ސާޅީސް އެގްޒިބިޓަރުންނާއެކު ބާއްވާ "ވެކޭޝަންސް އެކްސްޕޯ 2025" މިއަދު ނިންމާލާނެއެވެ.
މި އެކްސްޕޯއަކީ ހަމައެކަނި ޒިޔާރަތްކޮށްލައިގެން ވެސް ގިނަ އިނާމުތަކެއް ލިބުމުގެ ފުރުސަތު ލިބޭ އެކްސްޕޯއެކެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި އިވެންޓަކީ ޗުއްޓީ ހޭދަކޮށްލުމަށް ބޭނުންވާ މީހުންނަށް ބޭނުންވާ ހުރިހާ މައުލޫމާތަކާއި ހައްލުތައް އެއްތަނަކުން ލިއްބައިދޭ، ދިވެހިންގެ މެދުގައި މަގުބޫލު އިވެންޓެކެވެ.
ހައިރައިޒް ޕްރައިވެޓް ލިމިޓެޑުން އިންތިޒާމުކުރާ ވެކޭޝަންސް އެކްސްޕޯގެ މި އަހަރުގެ އިވެންޓަށް ވެސް މިހާތަނަށް އެތައް ހާސް ބަޔަކު ޒިޔާރަތްކޮށްފައިވެއެވެ. މި އަހަރުގެ އެކްސްޕޯގައި 40 އެގްޒިބިޓަރުން ބައިވެރިވިއެވެ. މިއީ މިހާތަނަށް ކުރިއަށް ގެންދާ ވެކޭޝަންސް އެކްސްޕޯގެ އެންމެ ފުރިހަމަ އެޑިޝަން ކަމަށް ހައިރައިޒުން ބުންޏެވެ.
އެހެން އަހަރުތެކޭ އެއްގޮތަށް މި އަހަރު ވެސް، ވެކޭޝަންސް އެކްސްޕޯގައި ބައިވެރިވާ އެގްޒިބިޓަރުން ޚާއްސަ ޓްރެވަލް ޕެކޭޖުތައް ހިއްސާކުރުމުގެ އިތުރުން، ރާއްޖޭގެ މަންޒިލްތަކާއި ބޭރުގެ މަންޒިލްތަކަށް ދަތުރުކުރުމާ ގުޅޭގޮތުން ކޮންމެހެން ބޭނުންވާނެ މައުލޫމާތުތައް ދެއެވެ.

ވެކޭޝަންސް އެކްސްޕޯ 2025: މިއަދަކީ އެކްސްޕޯގެ ފަހު ދުވަސް -- ސަން ފޮޓޯ/ މޫސާ ނަދީމް
އެކްސްޕޯގައި ބައިވެރިވާ އެގްޒިބިޓަރުންގެ ދާއިރާތައް:
- ޓޫރިސްޓު ހޮޓާތަކާއި ގެސްޓްހައުސްތައް
- އެއާލައިންތައް
- ޓްރެވަލް އެޖެންޓުން
- ސަރުކާރުގެ އިދާރާތައް
- ބޭރުގެ ގައުމުތަކުގެ އެމްބަސީތައް
- މޫދު ކުޅިވަރުގެ ވިޔަފާރިތައް
- ދިވެހިން އާންމުކޮށް ބޭސްފަރުވާއަށްދާ ގައުމުތަކުގެ ހޮސްޕިޓަލްތައް
މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް ވެކޭޝަންސް އެކްސްޕޯގެ މެއިން ސްޕޮންސަރަކީ އޭސް ޓްރެވެލްސްއެވެ. ކޯ ސްޕޮންސަރުންނަކީ އިނަ މޯލްޑިވްސް، އޭސް އޭވިއޭޝަން ސާވިސަސް، އަދި ވޮޔޭޖެސް މޯލްޑިވްސްއެވެ.
ހައިރައިޒުން ބުނި ގޮތުގައި ވެކޭޝަންސް އެކްސްޕޯއަށް އިތުރު ބާރެއް ލިބެނީ ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކާއި ޖަމިއްޔާތަކުން ލިބޭ އެއްބާރުލުމުގެ ސަބަބުންނެވެ.
އެގޮތުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އަދި ނޭޝަނަލް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް)އިން ވެކޭޝަންސް އެކްސްޕޯ އެންޑޯސް ކުރުމަކީ މި އެކްސްޕޯގެ ހައިބަތު އިތުރުކޮށްދޭ ކަމެއް ކަމަށް ބުންޏެވެ.