މެގުއާގެ ލަނޑާއެކު ފަހަތުން އަރައި، ޔުނައިޓެޑް ސެމީ ފައިނަލަށް

މެންޗެސްޓާ ޔުނައިޓެޑުގެ އިނގިރޭސި ޑިފެންޑަރު ހެރީ މެގުއާ -- ފޮޓޯ/ ގެޓީ

ޔުއޭފާ ޔޫރޮޕާ ލީގުގެ ކްއާޓާ ފައިނަލްގައި އޮލިމްޕިކް ލިއޯން ބަލިކޮށް މިމުބާރާތުގެ ސެމީ ފައިނަލުން މެންޗެސްޓާ ޔުނައިޓެޑް ޖާގަ ހޯދައިފިއެވެ.

މި މުބާރާތުގެ ކްއާޓާ ފައިނަލްގައި ޔުނައިޓެޑުން ލިއޯންގެ މައްޗަށް ކުރި ހޯދީ ހަތް ލަނޑު ހަ ލަނޑުގެ އެގްރިގޭޓް ނަތީޖާ އަކުންނެވެ.

މި ދެ ޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގު ލިއޯންގެ ދަނޑުގައި ކުޅެ ދެ ލަނޑު ދެ ލަނޑުން އެއްވަރުވިއިރު ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު ދެވަނަ ލެގު ފަސް ލަނޑު ހަތަރު ލަނޑުން ކާމިޔާބު ކޮށްފައިވަނީ ޔުނައިޓެޑެވެ.

މި ދެ ޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގެކޭ އެއްގޮތަށް ދެވަނަ ލެގުވެސް ވެގެންދިޔައީ ވަރަށް ވާދަވެރި އަދި އެހާމެ ފޯރި ގަދަ ކުރިމަތިލުމަކަށެވެ. ލިއޯންއިން ގިނައިރު ބޯޅަ ގެންގުޅުނު މި މެޗުގައި ހަމަލާ އުފެއްދިފައިވަނީ ދެ ޓީމަށް ވެސް ހަމަހަމަ ކޮށެވެ.

ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރު ކުރަން ބޭނުންނަމަ ދެ ޓީމަށް ވެސް މޮޅުވުން މަޖުބޫރު މި މެޗުގެ ފެށުން ރަނގަޅުވީ ޔުނައިޓެޑްގެއެވެ. މިގޮތުން މެޗުގެ 10 ވަނަ މިނެޓްގައި އުފެއްދި ހަމަލާއެއްގައި އެ ޓީމުން ވަނީ މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މެނުއެލް އުގާޓޭއެވެ. މި މެޗުގައި ޔުނައިޓެޑުގެ ދެވަނަ ލަނޑު ޖަހާ އެ ޓީމުގެ ލީޑު ފުޅާކޮށްފައިވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ އެއްވަނަ މިނެޓުގައި ޑިއޮގޯ ޑާލޮޓް ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

މިއާއެކު އެގްރިގޭޓް ނަތީޖާއިން ވެސް ޔުނައިޓެޑުން ދެ ލަނޑުގެ ލީޑެއް ނެގިއެވެ. މި ހާފުގައި ލިއޯންއިން ވެސް ރަނގަޅު ހަމަލާތަކެއް އުފެއްދި ނަމަވެސް ޔުނައިޓެޑްގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ.

ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފު ވެގެންދިޔައީ ލިއޯން ގޯލާ ރައްޓެހި ހާފަކަށެވެ. މިގޮތުން މެޗުގެ 71 ވަނަ މިނެޓުގައި އުފެއްދި ހަމަލާއެއްގައި ކޮރެންޓިން ޓޮލީސޯވަނީ މި މެޗުގައި ލިއޯންގެ ފުރަތަމަ ލަނޑު ޖަހާދީ ދެ ޓީމުގެ މެދުގައި އޮތް ފަރަގު އެއް ލަނޑަށް ބަދަލުކޮށްފައެވެ. އަދި މިލަނޑު ޖެހިތާ ހަ މިނެޓް ފަހުން ނިކޮލަސް ޓަގްލިއަފީކޯ ކާމިޔާބު ކޮށްދިން ލަނޑުން ލިއޯން އިން ވަނީ މެޗުގެ އިތުރުން އެގްރިގޭޓް ނަތީޖާއިން ހަމަހަމަ ކޮށްފައެވެ.

މި މެޗުގައި ދެ ޓީމުން ލަނޑެއް ޖަހާ ކުރި ހޯދުމަށް ކުރަމުންދިޔަ މަސައްކަތުގެ ތެރެއިން ދެން ފެނިގެންދިޔައީ މެޗުގެ 89 ވަނަ މިނެޓުގައި ލިއޯންގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިން ޓޮލީސޯއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކިތަނެވެ. މިއާއެކު މެޗުގެ ބާކީ ބައި އެ ޓީމުން ކުޅެން ޖެހުނީ އެއް ކުޅުންތެރިއެއް މަދުކޮށެވެ. ނަމަވެސް މިކާޑު ދެއްކިތާ މާގިނަ އިރުތަކެއް ނުވެ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ނަތީޖާ ނެރުމަށްޓަކައި އިތުރު ވަގުތުގެ ދެ ހާފު ކުޅެން ފެށުނެވެ.

އިތުރު ވަގުތުގައި ޔުނައިޓެޑަށް ލިބިފައިވި އެއް ކުޅުންތެރިއެއް އިތުރު ވުމުގެ ފައިދާ ނަގާނެކަމަށް ހީވި ނަމަވެސް އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި އެތަން ފެނިގެނެއް ނުދިޔައެވެ. އަދި އޭގެ ބަދަލުގައި ފެނިގެންދިޔައީ މެޗުގެ 104 ވަނަ މިނެޓުގައި ލިއޯންއިން ލަނޑެއް ޖަހާ ލީޑު ނެގިތަނެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ރަޔާން ޗާކީއެވެ. އަދި މެޗުގެ 109 ވަނަ މިނެޓުގައި ލިއޯން އަށް ލިބިގެން ދިޔަ ޕެނަލްޓީއެއް ކެޕްޓަން އެލެގްޒެންޑާ ލަކަޒޭޓް ކާމިޔާބު ކޮށްދިނުމާއެކު މި މެޗުގައި ލިއޯންގެ ދެ ލަނޑުގެ ލީޑެއް ނަގާ އެގްރިގޭޓް ނަތީޖާއިން ދެ ލަނޑުގެ ކުރި އެރުމެއް ނެގިތަން ފެނިގެންދިޔައެވެ.

މި ލަނޑާއެކު ލިއޯންއަށް ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރު ކުރެވިގެންދާނެކަމަށް ގިނަ ބަޔަކަށް ހީވެގެން ދިޔަ ނަމަވެސް ދެން ފެނިގެންދިޔައީ ޔުނައިޓެޑްގެ ހިތްވަރު ދައްކާލިތަނެވެ. މިގޮތުން އިތުރު ވަގުތު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް ލިބިގެންދިޔަ ޕެނަލްޓީ ކާމިޔާބު ކޮށްދީ ކެޕްޓަން ބުރޫނޯ ފެނާންޑޭޒް ފަރަގު ކުޑަކުރި އިރު ކޯބީ މައިނޫ ވަނީ 120 ވަނަ މިނެޓުގައި ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށް މިމެޗު ޕެނަލްޓީއަށް ދިއުމުގެ ފުރުސަތު ބޮޑު ކޮށްފައެވެ.

ނަމަވެސް މި ލަނޑު ޖެހިތާ އެއް މިނެޓް ފަހުން ޔުނައިޓެޑްގެ ޑިފެންޑާ ހެރީ މެގުއާ ކާމިޔާބު ކޮށްދިން ލަނޑުން މި މެޗުން ޔުނައިޓެޑް މޮޅުކޮށްދީ ސެމީ ފައިނަލްގެ ޖާގައެއް ކަަށަވަރު ކޮށްދިނެވެ.

މިކާމިޔާބީ އާއެކު ޔުނައިޓެޑުން ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރު ކޮށްފައިވާއިރު ސެމީ ފައިނަލްގައި އެ ޓީމު ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ އެތުލެޓިކް ބިލްބާއޯ އާއެވެ.

comment ކޮމެންޓް