ފުރަތަމަ ކުއާޓަރުގައި އެސްއޯއީތަކުން ދައުލަތަށް 224 މިލިއަންގެ ފައިދާ

ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް: މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސަރުކާރުގެ އެސްއޯއީތަކުން 224 މިލިއަން ރުފިޔާގެ ފައިދާ ދައުލަތަށް ވަނީ ލިބިފައި -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސަރުކާރުގެ ކުންފުނިތައް (އެސްއޯއީ)ތަކުން 224 މިލިއަން ރުފިޔާގެ ފައިދާ ދައުލަތަށް ލިބިއްޖެއެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އާންމުކުރާ ތަފާސްހިސާބުން ދައްކާ ގޮތުގައި، މި އަހަރުގެ އޭޕްރީލް 10ވަނަ ދުވަހުގެ ނިޔަލަށް އެސްއޯއީތަކުން ޑިވިޑެންޑުގެ ގޮތުގައި 224 މިލިއަން ރުފިޔާ ވަނީ ދައުލަތަށް ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 164 މިލިއަން އިތުރު އަދަދެކެވެ. އެސްއޯއީތަކުން މި އަހަރު ޑިވިޑެންޑުގެ ގޮތުގައި 710 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ތަފާސްހިސާބުގައި ލަފާކޮށްފައިވެއެވެ.

ތަފާސްހިސާބުން ދައްކާ ގޮތުގައި، ފުރަތަމަ ކުއާޓަރުގެ ތެރޭގައި ލިބިފައިވަނީ އެސްއޯއީތަކުން މި އަހަރު ލިބޭނެ ކަމަށް ލަފާކުރި ޖުމްލަ ޑިވިޑެންޑުގެ 31 އިންސައްތައެވެ. އެހެން ކަމުން ބާކީ އޮތް ތިން ކުއާޓަރުގައި ޑިވިޑެންޑުގެ ގޮތުގައި 69 އިންސައްތަ ލިބެން ޖެހެއެވެ.

އެސްއޯއީތަކަށް ފައިދާ ނުވުމުގެ ނަތީޖާއެއްގެ ގޮތުން، މިދިޔަ ފަސް އަހަރުގެ ތެރޭގައި ވެސް އެ ތަންތަނަށް ޑިވިޑެންޑުގެ ގޮތުގައި ލިބޭ ފައިސާގެ އަދަދު، ވަނީ އަހަރަކަށްވުރެ އަހަރެއް ދަށަށް ގޮސްފައެވެ.

އެސްއޯއީތަކުގެ ބެލެނިވެރި ފަރާތަކީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އެވެ. އެސްއޯއީތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ޓަކައި، އެ ތަންތަނުން ލޯނު ނެގުމާއި އިންވެސްޓް ކުރުމުގެ ކުރިން ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ޕީސީބީން ވަނީ ނަމޫނާ ހިންގާ ގަވާއިދެއް، މިދިޔަ ޑިސެންބަރުގައި ފާސްކޮށްފައެވެ.

https://sun.mv/200883

މި ގަވާއިދުގައި ކުރިން އޮންނަ ގޮތުން، އެސްއޯއީތަކުގެ އޮނިގަނޑު އެކުލަވައިލުމާއި، ލޯން ނެގުމާއި އިންވެސްޓް ކުރުމުގެ ކުރިން ހޯދަންޖެހެނީ ޕީސީބީގެ ހުއްދައެވެ. އަދި ކުންފުނީގެ މުވައްޒަފުންނާއި މެނޭޖްމަންޓުގެ މަސައްކަތަށް ބަލައި، ބޯނަސް ޕޭމެންޓެއް ދެވެން އޮންނަނީ ވެސް ޕީސީބީގެ ހުއްދަ ލިބިގެންނެވެ.

މި އުސޫލަށް ގެނައި އިސްލާހާއެކު، ޕީސީބީގެ ބަދަލުގައި ހޯދަންޖެހޭނީ ފިނޭންސް މިނިސްޓްރީގެ ހުއްދައެވެ.

މި ގަވާއިދު އެކުލަވައިލީ، ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި މޮނިޓާކޮށް، އިވެލުއޭޓް ކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ މަގުސަދުތައް ހާސިލް ކުރުމަށެވެ. އަދި މި ގަވާއިދުގެ ދަށުން، އެސްއޯއީތަކާއި ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަން ހިންގުން އިތުރަށް ހަރުދަނާ ކުރުމަށެވެ.

comment ކޮމެންޓް