގެންނެވި ދުވަސްކަމުގައިވާ، އެޕްރީލް 14 ވަނަ ދުވަހަކީ ކޮންމެ އަހަރެއްގައި ވެސް "ދިވެހިބަހުގެ ދުވަސް" ކަމަށް ހަމަޖައްސަވައި، 2015ވަނަ އަހަރުން ފެށިގެން އެ ދުވަސް ފާހަގަކުރުމަށް ނިންމެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުއްގައްޔޫމެވެ.

މިއީ ރާއްޖޭގައި މިހާރު ފާހަގަކުރާ ބައިނަލްއަގުވާމީ މާދަރީބަހުގެ ދުވަހުގެ އިތުރުން ފާހަގަކުރާ ދުވަހެކެވެ.

comment ކޮމެންޓް