ކ. އަތޮޅުން ކިނބުލެއް ފެނިގެން ސިފައިން ހަރަކާތްތެރިވަނީ

މީގެ ކުރިން ކަނޑިންމަ ރިސޯޓުން ހިފި ކިނބޫ -- ފޮޓޯ/ އެމްއެންޑީއެފް

ކ. އަތޮޅު ރިސޯޓެއް ކައިރިން ކިނބުލެއް ފެނިގެން އެ ހިފުމަށް ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ ކ. އަތޮޅުގައި ހިންގާ, ވަރު ބައި އެޓްމޮސްފިޔާ ރިސޯޓުން ކިނބުލެއް ފެނިގެން ސިފައިން ހަރަކާތްތެރި ވަމުން އަންނަ ކަމަށެވެ.

އެ ކިނބޫ މިހާތަނަށް ހިފިފައި ނުވާ ކަމަށާއި އެ މަސައްކަތް ސިފައިން ކުރަމުން އަންނަ ކަމަށް, އޭނާ ވިދާޅުވިއެވެ.

އެ ކިނބޫ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން ފެންނަނީ ހައެއްކަ ފޫޓުގެ ކިނބުލެއް, ހިލަ ތޮށިގަނޑު މަތީ އޮތް މަންޒަރެވެ.

ރާއްޖޭން ކިނބޫ ފެނުމަކީ އެހާ އާއްމު ކަމެއް ނޫނެވެ. ނަމަވެސް ބައެއް އަހަރުތަކުގައި ވަކި މޫސުމެއްގައި ރާއްޖޭން ކިނބޫ ފެނިފައި އެބަހުއްޓެވެ.

ވަރަށް ކުރިން ރާއްޖޭން ފެނުނު ކިނބުލެއް ސިފައިންގެ ބެލުމުގެ ދަށުން ކުޑަކުދިންގެ ބަގީޗާގައި ވެސް ގިނަ އަހަރުތަކެއް ވަންދެން ބޭއްވިއެވެ. ފަހުން އެ ކިނބޫ ވަނީ ގޮތް ނޭނގޭ ގޮތަކަށް މަރުވެފައެވެ.

comment ކޮމެންޓް