ކަނޑުގެ ދިރުންތައް އާލާކުރުން ނުވަތަ އެކުއަކަލްޗާގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ސަރަހައްދަކަށް ހުއްދަ ނެތި އަރާ ކޮންމެ މީހަކު 5،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭގޮތަށް އެކުއަކަލްޗާ ކުރުމުގެ ގަވާއިދު އިސްލާހުކޮށްފިއެވެ.
އެކުއަކަލްޗާ ކުރުމުގެ ގަވާއިދަށް ދެވަނަ އިސްލާހު ގެނައުމުގެ ގަވާއިދު، މިދިޔަ އަންގާރައިގައިވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް، އަމަލު ކުރަން ފަށައިފައެވެ.
މީގެ ކުރިން އެ ގަވާއިދުގެ ދަށުން، އެކުއަކަލްޗާއަށް ދޫކުރެވިފައިވާ ސަރަހައްދަކަށް ހުއްދަ ނެތި އަރައިފިނަމަ އަޅާނެ ފިޔަވަޅު ބަޔާންކޮށްފައި ނުވެއެވެ. އެ ގަވާއިދަށް ގެނައި ދެވަނަ އިސްލާހުގައިވަނީ، ހުއްދަ ނެތި އެ ފަދަ ސަރަހައްދަކަށް އަރާ ކޮންމެ މީހަކު 5،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ. އަދި އެ ގަވާއިދުގައި ވަކި ކަމެއް ވަކި ގޮތަކަށް ކުރަންޖެހޭނެ ކަމަށް ބަޔާންކޮށްފިނަމަ، ނުވަތަ ވަކި ކަމެއް ކުރަންޖެހޭ ހާލަތެއްގައި އެ ކަމެއް ނުކޮށް ދޫކޮށްލައިފިނަމަ، އެ ކަމެއްގެ ކުޑަބޮޑުމިނަށް ބެލުމަށް ފަހު އެ ފަރާތެއް 5،000 ރުފިޔާއަށްވުރެ ބޮޑު އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
މި ގަވާއިދުގެ ދަށުން ކުރެވޭ ބައެއް އިތުރު ޖޫރިމަނާތައް:
- އެކުއަކަލްޗާ ކޮށްގެން އުފައްދާ ދިރުން، ރާއްޖޭގެ ގުދުރަތީ ތިމާވެށްޓަށް ދޫކޮށްފިނަމަ، 5،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ
- މިނިސްޓްރީން ކަނޑައަޅާ މިންގަނޑަށް ފެތޭ ފެންވަރަށް ސާފުނުކޮށް، އެކުއަކަލްޗާ ކުރުމަށް ބޭނުންކުރާ ފެން، ރާއްޖޭގެ ގުދުރަތީ ވެށްތަށް ދޫކޮށްފިނަމަ، 200،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ
- އެކުއަކަލްޗާ ފެސިލިޓީގައި ބަލިބައްޔަށް ފަރުވާ ކުރުމަށް ބޭސް ނުވަތަ ކެމިކަލް ބޭނުންކުރުމަށްފަހު، އެ ތަންތަނުގައި ބޭނުންކުރާ ފެން، މިނިސްޓްރީން ކަނޑައަޅާ މިންގަނޑަށް ފެތޭ ފެންވަރަށްވުރެ ސާފުނުކޮށް، ރާއްޖޭގެ ގުދުރަތީ ވެށްޓަން ދޫކޮށްފިނަމަ ވެސް، 200،000އާ ހަމައަށް ޖޫރިމަނާ ކުރެވޭނެ
އެކުއަކަލްޗާ ކުރުމުގެ ގަވާއިދަކީ، ރާއްޖޭގެ މަސްވެރިކަމުގެ ގާނޫނުން ފިޝަރީޒް މިނިސްޓްރީއަށް ލިބިދޭ ބާރުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދެކެވެ.
މި ގަވާއިދުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި، ރާއްޖޭގައި އެކުއަކަލްޗާގެ އެންމެހާ ހަރަކާތްތައް ކުރިޔަށް ގެންދަނީ ގުދުރަތީ ތިމާވެށްޓާއި، ދިރޭތަކެތީގެ މުއްސަނދިކަމާއި ވިރާސީ ގުޅުން އޭގެ ޒާތުގައި ދެމެހެއްޓުމާއެކު، ގުދުރަތީ ވަސީލަތްތަކުގެ ރީތިކަން މިހާރުގެ ޖީލުތަކަށާއި، އަންނާން އޮތް ޖީލުތަކުގެ މަންފާއަށް ރައްކާތެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކަށަވަރު ކުރެވޭނެ އުސޫލުތައް ކަނޑައެޅުން ހިމެނެއެވެ.