ރާއްޖޭގެ ޔުނިވާސިޓީއަކުން މުޅިން އަލަށް، އެންމެ ފުރަތަމައަށް ދިން އޮނޮރަރީ ޑޮކްޓަރޭޓޫކަން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް)އިން މިރޭ، ޝައިޚް އިސްމާއިލް މުހައްމަދަށް އަރުވައިފިއެވެ.
އައިޔޫއެމްގެ ދަސްވެނިވުމުގެ ހަފްލާގައި މިރޭ މި ލަގަބު ޝައިޚް އިސްމާއިލަށް އަރުވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުއިއްޒެވެ.
ރާއްޖޭގައި އިސްލާމީ އިލްމާ ގުޅޭ ކަންކަން ފެތުރުއްވުމުގައި ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި މ. ޠައިބާ ޝެއިޚް އިސްމާއީލަށް މި އޮނޮރަރީ ޑޮކްޓަރޭޓްކަން އަރުވައިފައިވަނީ އިސްލާމީ އިލްމު ފެތުރުއްވުމަށް ކުރެއްވި ޚިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.

ޝައިޚް އިސްމާއިލް މުހައްމަދު --
ޝެއިޚް އިސްމާއީލް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1935 ވަނަ އަހަރު ދ. މީދޫ އަށެވެ. ޝެއިޚް އިސްމާއީލް ވަނީ މަދީނާ އިސްލާމިކް ޔުނިވާސިޓީގައި ކުއްލިއްޔަތުއް ދައުވާ ވަލް އުސޫލުލް ދީންގެ ދާއިރާއިން ކިޔަވައި ވިދާޅުވެ 1972ވަނަ ޑިގްރީ ހާސިލް ކުރައްވައިފައެވެ.
އެއިއިރު ޝެއިޚް އިސްމާއިލް ވެވަޑައިގަތީ އެ ޔުނިވާސިޓީން އެންމެ ފުރަތަމަ ޑިގްރީއެއް ހާސިލްކުރެއްވި ދިވެހި ދަރިވަރަށެެވެ.
ޝެއިޚް އިސްމާއީލްވަނީ ގިނަ ދިވެހި ދަރިވަރުންތަކަކަށް އިލްމު އުނގެނުމުގައި އެހީތެރިކަން ފޯރުކޮށްދެއްވައިފައެވެ. އޭގެ ތެރޭގައި މިހާރު ރާއްޖޭގެ އިސް މަގާމުތަކުގައި އުޅުއްވައި، އަދި އެފަދަ އިސް މަގާމުތައް ފުރުއްވި ބޭފުޅުން ހިމެނެއެވެ.
ބައި ގަރުނަށްވުރެ ގިނަ ދުވަހު، އިސްލާމީ އިލްމުގެ ދާއިރާއިން އެތައް ޚިދުމަތެއް ކޮށްދެއްވަމުން ގެންދަވާ ޝެއިޚް އިސްމާއީލްގެ ފަރާތްޕުޅުން މިދިޔަ މަހުގެ 15ގައިވަނީ ހުޅުމާލެ ފޭސް އެކެއްގައި މިސްކިތެއް ބިނާކުރުމުގެ މަސައްކަތް ވެސް ފައްޓަވައިފައެވެ.

ޝައިޚް އިސްމާއީލްގެ އެހީގައި ބިނާކުރާ މިސްކިތުގެ ބިންގާ އެޅުން -- ފޮޓޯ: ރައީސް އޮފީސް
މަދީނާ އިންވެސްޓްމަންޓްގެ މެނޭޖްމަންޓުގެ ދަށުން ޢިމާރާތްކުރާ މި މިސްކިތަކީ، ޝައިޚް އިސްމާޢީލު މުޙައްމަދުގެ ދީލަތި އެހީގައި ބިނާކުރެވޭ މިސްކިތެކެވެ. ދެ ފަންގިފިލާއަށް ޢިމާރާތްކުރާ، ދެހާސް މީހުންގެ ޖާގައިގެ މި މިސްކިތް ނިސްބަތްކުރެވިފައިވަނީ ކީރިތި ރަސޫލާގެ އަނބިކަނބަލުން އުންމުލްމުއުމިނީން ޢާއިޝާ (ރޟޢ) އަށެވެ.
ރިސާޗް ލައިބްރަރީއަކާއެކު ބިނާކުރާ މި މިސްކިތުގައި އަންހެނުންނަށް ނަމާދު ކުރެވޭ ޖާގައަކާއި، އަންހެނުންނަށް ޚާއްޞަ ފާޚާނާއެއް ވެސް ހިމެނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މިސްކިތުގައި ކަރަންޓު އުފެއްދުމަށް ނިންމާފައިވަނީ، އިރުގެ ހަކަތަ ބޭނުންކޮށްގެންނެވެ.