7،971 ދަރިވަރުންނާއެކު 260 ސްކޫލެއްގައި އޯ ލެވެލް އިމްތިހާނު މިއަދު ފަށައިފި

އޯލެވެލް އިމްތިހާނު ހަދާ ދަރިވަރުންތަކެއް: 7،971 ދަރިވަރުންނާއެކު 260 ސްކޫލެއްގައި އޯ ލެވެލް އިމްތިހާނު މިއަދު ފަށައިފި --

ރާއްޖޭގައި އޯ ލެވެލްއަށް ކިޔަވައިދޭ ހުރިހާ ސްކޫލެއްގައި މިއަދު އޯ ލެވެލް އިމްތިހާނު ފަށައިފިއެވެ.

މަސް ދުވަހުގެ ބޮޑު ޗުއްޓީއަކަށްފަހު ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާފައި ވަނީ އޭޕްރީލް 07، 2025ގައެވެ.

މިއަދު ވަނީ ރާއްޖޭގައި އޯ ލެވަލްއަށް ކިޔަވައިދޭ 260 ސްކޫލުގައި އޯ ލެވަލް އިމްތިހާނު ފަށައިފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން "ސަން" އަށް މައުލޫމާތު ދެމުން ބުނީ އޭގެ ތެރޭގައި ހިމެނެނީ އަތޮޅުތެރެއިން 237 ސްކޫލެއްގައި ކަމަށާއި މާލެ ސަރަޙައްދުން 23 ސްކޫލެއްގައި ކަމަށެވެ.

ޖުމުލަ 7،971 ދަރިވަރުން މިފަހަރު އޯ ލެވަލް އިމްތިހާނު ހަދާއިރު އޭގެ ތެރެއިން އައިޖީސީއެސްއީ އިމްތިހާނު ހަދަނީ 7،666 ދަރިވަރުން ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި އެސްއެސްސީ އިމްތިހާނު ހަދަނީ 7،519 ދަރިވަރުން ކަމަށް މިނިސްޓްރީން މައުލޫމާތު ދިނެވެ.

މި އަހަރުގެ ކިޔެވުން ފަށާފައި ވަނީ 90،000 އެއްހައި ދަރިވަރުންނާ އެކުގައެވެ.

ދަރިވަރުންތަކެއް ސްކޫލަށް ވަންނަނީ: ދިރާސީ އާ އަހަރުގެ ކިޔެވުން ވަނީ ފަށާފައި -- ސަން ފޮޓޯ/ މޫސާ ނަދީމް

އެގޮތުން މާލޭ ސަރަޙައްދުގައި ގްރޭޑް އެކަކަށް 2،000 އަށްވުރެ ގިނަ ދަރިވަރުން އަލަށް ވައްދާފައިވާ ކަމަށާއި، މުޅި ރާއްޖެއިން 5،000 އަށްވުރެ ގިނަ ދަރިވަރުން ގްރޭޑް އެކަކަށް އަލަށް ވައްދާފައިވާކަމަށް މިނިސްޓްރީއިން ވަނީ މީގެ ކުރިން މައުލޫމާތު ދީފައެވެ.

މިނިސްޓްރީން ބުނީ މި ދިރާސީ އައު އަހަރު އަތޮޅުތެރޭގެ ސްކޫލުތަކުން މާލޭ ސަރަޙައްދުގެ ސްކޫލުތަކަށް 1،200 އަށްވުރެ ގިނަ ދަރިވަރުން ބަދަލުވެފައިވާ ކަމަށެވެ. އަދި އަތޮޅުތެރޭގައި އެއް ސްކޫލުން އަނެއް ސްކޫލްއަށް 500 އަށްވުރެ ގިނަ ދަރިވަރުން ބަދަލުވެފައިވާ ކަމަށާއި ސަރުކާރު ސްކޫލުތަކުގައި ޖުމްލަ 84،000 އެއްހައި ދަރިވަރުން ކިޔަވަމުން އަންނަ ކަމަށެވެ.

https://sun.mv/204483

މިނިސްޓްރީއިން ބުނީ އެހެން އަހަރުތަކާއި އެއްގޮތަކަށް މި އަހަރުވެސް މާލެ ސަރަހައްދުގައި ކިޔަވާ ދަރިވަރުންގެ އަދަދު އިތުރު ކަމަށާއި މި އަހަރު، ކިޔަވާ ދަރިވަރުންގެ 33 އިންސައްތަ ދަރިވަރުން ކިޔަވަނީ މާލެ ސަހަރައްދުގެ ސްކޫލުތަކުގައި ކަމަށެވެ.

މިނިސްޓްރީއިން ބުނީ މި ދިރާސީ އަހަރުގެ ކިޔެވުން ފަށާފައި ވަނީ 11،000 ޓީޗަރުންނާ އެކުގައި ކަމަށެވެ. އޭގެތެރެއިން 10،000 ޓީޗަރުންނަކީ ސަރުކާރު ސްކޫލުތަކުގައި މަސައްކަތް ކުރާ ޓީޗަރުންކަން ވެސް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

އަދި އެޑިއުކޭޝަން މިނިސްޓްރު ޑރ. އިސްމާއިލް ޝަފީއު ވަނީ މި އަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާފައި ވަނީ ދަރިވަރުންނަށް ބޭނުންވާނޭ ހުރިހާ ވަސީލަތްތަކަކާއި އެކުގައި ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް