މާޒް ސަލީމާއި މަންދީގެ ޖިންސީ ގުނަވަން ނޫން، ހަށިގަނޑުގެ ބޭރު ފޮޓޯ ނަގަން ކޯޓުން އަމުރުކޮށްފި

މަރިޔަމް ޒުބައިރު (މަންދީ)އާއި އެ ޕާޓީގެ ގައުމީ މަޖިލިސް މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް): ކްރިމިނަލް ކޯޓުން ވަނީ އެ ދެމީހުން ބަރަހަނާކޮށް ފޮޓޯ ނެގުމަށް އަމުރުކޮށްފައި --

އިދިކޮޅު އެމްޑީޕީގެ އިސް އެކްޓިވިސްޓް، މަރިޔަމް ޒުބައިރު (މަންދީ)އާއި އެ ޕާޓީގެ ގައުމީ މަޖިލިސް މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް)ގެ ޖިންސީ ގުނަވަން ނޫން, ހަށިގަނޑުގެ ބޭރު ފޮޓޯ ނަގަން ކްރިމިނަލް ކޯޓުން އަމުރުކޮށް، ޗިޓު ފޮނުވައިފިއެވެ.

މަންދީއާއި މާޒް ސަލީމްގެ މައްޗަށް އެ ކޯޓުން އެފަދައިން އަމުރުކޮށްފައިވަނީ، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ދަރިކަލުންގެ ކަރާމާތާއި ރައްކާތެރިކަން ނިގުޅައިގެންފައިވާ ކަމަށް ތުހުމަތުކޮށް, ފުލުހުން މިހާރު ހިންގާ ތަހުގީގާ ގުޅިގެންނެވެ.

"ސަން"އަށް ވަނީ އެ ޗިޓުގެ ކޮޕީއެއް ލިބިފައެވެ.

ފުލުހުންގެ އިންސްޕެކްޓަރު ޝަނާޒު އަހުމަދު ސޮއިކުރައްވައި މިދިޔަ ހަފުތާގެ ހުކުރު ދުވަހު ވަނީ އެ ދެ މީހުންނަށް ވެސް ޗިޓު ފޮނުވާފައެވެ.

އެގޮތުން، މަންދީގެ ޗިޓުގައި ވަނީ އެމްޑީޕީން މާލޭގައި ކުރިއަށް ގެންދިޔަ ލައިވްކޮށް ބްރޮޑްކާސްޓުކުރި އެއްވުމުގައި ރައީސްގެ ދަރިކަލުން "ވޭޕް ބޯން ފެއްޓީމައޭ" ބުނެ ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް އޭނާ ވާހަކަދެއްކި މައްސަލައެއް ކަމަށެވެ.

މާޒް ސަލީމަށް ފޮނުވި ޗިޓުގައި ވަނީ މަންދީ ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ވާހަކަދައްކާފައިވާ ކަމަށް ތުހުމަތުކުރެވިފައިވަނިކޮށް، އެ ކަމަށް މާޒް ސަލީމް ތާއިދުކޮށް، ހިތްވަރުދީ، ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ވާހަކަދައްކާފައިވާ މައްސަލައެއް ކަމަށެވެ.

އެ ދެ މައްސަލައިގެ ތަހުގީގަށް ކްރިމިނަލް ކޯޓުގެ އަމުރުގެ ދަށުން މަންދީއާއި މާޒް ސަލީމްގެ ޖިންސީ ގުނަވަން ފިޔަވައި، ހަށިގަނޑުގެ ބޭރު ފޮޓޯ ނަގައި އަޑުގެ ސާމްޕަލް ނެގުމަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށް އިއްޔެ މެންދުރު 14:30އަށް ހާޒިރުވާން ވަނީ އަންގައިފައެވެ.

އަހުމަދު ސަލީމް (މާޒް ސަލީމް) -- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

އެކަމާ ގުޅިގެން "ސަން" އާ ވާހަކަދައްކަވަމުން މާޒް ސަލީމް ވިދާޅުވީ، ޗިޓު ފޮނުވުމަށް ފަހު ރޭގެ ވަގުތެއްގައި ފުލުހުން ގުޅައި، ކެންސަލްކޮށްފައިވާ ކަމަށެވެ. އަދި، ފަހުން އެކަމާ ގުޅިގެން ކަންކުރަންވީ ގޮތެއް އަންގާނެކަމަށް ބުނި ކަމަށް ވެސް މާޒް ވިދާޅުވިއެވެ.

މާޒް ވިދާޅުވީ، އެ މީހުންގެ ބަރަހަނާ ފޮޓޯ ނަގަން ޖެހޭ ފަދަ ހާލަތެއް އެބައޮތްތޯ ސުވާލު އުފެދޭ ކަމަށެވެ. އެއީ ދައުލަތުން އޭނާގެ އިންސާނީ ކަރާމާތް، ރައްޔިތުންގެ ކުރިމަތީގައި ނިގުޅައިގަތުން ކަމުގައި އޭނާ ސިފަކުރެއްވިއެވެ.

"އަޅުގަނޑަށް ހަމަ ފެންނަނީ [އަސްކަރީ އޮފިސަރު އަދި ޔޫގެންޑާގެ ކުރީގެ ރައީސް] އީޑީ އަމީން [ވެރިކަން ކުރެއްވި ގޮތަށް] މަސައްކަތްކުރައްވަމުން ގެންދަވާ ގޮތަށް ރައީސް މުއިއްޒު ވެސް ކަން ކުރައްވަމުން ގެންދަވާ މަންޒަރު،" މާޒް ސަލީމް ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރައީސް މުއިއްޒުގެ ދަރިކަލުންގެ ކަރާމާތާއި ރައްކާތެރިކަން ނިގުޅައިގެންފައިވާ ކަމަށް ތުހުމަތުކޮށް, މަންދީއާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާ ދެކޮޅަށް ސިވިލް ކޯޓަށް ފުރަތަމަ މައްސަލަ ހުށަހެޅުމަށް ފަހު، އިތުރު ދައުވާއެއް ކުރުމަށް ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ފަރާތުން ވަނީ ފެމިލީ ކޯޓަށް ވެސް ހުށަހަޅައިފައެވެ.

ރައީސާއި އަނބިކަނބަލުން ސާޖިދާ -- ސަން ފޮޓޯ/ މާނިއު މުހައްމަދު

ރައީސްގެ އަނބިކަނބަލުން ސާޖިދާ، މަންދީގެ މައްޗަށް ދައުވާ ކުރަން ނިންމެވީ އެމްޑީޕީން މިދިޔަ މާރިޗު މަހު ކުރިއަށްގެންދިޔަ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މުޒާހަރާއެއްގައި މަންދީ ދެއްކި ވާހަކަތަކެއްގެ ސަބަބުންނެވެ. އޭނާވަނީ، މިދިޔަ އަހަރު ރާއްޖޭގައި ވޭޕް މަނާކޮށްފައިވަނީ ރައީސްގެ ދަރިކަލުން ވޭޕް ކުރައްވާތީ ކަމަށް ތުހުމަތުކޮށްފައެވެ.

ފަސްޓް ލޭޑީ ސާޖިދާގެ ގާނޫނީ ވަކީލު, އަދި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ނެރުއްވި ބަޔާނެއްގައި ވަނީ، ދަރިކަލުންގެ ފުރާނައަށް ނުރައްކާވާނެ ހާލަތެއް މެދުވެރިކުރުވި ކަމަށް ތުހުމަތުކޮށް ފެމިލީ ކޯޓަށާއި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދާހަމަ ހިއްސާކުރައްވާފައެވެ.

ކުރިން އާޒިމާ ވިދާޅުވީ، އެ މައްސަލައިގައި މަންދީއަށް ދައުވާ ކުރާއިރު، އެމްޑީޕީއަށް ވެސް ދައުވާ ކުރާނެ ކަމަށެވެ. އެއީ އެ ވާހަކަތައް ދައްކައިފައިވަނީ އެ ޕާޓީގެ އެއްވުމެއްގައި ކަމަށްވާތީ ކަމަށެވެ. ފައްޔާޒަށް ދައުވާ ކުރަނީ އޭނާ ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ.

އެމްޑީޕީންވަނީ، މުޒާހަރާގައި ދައްކައިފައިވަނީ އެއްވެސް ހާލެއްގައި ކުޑަކުއްޖަކަށް ނިސްބަތްކޮށް، އަދި ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަ ފަދަ ވާހަކައެއް ނޫން ކަމަށް ބުނެފައެވެ.

އެމްޑީޕީން 'ގާނޫނު އަސާސީގެ ދިފާއުގައި'ގެ ނަމުގައި ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ މޫސާ ނަދީމް

އެމްޑީޕީގެ މުޒާހަރާގައި ރައީސްގެ ދަރިކަލުންނާ ގުޅޭ ގޮތުން ދެއްކި ވާހަކަ އިލެކްޝަންސް ކޮމިޝަން (އީސީ)އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ވަނީ ކުށްވެރިކޮށްފައެވެ.

އެ ޕާޓީގެ މެންބަރުންގެ މައްޗަށް އެކި ނަންނަމުގައި ދައުވާ އުފުލަނީ އެމްޑީޕީގެ އަޑު ކަނޑުވާލުމަށް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވެސް ވަނީ ފައްޔާޒާއި މަންދީގެ ދިފާއުގައި ވިދާޅުވެފައެވެ.

ފައްޔާޒާއި އެމްޑީޕީގެ އިސް އެކްޓިވިސްޓުންގެ ދިފާއުގައި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ވަނީ ތެދުވެފައެވެ. ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އެމްޑީޕީއާއި ފައްޔާޒް އަދި އެ ޕާޓީގެ އިސް ހަރަކާތްތެރީންގެ މައްޗަށް އެކި ނަންނަމުގައި ދައުވާ އުފުލައި، މައްސަލަތައް ބެލުމަށް ކުރާ ކަންކަމަކީ، ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން ހިންގާ، ބިރު ދެއްކުމުގެ އަމަލެއް ކަމަށެވެ.

އެމްޑީޕީން ތުހުމަތުކުރި ގޮތުގައި އާއިލާ 'ނިވާފަތްގަނޑަކަށް ބޭނުންކޮށްގެން' އެމްޑީޕީގެ މެންބަރުންގެ މައްޗަށް ދައުވާ އުފުލަނީ ރައީސް މުއިއްޒުގެ ސިޔާސީ ބޭނުމަށެވެ.

comment ކޮމެންޓް