މިދިޔަ 20 އަހަރުތެރޭ ސިޔާސީ ޕާޓީތަކުން ރައްޔިތުންނަށް ދިނީ ''ދަރަނި ފުންޏެއް'': އުމަރު

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު -- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

މިދިޔަ 20 ވަރަކަށް އަހަރު ތެރޭގައި ރާއްޖޭގެ ސިޔާސީ ޕާޓީތަކުން ރައްޔިތުންނަށް ދިނީ "ދަރަނި ފުންޏެއް" ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އެސްއެސްޓީވީގެ "ބާރު ހަތަރެއް"ގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ 20 އަހަރުވަންދެން ރައްޔިތުން ސިޔާސީ ޕާޓީތައް ޓެސްޓުކޮށްފި ކަމަށެވެ. އެހެން ނަމަވެސް، ކޮންމެ ސިޔާސީ ޕާޓީއަކުން ވެސް އިސްކަންދެނީ، ދައުލަތުގެ ތިޖުރީ ހުސްކޮށްލުމަށް ކަމަށް އުމަރު ތުހުމަތު ކުރެއްވިއެވެ.

"އެއީ ބަހައިގެންނާއި ތިޖޫރީން ވައްކަން ކޮށްގެން. ސިޔާސީ ޕާޓީތަކުގެ މީހުންނަށް ފައިސާ ދީގެންނާއި އެ މީހުން ބޭނުންވާ އެއްޗެހި ދީގެންނާއި ކޮރަޕްޝަން ހިންގައިގެން. މިއީ ސިޔާސީ ޕާޓީތަކުން 20 އަހަރު ދުވަސްވަން ރާއްޖެއަށް ގެނެސްދިން ދަރަނި," އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވާ ގޮތުގައި މަލްޓި ޕާޓީ ނިޒާމު ރާއްޖޭގައިވަނީ ފެއިލްވެފައެވެ. އޭނާ ސިފަ ކުރައްވާ ގޮތުގައި ސިޔާސީ ޕާޓީތައް މިހާރު ވެފައިވަނީ ގައުމުގެ ކުރިމަގަށް އެޅޭ ހުރަކަށެވެ. އެ ގޮތުން އެންމެ ސިޔާސީ ޕާޓީއަކުން ވެސް ރައްޔިތުންނަށްވާ ވައުދުތަކުގެ މަތީގައި ދެމިނުތިބޭ ކަމަށާއި، ވެރިކަމުން ފައިބާއިރު، މުޅި ގައުމު އޮންނަނީ ފަހަތަށް ސޮއްސާލާފައި ކަމަށް އޭނާ ވިދާޅުވިއެވެ. ސިޔާސީ ޕާޓީތަކުން ވެރިކަމަށް އައިސް، އެ މީހުންގެ މީހުންނަށް ދައުލަތް ބަހައިލަނީ ކަމަށާއި، ނަތީޖާއެއްގެ ގޮތުން ގައުމު އޮތީ ދަރައި ހުސްވެފައި ކަމަށް އުމަރު ވިދާޅުވިއެވެ.

"ސިޔާސީ ޕާޓީތަކުން އައިސް އެ މީހުންގެ މީހުންނަށް ދައުލަތް ބަހާލީ، ވަޒީފާތައް ބަހާލީ، ބިންތައް ބަހާލީ، ފަޅުރަށްތައް ބަހާލީ، ތިޖޫރީ ބަހާލީ. އޭގެ ނަތީޖާއަކީ އަޅުގަނޑުމެން ގައުމު ހުސްވުން. އަޅުގަނޑުމެން މި ތިބީ ދަރައި ވިކިފައި," އުމަރު ވިދާޅުވިއެވެ.

ބައެއް ގައުމުތަކުން މިސާލު ނަންގަވައި، އުމަރު ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ދިވެހީން ނޫނެކޭ ބުނާ ދުވަސް އޮތީ ވަރަށް ކައިރީގައި ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުން ރާއްޖެއަށްވީ އިހުމާލުން ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް ޓަކައި ވަރުގަދަ ލީޑަރެއް މި ގައުމަށް ބޭނުންވާ ކަމަށާއި، ވޯޓުދޭއިރު، ރައްޔިތުން އިސްކަން ކުރަންވީ ޕާޓީގެ ބަދަލުގައި ގާބިލް މީހާކަން އުމަރު ފާހަގަ ކުރެއްވިއެވެ.

މިދިޔަ ރިޔާސީ އިންތިޚާބުގެ ކުރިން 2008 ވަނަ އަހަރު ބޭއްވި ފުރަތަމަ މަލްޓި ޕާޓީ ރިޔާސީ އިންތިޚާބުގައި ވެސް އުމަރު ވާދަކުރެއްވިއެވެ. އެ އިންތިޚާބުގައި އުމަރަށް ލިބިވަޑައިގަތީ 2،472 ވޯޓެވެ. އޭގެ ފަހުން، ޕީޕީއެމް އުފެއްދުމުގައި އުމަރު އިސް ދައުރެއް އަދާކުރެއްވިއެވެ. އެ ޕާޓީގެ ޓިކެޓަށް 2013 ވަނަ އަހަރުގެ ރިޔާސީ ޕްރައިމަރީގައި ވެސް ވާދަކުރެއްވިއެވެ.

އެކަމަކު، އެ ފަހަރު ޕީޕީއެމް ޓިކެޓާ އެކު ވެރިކަމަށް ވަޑައިގަތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. އެ މަނިކުފާނުގެ ވެރިކަމުގައި ހޯމް މިނިސްޓަރުކަން އުމަރަށް ދެއްވިއެވެ. ނަމަވެސް، ވަކި ހިސާބަކުން އުމަރު އަމިއްލަފުޅަށް މަގާމުން އިސްތިއުފާދެއްވިއެވެ.

comment ކޮމެންޓް