މި އަހަރު އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ، ފާތިމަތު ނަހުލާގެ ފިލްމު "ސޮރީ"ގެ ސައުންޑްޓްރެކް ސްޓްރީމިންއަށް ދޫކޮށްލައިފިއެވެ.
ފަހަކަށް ވުރެ ގިނަ ހައުސްފުލް ޝޯތައް އަޅުވަން މިހާރުވެސް ރެޑީވެފައިވާ ސޮރީ އަކީ ނަހުލާގެ ފޭނުން ބަލަން ކެތްމަދުވެފައިވާ ފިލްމެކެވެ.
ފިލްމު ރިލީޒް ކުރާ ތާރީޚު ކައިރިވާއިރު ޕްރޮޑަކްޝަނުން އަންނަނީ ފިލްމުގެ ގިނަ ޓްރެއިލަރާއި އެނޫންވެސް ޕްރޮމޯޝަނަލް ތަކެތި އާންމުކުރަމުންނެވެ. އެންމެފަހުން މިއޮތީ މުޅި ފިލްމުގެ އޯޑިއޯ ސައުންޑްޓްރެކެވެ.
ސޮރީގެ ސައުންޑްޓްރެކްގައި ޖުމްލަ ހަ ލަވަ ހިމެނެއެވެ. މި ސައުންޑްޓްރެކްގައި ލަވަ ކިޔާފައިވާ ފަންނާނުންގެ ތެރޭގައި މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ)، މަރިޔަމް އަޝްފާ އާއި އިބްރާހީމް އަލީ (ކުޑަ އިއްބެ) ފަދަ ލަވަކިޔުންތެރިން ހިމެނެއެވެ.
https://www.instagram.com/p/DIfr3htxbUa
މިހާރު މި ލަވަތައް ބައިސްކޯފުން ސްޓްރީމްކޮށްލެވޭނެއެވެ.
ނަހުލާގެ ސޮރީ އެޅުވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޖޫން މަހުގެ 17ގައެވެ.
މި ފިލްމުގައި ލީޑް ރޯލުތަކުން ފެންނާނީ މަރިޔަމް އައްޒައާއި ޔޫސުފް ޝަފީއުގެ އިތުރުން ނަހުލާގެ ހަގު ދަރިފުޅު ލާލިއާއި ނަހުލާގެ މާމަ ދަރިފުޅު އެވެލީއެވެ. ފިލްމުގެ އިތުރު ރޯލުތަކުން ޝީލާ ނަޖީބާއި ހުސައިން ސޮބާހު ވެސް ފެންނާނެއެވެ.
ސޮރީއަކީ ނަހުލާ ފިލްމު ޕްރޮޑިއުސް ކުރުމުން ބޮޑު ބްރޭކެއް ނެގުމަށް ފަހު އާންމުންނަށް ދޫކޮށްލާ ފުރަތަމަ ފިލްމެވެ. ނަހުލާ ޕްރޮޑިއުސްކޮށްފައިވާ ފިލްމެއް އެންމެ ފަހުން ނެރެފައިވަނީ 2017ވަނަ އަހަރެވެ. އެއީ، ލޯބީގެ ރަހަތައް ހިމެނޭ ފިލްމު "ބޮސް"އެވެ. އެއަށް ފަހު ނަހުލާ ވަނީ ލޯބީގެ ވެބް ޝޯއެއް ވެސް ތައްޔާރުކޮށްފައެވެ. "ހުވާ" ކިޔާ މި ޝޯ 2018 އިން 2020އަށް ދެއްކިއެވެ.