"ދިރާގު ފުވައްމުލައް ރަން 2025" (ޑީއެފްއާރް)ގެ ބިބް އަދި ރޭސް ކިޓް މިއަދު ދޫކުރަން ފަށާނެ ކަމަށް ދިރާގުން ބުނެފިއެވެ.
މި ރަންއަކީ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ މަގުބޫލު ދުވުން ކަމުގައިވާ "ދިރާގު މޯލްޑިވްސް ރޯޑު ރޭސް"ގެ އާ އެޑިޝަނެކެވެ. ދިރާގުން ބުނި ގޮތުގައި މި ރަން އޮންނާނީ މެއި 02، 2025ވާ ހުކުރު ދުވަހު ފުވައްމުލައް ސިޓީގައެވެ.
ދިރާގުން ބުނީ، ޑީއެފްއާރްގެ ބިބް އެކްސްޕޯ ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މިއަދާއި މާދަމާ އަމީނީ މަގުގައި ހުންނަ ދިރާގު ހެޑް އޮފީހުގެ ފުރަތަމަ ފަންގިފިލާގައި ގާއިމުކޮށްފައިވާ ބިބް އެކްސްޕޯ ސެންޓަރުގައި ކަމަށެވެ.
އެގޮތުން މިއަދު ބިބް އެކްސްޕޯ ކުރިއަށް ދާނެ ގަޑިތަކަކީ:
- މެންދުރު ފަހު 14:00އިން ހަވީރު 18:00އާ ހަމައަށް
- ރޭގަނޑު 20:00އިން 22:00އާ ހަމައަށް
މާދަމާ ބިބް އެކްސްޕޯ ކުރިއަށް ދާނެ ގަޑިތަކަކީ:
- ހެނދުނު 09:00އިން މެންދުރު 12:00އާ ހަމައަށް
- މެންދުރު ފަހު 14:00އިން ހަވީރު 18:00އާ ހަމައަށް
- ރޭގަނޑު 20:00އިން 22:00އާ ހަމައަށް
ދިރާގު ރޯޑް ރޭސް 2023ގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު މާހިލް އާތިފް
ދިރާގުން ބުނީ، މި ދެ ދުވަހަށް ފަހު ދެން ބިބް އެކްސްޕޯ ކުރިއަށްދާނީ ދުވުން އޮންނަ ފުވައްމުލަކު ސިޓީގައި އޭޕްރީލް 30، 2025 ވަނަ ދުވަހާއި މެއި 01، 2025 ވަނަ ދުވަހު، ސިޓީ ކައުންސިލް އޮފީހުގެ ކުރުނދުމާ މާލަމުގައި ކަމަށެވެ.
އެގޮތުން، އެ ދެ ދުވަހު ބިބް އެކްސްޕޯ އޮންނާނެ ގަޑިތަކަކީ:
- ހެނދުނު 09:00އިން މެންދުރު 12:00އާ ހަމައަށް
- މެންދުރު ފަހު 14:00އިން ހަވީރު 18:00އާ ހަމައަށް
- ރޭގަނޑު 20:00އިން 22:00އާ ހަމައަށް
ކޮންމެ ރޭސް ކިޓެއްގައި ވެސް ޓައިމިން ޗިޕް އެކުލެވޭ ބިބް، ޓީޝާޓް، ސްޓްރިން ބޭގް އަދި ހަތަރު ނަރުދަތި ހިމެނޭނެ ކަމަށް ދިރާގުން ބުންޏެވެ. އަދި، ރޭސް ކިޓު ހަވާލުކުރެވޭނީ ދުވުންތެރިޔާގެ އައިޑީ ކާޑު އަދި ބިބް ނަންބަރު ހުށަހެޅުމުން ކަމަށް ދިރާގުން ބުންޏެވެ.
މި ދުވުމުގައި ބައިވެރިވާ މީހުން މާލެއިން ނުވަތަ ފުވައްމުލަކުން ބިބް އަދި ރޭސް ކިޓު ނެގުމަށް ދިރާގުން ވަނީ އެދިފައެވެ.
މި ދުވުން ފުވައްމުލަކުގައި ބާއްވަނީ އެ ސިޓީއަކީ ދުވުންތެރިންނަށް ޚާއްސަ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓުކުރަން ކަމަށާއި ދިވެހި ދުންވުންތެރިންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭން ކަމަށް ދިރާގުން ވަނީ މީގެ ކުރިން ބުނެފައެވެ. ރާއްޖޭގެ ރީތިކަމަށް ދުނިޔޭގެ ސަމާލުކަން ހޯދައި، އަދި ލޯކަލް ޓޫރިޒަމް ފުޅާކުރުމަކީ ވެސް މި ދުވުން ފުވައްމުލަކުގައި ބޭއްވުމުގެ މަގުސަދެއް ކަމަށް ދިރާގުން ބުންޏެވެ.
މި ދުވުމުގައި ބައިވެރިވެ، ވަނަތައް ހޯދާ މީހުންނަށް ދިރާގުން ވަނީ ބޮޑެތި އިނާމުތަކެއް ދޭން ނިންމާފައެވެ. އެގޮތުން، ވަނަތަކަށް ހޮވޭ މީހުންނަށް ޖުމުލަ 232،000 ރުފިޔާ ދޭން ނިންމާފައިވެއެވެ.
ދިރާގުން ބުނީ، މި ރޭސް ފުވައްމުލައް ސިޓީގައި ބޭއްވި ނަމަވެސް އޮކްޓޯބަރު 24ގައި ހުޅުމާލޭގައި ވެސް ބާއްވާނެ ކަމަށެވެ.