ބޯޑޯ ގްލިމްޓާއި ބިލްބާއޯ، ޔޫރޮޕާ ލީގުގެ ސެމީއަށް

ޔުއޭފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުން ބޯޑޯ ގްލިމްޓާއި އެތުލެޓިކް ބިލްބާއޯ ޖާގަ ހޯދައިފިއެވެ.

މި މުބާރާތުގެ ސެމީ ފައިނަލުން ބޯޑޯ ގްލިމްޓް ޖާގަ ހޯދީ ކުއާޓާ ފައިނަލްގައި ލާޒިއޯއާ ބައްދަލުކޮށް 3-3ގެ އެގްރިގޭޓް ނަތީޖާއަކުން ދެ ޓީމު އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 3-2 އިންނެވެ. ދެ ޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގު ބޯޑޯ ގްލިމްޓްގެ ދަނޑުގައި މިދިޔަ ހަފުތާގައި ކުޅެ 2-0 އިން ބޯޑޯ ގްލިމްޓް ކާމިޔާބުކޮށްފައިވާއިރު ލާޒިއޯގެ ދަނޑުގައި ރޭ ކުޅުނު ދެވަނަ ލެގުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-0 އިން ކާމިޔާބުކޮށްފައިވަނީ ލާޒިއޯއިންނެވެ.

އެހެންވެ، ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ދެ ހާފު ނިމުނުއިރު އެގްރިގޭޓް ނަތީޖާއިން 3-3 އިން އެއްވަރުވުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ.

މުބާރާތުގެ ސެމީ ފައިނަލުން ޖާގައެއް ހޯދަން ބޭނުންނަމަ ތިން ލަނޑުގެ ތަފާތުން މޮޅުވުން މަޖުބޫރުވެފައި އޮތް ލާޒިއޯއިން މެޗު ފަށާފައިވަނީ ވަރަށް ފޯރީގައެވެ. އަދި، 21 ވަނަ މިނެޓުގައި އުފެއްދި ހަމަލާއެއްގައި ލާޒިއޯއިން ވަނީ ފުރަތަމަ ލަނޑު ކާމިޔާބުކޮށް، އެގްރިގޭޓް ނަތީޖާއިން ދެ ޓީމުގެ ދެމެދުގައި އޮތް ފަރަގު އެއް ލަނޑަށް ބަދަލުކޮށްފައެވެ. މި ލަނޑު ކާމިޔާބުކޮށްދީފައިވަނީ ވެލެންޓިން ކަސްޓެޔާނޯސެވެ. މި ލަނޑާ އެކު އިތުރު ލަނޑެއް ޖެހުމަށް ލާޒިއޯއިން މަސައްކަތްކުރި ނަމަވެސް ބޯޑޯ ގްލިމްޓްއިން ހިތްވަރާ އެކު ޑިފެންޑްކުރުމުގެ ނަތީޖާއަކަށްވީ އެންމެ ފަހު ވަގުތާ ހަމައަށް ލާޒިއޯއަށް އިތުރު ލަނޑެއް ޖެހުނަނުދީ ހަފަހައްޓާލުމެވެ.

ނަމަވެސް، ލާޒިއޯއިން ވަނީ އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި ޓިޖާނީ ނޮސްލިން ކާމިޔާބުކޮށްދިން ލަނޑުން އެގްރިގޭޓް ނަތީޖާއިން ހަމަހަމަކޮށްފައެވެ. ނަތީޖާ ނެރުމަށްޓަކައި އިތުރު ވަގުތުގެ ދެ ހާފުގެ ކުޅުނެވެ. މިގޮތުން މެޗުގެ 99 ވަނަ މިނެޓުގައި ބޮއުލާޔޭ ޑިއާ ކާމިޔާބުކޮށްދިން ލަނޑުން ލާޒިއޯއިން ފުރަތަމަ ފަހަރަށް އެގްރިގޭޓް ނަތީޖާއިން ކުރި ހޯދިއެވެ. ނަމަވެސް، ބޯޑޯ ގްލިންޓްއިން ޔޫރަޕްގެ ފިރިހެން ފުޓްބޯޅަ މުބާރާތެއްގެ ސެމީ ފައިނަލަކަށް ދަތުުރު ކުރާ ނޯވޭގެ ފުރަތަމަ ޓީމަށްވުމަށް ކުރަމުންދިޔަ މަސައްކަތުގެ ނަތީޖާއަކަށްވީ 109 ވަނަ މިނެޓުގައި އަންޑްރެއާސް ހެލްމާސެން ކާމިޔާބުކޮށްދިން ލަނޑުން މި ކުރިމަތިލުގެ ނަތީޖާ ނެރުމަށް ޕެނަލްޓީއަށް ދާން ޖެހުމެވެ.

ޕެނަލްޓީ ޝޫޓް އައުޓް ވެސް ދިޔައީ ދެ ޓީމުގެ ސަޕޯޓަރުންގެ އިތުރުން ކުޅުންތެރިންނާއި އޮފިޝަލުން ނޭވާ ހިފަހައްޓާލައިގެން ތިބެންޖެހުނު ގޮތަކަށެވެ. މިގޮތުން ބޯޑޯ ގްލިމްޓްގެ ފުރަތަމަ ޕެނަލްޓީ ކާމިޔާބުނުކުރެވުމުގެ އިތުރު ލާޒިއޯގެ ދެވަނަ އަދި ތިންވަނަ ޕެނަލްޓީ ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. އަދި، ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކުރުމަށް ބޯޑޯ ގްލިމްޓްގެ ކެޕްޓަން ޕެޓްރިކް ބާގް ޖެހި ފަހު ޕެނަލްޓީ ނާކާމިޔާބުވެ، ލާޒިއޯއަށް ޕެނަލްޓީ ޝޫޓް އައުޓް ސަޑެން ޑެތަށް ގެންދިއުމަށް ލިބުނު ފުރުސަތުގައި ވެލެންޓިން ކަސްޓެޔާނޯސް ޖެހި ޕެނަލްޓީ ނާކާމިޔާބުވެ، ބޯޑޯ ގްލިމްޓްއަށް ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުވިއެވެ.

މި މުބާރާތުގެ ސެމީ ފައިނަލްގައި ބޯޑޯ ގްލިމްޓް ބައްދަލުކުރަން ހަމަޖެހިފައިވަނީ ޓޮޓްނަމް ހޮޓްސްޕާއާއެވެ.

މި މުބާރާތުގެ ސެމީ ފައިނަލުން ބިލްބާއޯ ޖާގަހޯދީ ރޭންޖާސްއާއި ބައްދަލުކުރި ކުއާޓާ ފައިނަލް 2-0ގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. ދެ ޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގު ރޭންޖާސްގެ ދަނޑުގައި ކުޅެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި އެއްވަރުވީއިރު ބިލްބާއޯގެ ދަނޑުގައި ރޭ ކުޅުނު ދެވަނަ ލެގު 2-0 އިން ކާމިޔާބުކޮށްފައިވަނީ ބިލްބާއޯއިންނެވެ.

މެޗުގައި ބިލްބާއޯގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ހަތަރުވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީފައިވަނީ އޮއިހާން ސަންޗެޓެވެ. ދެވަނަ ލަނޑު މެޗުގެ 80 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ނީކޯ ވިލިއަމްސްއެވެ.

މި ކާމިޔާބީއާ އެކު ސެމީ ފައިނަލްގައި ބިލްބާއޯ ބައްދަލުކުރާނީ މެންޗެސްޓާ ޔުނައިޓެޑާއެވެ.

comment ކޮމެންޓް