ޔުއޭފާ ޔޫރޮޕާ ކޮންފަރެންސް ލީގުގެ ސެމީ ފައިނަލުން ޗެލްސީ ޖާގަ ހޯދައިފިއެވެ.
މި މުބާރާތުގެ ސެމީ ފައިނަލުން ޗެލްސީ ޖާގަ ހޯދީ ކްއާޓާ ފައިނަލްގައި ލެޖިއާ ވާސޯ އާ ބައްދަލުކޮށް ހަތަރު ލަނޑު ދެ ލަނޑުގެ އެގްރިގޭޓް ނަތީޖާ އަކުން ކުރި ހޯދައިގެންނެވެ.
މި ދެ ޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގު ލެޖިއާގެ ދަނޑުގައި ކުޅެ ތިން ލަނޑު, ސުން ލަނޑުން, ޗެލްސީ ކާމިޔާބު ކުރިއިރު ޗެލްސީގެ ދަނޑުގައި ރޭ ކުޅުނު ދެވަނަ ލެގު ދެ ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްފައިވަނީ ލެޖިއާއެވެ.
މި މުބާރާތުގެ ސެމީ ފައިނަލުން ޖާގައެއް ހޯދާނަމަ ލެޖިއާއިން ތަފާތު ބޮޑުކޮށް މޮޅުވުން މަޖްބޫރު ދެވަނަ ލެގަށް އެ ޓީމުން ނިކުތީ އާ ހިތްވަރަކާއެކު ޗެލްސީގެ މައްޗަށް ރަނގަޅު ކުޅުމެއް ދެއްކުމުގެ އަޒުމާއެކުއެވެ. މި ގޮތުން މި މެޗުގެ ފެށުން ގިނަ ބަޔަކު ހީކުރި ގޮތާ ހިލާފަށް ރަނގަޅުވީ ވެސް ލެޖިއާގެއެވެ. މި ގޮތުން މެޗުގެ 10 ވަނަ މިނެޓުގައި އެ ޓީމަށް ލިބިގެންދިޔަ ޕެނަލްޓީ އަކުން މެޗުގެ ލީޑު ނަގާ އެ ޓީމުން އުންމީދު އާކުރިއެވެ. މި ޕެނަލްޓީ އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޓޮމާސް ޕެޙާޓްއެވެ.
މި މެޗުގައި ޗެލްސީއިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު, މެޗުގެ 33 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މާކް ކުކުރެއާއެވެ. ލެޖިއާއިން މި މެޗުގައި ކާމިޔާބު ކުރި ދެވަނަ ލަނޑު އެ ޓީމަށް ޖަހައި ދިނީ 53 ވަނަ މިނެޓުގައި ސްޓީވް ކަޕުއާޑީއެވެ. މި މެޗުގައި އިތުރު ލަނޑެއް ކާމިޔާބު ކުރެވޭތޯ ދެ ޓީމުން މަސައްކަތް ކުރި ނަމަވެސް ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހޭ ގޮތެއް ނުވިއެވެ.
މި މެޗުން ބަލިވުމާއެކުވެސް ފުރަތަމަ ލެގުގައި ތިން ލަނޑު ޖެހިފައިވުމުގެ ފައިދާގައި މި މުބާރާތުގެ ސެމީ ފައިނަލްގެ ޖާގައެއް ޗެލްސީއަށް ކަށަވަރު ވެގެންދިޔައެވެ. ސެމީ ފައިނަލްގައި ޗެލްސީ ބައްދަލުކުރާނީ ޔާގާޑެން އާއެވެ.
މި މުބާރާތުގެ ސެމީ ފައިނަލުން ޔާގާޑެން ޖާގަ ހޯދީ ކުއާޓާ ފައިނަލްގައި ރެޕިޑް ވިއޭނާ އާ ބައްދަލުކޮށް ހަތަރު ލަނޑު, ދެ ލަނޑުގެ އެގްރިގޭޓް ނަތީޖާ އަކުން ކުރި ހޯދައިގެންނެވެ. މި ދެ ޓީމުގެ މެދުގައި މިދިޔަ ހަފްތާގައި ކުޅުނު ފުރަތަމަ ލެގު ޔާގާޑެންގެ ދަނޑުގައި ކުޅެ އެއް ލަނޑު ސުން ލަނޑުން ކާމިޔާބު ކުރީ ރެޕިޑް ވިއޭނާއެވެ.
ނަމަވެސް ރޭ ރެޕިޑް ވިއޭނާގެ ދަނޑުގައި ކުޅުނު ދެވަނަ ލެގު ހަތަރު ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްފައިވަނީ ޔާގާޑެންއެވެ. ދެވަނަ ލެގުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ލަނޑު އެއް ލަނޑުން ޔާގާޑެން ކުރި ހޯދުމުން އެގްރިގޭޓް ނަތީޖާއަށް ބަލާއިރު ދެ ލަނޑު, ދެ ލަނޑުން ދެ ޓީމު އެއްވަރު ވުމުން ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ ދެ ހާފު ކުޅުނެވެ.
ފުރިހަމަ ވަގުތުގައި ޔާގާޑެންއިން ޖެހި ދެ ލަނޑު އެ ޓީމަށް މާކަސް ޑެނީލްސަން އާއި ކެއިޓާ ކޮސޫގީ ކާމިޔާބު ކޮށްދިންއިރު ރެޕިޑް ވިއޭނާގެ ހަމައެކަނި ލަނޑަކީ ޔާގާޑެންގެ ޖޭކޮބް އުނޭ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.
މި މެޗުގައި ރެޕިޑް ވިއޭނާއަށް މައްސަލަ ތަކާއި ކުރިމަތިވެފައިވަނީ މެޗުގެ ހަތް ވަނަ މިނެޓުގައި އެ ޓީމުގެ މަމަޑޫ ސަންގާރޭއަށް ރަތް ކާޑު ދެއްކުމުންނެވެ. އެހެން ކަމުން މުޅި މެޗު ހެން ކަހަލަ ގޮތަކަށް އެ ޓީމުން ކުޅެފައިވަނީ އެއް ކުޅުންތެރިއެއް މަޑުކޮށެވެ. އަދި މެޗުގެ 110 ވަނަ މިނެޓުގައި އެ ޓީމުގެ ސާޖީ ފިލީޕޭ ރައުކްސް ޔާއޮއަށް ވެސް ވަނީ ރަތް ކާޑު ދައްކާފައެވެ. މި މެޗުން ޔާގާޑެން މޮޅުވި ދެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މެޗުގެ 93 ވަނަ މިނެޓާއި 105 ވަނަ މިނެޓުގައި ޓޯބިއަސް ގުލިކްސެންއެވެ.