ސްޕެނިޝް ލަލީގާގެ އެއްވަނައިގައި އޮތް އެފްސީ ބާސެލޯނާއިން އެންމެ ފަހު ވަގުތު، ފަހަތުން އަރައި ސެލްޓަ ވީގޯ ބަލިކޮށް، ލީގު ކާމިޔާބުކުރުމާ އެއް ފިޔަވަޅު ގާތަށް ޖެހިލައިފިއެވެ.
ބާސާގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 4-3 އިންނެވެ.
ރޭގެ މެޗުވީ ބާސާއަށް ވަރަށް އުނދަގޫ މެޗަކަށެވެ. އެ ޓީމުން 12 ވަނަ މިނެޓުގައި ލީޑު ނެގި ނަމަވެސް އެ ޓީމަށް މެޗު ކާމިޔާބުކުރުންވީ އުނދަގޫ ކަމަކަށެވެެ. ފުރަތަމަ ލަނޑު އެ ޓީމަށް ޖަހައިދިނީ ފެރާން ޓޯރޭޒެވެ.
ނަމަވެސް، އެ ލަނޑު ޖެހިތާ ތިން މިނެޓު ފަހުން ބޯހާ އިގްލޭސިއެސް ކާމިޔާބުކޮށްދިން ލަނޑުން ސެލްޓާއިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. އޭނާ ވަނީ 52 ވަނަ މިނެޓުގައި އިތުރު ލަނޑެއް ޖަހައި ލީޑު ވެސް ނަގައިދީފައެވެ. އަދި، އޭގެ 10 މިނެޓު ފަހުން އޭނާ ވަނީ ހެޓްރިކް ވެސް ފުރިހަމަކޮށްފައެވެ.
ބާސާއިން ވަނީ އޭގެ ދެ މިނެޓު ފަހުން ޑެނީ އޮލްމޯ ޖަހައިދިން ލަނޑުން ފަރަގު ކުޑަކޮށްފައެވެ.
އޭގެ ފަހުން، 68 ވަނަ މިނެޓުގައި މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ބާސާގެ ކެޕްޓަން ރަފީނިއާ ވަނީ ބާސާއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. ބާސާ މެޗުން މޮޅުވި ލަނޑު ވެސް އިތުރު ވަގުތުގެ އަށްވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ ރަފީނިއާއެވެ.
މި ކާމިޔާބީއާ އެކު ބާސާއިން އެއްވަނައިގައި އޮތީ 73 ޕޮއިންޓާ އެކެވެ. އަދި، ބާކީ ހަ މެޗު އިތުރަށް ކުޅެން އޮތްއިރު، ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާ ދެމެދު ހަތް ޕޮއިންޓްގެ ތަފާތެއް އެބަހުއްޓެވެ. ނަމަވެސް، މި ހަފުތާގައި ރެއާލް ކުޅޭ މެޗު ކާމިޔާބުކޮށްފިނަމަ، މި ފަރަގު ހަތަރު ޕޮއިންޓަށް ކުޑަކުރުމުގެ ފުރުސަތު އޮންނާނެއެވެ.
މި މެޗުން ބަލިވުމުން ސެލްޓާ އޮތީ 43 ޕޮއިންޓާ އެކު އަށްވަނައިގައެވެ.
މި މުބާރާތުގެ ތިންވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާއި ލާސް ޕާލްމާސް ބައްދަލުކުރި މެޗު 1-0 އިން ކާމިޔާބުކޮށްފައިވަނީ ލާސް ޕާލްމާސްއިންނެވެ. މެޗުގެ ހަމައެކަނި ލަނޑު އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހާވިއޭ މުނޯޒެވެ.
މި ނާކާމިޔާބީއާ އެކު އެތުލެޓިކޯ އޮތީ 63 ޕޮއިންޓާ އެކު ތިންވަނައިގައެވެ. ލާސް ޕާލްމާސް އޮތީ 32 ޕޮއިންޓާ އެކު 17 ވަނައިގައެވެ.