ވޮޝިންޓަން (20 އެޕްރީލް 2025) : އީޓަލީގެ ވެރިރަށް ރޯމްގައި އިއްޔެ ކުރިޔަށްދިޔަ އީރާނުގެ ނިއުކްލިޔާ ވާހަކަތަކަށް ކުރިއެރުން ލިބިފައިވާ ކަމަށާއި ވާހަކަތައް ކުރިޔަށްދިޔައީ ރަނގަޅު މާހައުލެއްގައި ކަމަށް އެމެރިކާގެ ޚާރިޖިއްޔާއިން ބުނެފިއެވެ.
އެމެރިކާގެ ޚާރިޖީ ވުޒާރާގެ މަސްއޫލުވެރިއަކު ވިދާޅުވީ ވާހަކަތަކާމެދު އެމެރިކާ ހިތްހަމަޖެހޭ ކަމުގައެވެ. ކުރިއެރުންތަކެއް ވެސް ލިބިފައިވާ ކަމުގައެވެ.
މި ވާހަކަތައް އިޓަލީގައި އިއްޔެ ބޭއްވިނަމަވެސް އެމެރިކާއާއި އީރާނާދެމެދު މެދުވެރިއެއްގެ ބައި އަދާކުރީ ގަލްފުގެ އަރަބި ގައުމެއްކަމަށްވާ އުމާން އިންނެވެ. އުމާންގެ ފަރާތުން މި ދައުރު އަދާކުރެއްވީ އެ ގައުމުގެ ޚާރިޖީ ވަޒީރު ބަދްރުބިން ހައްމާދު އަލްބޫސައޫދީ އެވެ.
މިއީ ޓްރަމްޕްގެ ސަރުކާރުގެ އެދުމުގެ މަތިން އީރާނުގެ ނިއުކްލިޔާ މައްސަލަ ހައްލުކުރުމަށް ބާއްވާ ވާހަކަތަކެކެވެ. ޓްރަމްޕް އެދިވަޑައިގަތީ އީރާނާއެކު ސީދާ ވާހަކަތައް ބޭއްވުމަށެވެ. ނަމަވެސް އީރާން ބޭނުންވީ އެމެރިކާއިން އީރާނަށް ބިރުދައްކައި, ބުލީކޮށް, ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އަޅަމުން ގެންދާތީ ވާހަކަތައް ނުސީދާ ގޮތެއްގައި ކުރިޔަށް ގެންދިޔުމަށެވެ. ސީދާ ގޮތެއްގައި އެމެރިކާ އާ ވާހަކަ ނުދެއްކުމަށެވެ.

އީރާނުގެ ވަފުދު އިޓަލީއަށް ވަޑައިގެން އިޓަލީގެ މަސްއޫލުވެރިންނާ ބައްދަލުކުރައްވަނީ
އެހެންކަމުން ވާހަކަތައް ކުރިޔަށް ދިޔައީ ނުސީދާ ކޮށެވެ. އުމާންގެ ޚާރިޖީ ވަޒީރު މެދުވެރިއަކަށް ވެވަޑައިގެންނެވެ. އެމެރިކާގެ ފަރާތުން ވާހަކަތަކުގައި ބައިވެރިވަނީ ޓްރަމްޕްގެ މަންދޫބު ސްޓީވަން ވިޓްކޯވް އެވެ. އީރާނުގެ ފަރާތުން ޚާރިޖީ ވަޒީރު ސައްޔިދު އައްބާސް އިރަގްޖީ އެވެ.
އީރާނުން ވެސް ވަނީ ރޯމްގައި ބޭއްވި ވާހަކަތައް ކުރިޔަށްދިޔައީ ރަނގަޅު މާހައުލެއްގައި ކަމަށް ބުނެފައެވެ.
އުމާންގެ ޚާރިޖީ ވަޒީރު ބަދްރުބިން ހައްމާދު އަލްބޫސައޫދީ ވިދާޅުވިގޮތުގައި އެމެރިކާއާއި އީރާނުން ވާހަކަތައް ބިނާކުރީ ދެ މަގްސަދެއް ހާސިލް ކުރުމުގެ މައްޗަށެވެ. އެއީ އީރާނުން ނިއުކްލިޔާ ހަތިޔާރު ނުއުފައްދާނެކަމުގެ ގެރެންޓީ އެމެރިކާއަށް ދިނުމާއި އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ މައްޗަށެވެ.
މިއީ އީރާން ބޭނުންވާ ގޮތެވެ. ނިއުކްލިޔާ ހަތިޔާރު އުފެއްދުމަކީ މިހާރު އީރާން ބޭނުންވާކަމެއް ނޫނެވެ. އެއީ މި ވަގުތަށް އީރާނަށް މަސްލަހަތު ހުރިކަމަކަށްނުވާތީއެވެ. އެކަން ކުރަން އީރާން ބޭނުންވަނީ އެމެރިކާ ނޫނީ އިސްރާއީލުން އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް އިސްވެ ހަމަލާ ދީފި ހާލަތެއްގައެވެ. އޭރުން ނިއުކްލިޔާ ހަތިޔާރު އުފެއްދީ އަމިއްލަ ނަފްސުގެ ދިފާއުގައި އެހެން ގޮތެއް ނެތިގެންކަމަށް ބުނެ އެކަން ދިފާއު ކުރާނެ ފުރުސަތު އީރާނަށް އޮންނާނެތީއެވެ.
އީރާން ބޭނުންވަނީ ނިއުކްލިޔާ ހަތިޔާރު ނުއުފައްދައި އެހެންނަމަވެސް މަދަނީ ބޭނުންތަކަށް ނިއުކްލިޔާ ޓެކްނޮލޮޖީ ތަރައްގީ ކުރުމުގެ ކަންތައް ކުރިޔަށް ގެންގޮސްގެން އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތް ވާށެވެ. ނަމަވެސް އީރާނަކީ އިސްރާއީލު ނައްތާލަން ގޮވާލާ ހަމައެކަނި ގައުމަށްވެފައި އިސްރާއީލާ ދެކޮޅަށް ކުރާ ޖިހާދަށް ވާގިވެރިވާ ހަަމައެކަނި ގައުމަކީ އީރާން ކަމަށްވާތީ އެެމެރިކާގެ ފިޔަވަޅުތަކުން ސަލާމަތް ވުމަކީ އީރާނަށް ފަސޭހަ ކަމެއްނޫނެވެ. އެއީ ޔަހޫދީންގެ ބާރު އެމެރިކާގައި ބޮޑުކަމުންނެވެ.
ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވާން އީރާން ބޭނުން ވަނީ ނިއުކްލިޔާ ހަތިޔާރު ދޫކޮށްލުމަށްފަހު އީރާނުގެ ބަލިސްޓިކް މިސައިލް ޓެކްނޮލޮޖީ އާއި ފަޒާގެ ޓެކްނޮލޮޖީ އާއި އަދި ކޮންވެންޝަނަލް ހަތިޔާރުގެ ޓެކްނޮލޮޖީ ތަރައްގީ ކުރުން ދޫކޮށް ނުލާގޮތަށެވެ.
އެމެރިކާ ބޭނުން ވަނީ މި ހުރިހާ ޓެކްނޮލޮޖީއަކުން ވެސް އީރާން މަހުރޫމް ކުރުވާގޮތަށް ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށެވެ. ނަމަވެސް އީރާން ވަނީ ނިއުކްލިޔާ މަދަނީ ޓެކްނޮލޮޖީ އާއި ބަލިސްޓިކް މިސައިލް ޓެކްނޮލޮޖީ އާއި ފަޒާގެ ޓެކްނޮލޮޖީ އާއި އަދި ކޮންވެންޝަނަލް ހަތިޔާރުގެ ޓެކްނޮލޮޖީގެ ދިފާއުގައި އެންމެ ފަހުމީހާއާ ޖެހެންދެން އެ ގައުމު ހަނގުރާމަކޮށް އެތަކެތި ދިފާއު ކުރާނެކަމުގެ އިންޒާރު އެމެރިކާއަށް ދީފައެވެ. އަދި މިތަކެތި ދޫކޮށްލުމާ ބެހޭގޮތުން އެމެރިކާއާ ވާހަކަ ނުދައްކާނެކަންވެސް ތަކުރާރުކޮށް އީރާން ވަނީ އެމެެރިކާއަށް އަންގާފައެވެ.
އީރާން ބުނާގޮތުން އެމެރިކާއާ ގުޅުންތައް ރަނގަޅުކޮށް ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތް ވާން އީރާން ބޭނުންވަނީ އެމެރިކާގެ ގޮނޑިކޮއްކޮ އަކަށް ވެގެނެއް ނޫނެވެ. އެކަންކުރާނީ ފުރިހަމަ ބާރުގައި އޮވެގެންނެވެ. އީރާނުގެ މިނިވަންކަމާއި ސިޔާދަތާއި އަދި އެމެރިކާގެ ކުރިމަތީގައި އަމިއްލަ ނިންމުންތައް ނިންމުމުގެ ބާރު ބާއްވައިގެންނެވެ. އަދި އެބާރުގެ ބޭނުން ހިފައިގެން އީރާނަށް އިހުތިރާމް ކުރަން އެމެރިކާއަށް މަޖުބޫރުކޮށްގެންނެވެ.
މިއީ އިސްރާއީލު ބޭނުންވާ ގޮތެއް ނޫނެވެ. އެެހެންކަމުން އެމެރިކާއާއި އީރާނުގެ ނިއުކްލިޔާ ވާހަކަތައް ނާކާމިޔާބު ކޮށްލުމަށް އިސްރާއީލުން ބޮޑެތި މަސައްކަތްތަކެއް ކޮށް ރޭވުންތަކެއް ރާވާނެކަމަށް މުހައްލިލުން ވިދާޅުވެއެވެ.