އާއިލާ 'ނިވާފަތްގަނޑަކަށް ބޭނުންކޮށްގެން' އެމްޑީޕީގެ މެންބަރުންގެ މައްޗަށް ދައުވާ އުފުލަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސީ ބޭނުމަށް ކަމަށް އެމްޑީޕީން މިއަދު ތުހުމަތުކޮށްފިއެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ދަރިކަލުންގެ ކަރާމާތާއި ރައްކާތެރިކަން ނިގުޅައިގެންފައިވާ ކަމަށް ތުހުމަތުކޮށް, އެމްޑީޕީގެ އިސް އެކްޓްވިސްޓް މަރިޔަމް ޒުބައިރު (މަންދީ)އާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާ ދެކޮޅަށް ސިވިލް ކޯޓަށް ފުރަތަމަ މައްސަލަ ހުށަހެޅުމަށް ފަހު، އިތުރު ދައުވާއެއް ކުރުމަށް ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ފަރާތުން ވަނީ ފެމިލީ ކޯޓަށް ވެސް ހުށަހަޅައިފައެވެ.
އެކަމާ ގުޅިގެން އެމްޑީޕީން ވަނީ ފައްޔާޒާއި މަންދީގެ މައްޗަށް ރާއްޖޭގެ ދެ ކޯޓެއްގައި ދައުވާ އުފުލުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް މިއަދު ބަޔާނެއް ނެރެފައެވެ.
އެ ޕާޓީން ބުނީ، އެ ދައުވާތަކަކީ ރައީސްގެ ހުދުމުޚުތާރުކަމާ ދެކޮޅަށް އަޑު އުފުލާ ފަރާތްތަކުގެ އަޑު ކަނޑުވާލައި، ސިޔާސީ ޕާޓީތަކަށާއި، ސިޔާސީ މީހުންނަށް ބިރު ދެއްކުމަށް ރައީސް މުއިއްޒުގެ އެންގެވުމަށް އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ކުރައްވާ ދައުވާތަކެއް ކަމަށެވެ.

ރައީސް މުއިއްޒު ކެބިނެޓު ބައްދަލުވުމެއްގައި --- ފޮޓޯ/ ރައީސް އޮފީސް
އެ ޕާޓީން ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާއެއްގައި އެއްވެސް ކުޑަކުއްޖެއްގެ ނަމެއް ހާމަކޮށްފައި ނުވާނެ ކަމަށް އެމްޑީޕީން ބުންޏެވެ. ވަކިން ޚާއްސަކޮށް ދައުވާ އުފުލާފައިވާ އެމްޑީޕީގެ އެކްޓިވިސްޓް މަންދީގެ ވާހަކައިގައި ވެސް އެއްވެސް ކުއްޖެއްގެ ނަމެއް ގެނެސްފައިނުވާކަން އެ މުޒާހަރާގެ ރެކޯޑިންތަކުން ސާފުކޮށް އެނގޭ ކަމަށް އެމްޑީޕީން ބުންޏެވެ.
"ރައީސުލްޖުމްޙޫރިއްޔާގެ ދަރިކަލެއްގެ ނަން މީޑިއާގައި ތިލަކޮށް އެ ކުއްޖާގެ ކަރާމާތް ނަގާލާފައިވަނީ ސާޖިދާ މުހައްމަދުގެ ފަރާތުން އޭނާގެ ވަކީލު އާޒިމާ ޝަކޫރުކަން ފާހަގަކުރަން. މީގެ ކުރިން ވެސް ސާޖިދާ މުހައްމަދު ވަނީ ރިޔާސީ އިންތިޚާބުގެ ތެރޭގައި އެ ކުއްޖާގެ ޒާތީ ދިރިއުޅުމާ ގުޅޭ މައުލޫމާތު އާންމުކޮށް މީޑިއާއެއްގައި ދައްކަވާފައި،" އެމްޑީޕީން ބުންޏެވެ.
އެމްޑީޕީން ބުނީ، ރައީސްގެ ބޭފުޅަކާ ބެހޭގޮތުން މި ޕާޓީގެ ޗެއާޕާސަން އެއްވެސް ތަނެއްގައި އެއްވެސް ވާހަކައެއް ދައްކާފައިނުވާނެ ކަމަށެވެ. ނަމަވެސް، ފައްޔާޒު ފާޑުވިދާޅުވީ މަންދީގެ ވާހަކައަށް މުއައްސަސާތަކުން އެހާ އަވަހަށް ބަޔާންތައް ނެރުނުއިރު ގައުމުގައި ހިނގާ ބޮޑެތި ކަންކަމުގައި މުއައްސަސާތަކުން ހިމޭނުން އޮންނަކަމުގެ މައްޗަށް ކަމަށް އެ ޕާޓީން ބުންޏެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް "ފުދިއްޖެ، ފުނޑިއްޖެ" ހިނގާލުމުގައި ވާހަކަދައްކަވަނީ ---- ސަން ފޮޓޯ/ މޫސާ ނަދީމް
މި މައްސަލައިގައި ޕީއެންއެފްގެ އިސް ބޭފުޅުން ވެސް ފުލުސް އޮފީހަށް ހާޒިރުކޮށްފައިވާތީ ރައީސް މުއިއްޒު ބޭނުންވަނީ އިދިކޮޅުވާ ކޮންމެ މީހެއްގެ މައްޗަށް ދައުވާ އުފުލައި، އެ މީހެއްގެ އަޑު ކަނޑުވާލުމަށް ކަމަށް އެމްޑީޕީން ބުންޏެވެ.
ސިޔާސީ ބޭނުމުގައި އާއިލާ ނިވާފަތްގަނޑަކަށް ބޭނުންކޮށްގެން ދައުވާ އުފުލި ނަމަވެސް، ރައީސް މުއިއްޒުގެ ހުދުމުޚުތާރު ވެރިކަމާ ދެކޮޅަށް ފަސްޖެހުމެއް ނެތި އެ ޕާޓީން ތެދުވާނެކަމުގެ ޔަގީންކަން ވަނީ އެމްޑީޕީން އަރުވައިފައެވެ.
ރައީސްގެ އަނބިކަނބަލުން ސާޖިދާ، މަންދީގެ މައްޗަށް ދައުވާ ކުރަން ނިންމެވީ އެމްޑީޕީން މިދިޔަ މާރިޗު މަހު ކުރިއަށްގެންދިޔަ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މުޒާހަރާއެއްގައި މަންދީ ދެއްކި ވާހަކަތަކެއްގެ ސަބަބުންނެވެ. އޭނާވަނީ، މިދިޔަ އަހަރު ރާއްޖޭގައި ވޭޕް މަނާކޮށްފައި ވަނީ ރައީސްގެ ދަރިކަލުން ވޭޕް ކުރައްވާތީ ކަމަށް ތުހުމަތުކޮށްފައެވެ.
ފަސްޓް ލޭޑީ ސާޖިދާގެ ގާނޫނީ ވަކީލު, އަދި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ނެރުއްވި ބަޔާނެއްގައި ވަނީ، ދަރިކަލުންގެ ފުރާނައަށް ނުރައްކާވާނެ ހާލަތެއް މެދުވެރިކުރުވި ކަމަށް ތުހުމަތުކޮށް ފެމިލީ ކޯޓަށާއި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދާހަމަ ހިއްސާކުރައްވާފައެވެ.
ކުރިން އާޒިމާ ވިދާޅުވީ، އެ މައްސަލައިގައި މަންދީއަށް ދައުވާ ކުރާއިރު، އެމްޑީޕީއަށް ވެސް ދައުވާ ކުރާނެ ކަމަށެވެ. އެއީ އެ ވާހަކަތައް ދައްކައިފައިވަނީ އެ ޕާޓީގެ އެއްވުމެއްގައި ކަމަށްވާތީ ކަމަށެވެ. ފައްޔާޒަށް ދައުވާ ކުރަނީ އޭނާ ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ.
އެމްޑީޕީންވަނީ، މުޒާހަރާގައި ދައްކައިފައިވަނީ އެއްވެސް ހާލެއްގައި ކުޑަކުއްޖަކަށް ނިސްބަތްކޮށް، އަދި ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަ ފަދަ ވާހަކައެއް ނޫން ކަމަށް ބުނެފައެވެ.
އެމްޑީޕީގެ މުޒާހަރާގައި ރައީސްގެ ދަރިކަލުންނާ ގުޅޭ ގޮތުން ދެއްކި ވާހަކަ އިލެކްޝަންސް ކޮމިޝަން (އީސީ)އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ވަނީ ކުށްވެރިކޮށްފައެވެ.
އެ ޕާޓީގެ މެންބަރުންގެ މައްޗަށް އެކި ނަންނަމުގައި ދައުވާ އުފުލަނީ އެމްޑީޕީގެ އަޑު ކަނޑުވާލުމަށް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވެސް ވަނީ ފައްޔާޒާއި މަންދީގެ ދިފާއުގައި ވިދާޅުވެފައެވެ.
ފައްޔާޒާއި އެމްޑީޕީގެ އިސް އެކްޓިވިސްޓުންގެ ދިފާއުގައި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ވަނީ ތެދުވެފައެވެ. ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އެމްޑީޕީއާއި ފައްޔާޒް އަދި އެ ޕާޓީގެ އިސް ހަރަކާތްތެރީންގެ މައްޗަށް އެކި ނަންނަމުގައި ދައުވާ އުފުލައި، މައްސަލަތައް ބެލުމަށް ކުރާ ކަންކަމަކީ، ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން ހިންގާ، ބިރު ދެއްކުމުގެ އަމަލެއް ކަމަށެވެ.