މިނިވަންކަން ނެތުމުން ބޭރުގެ ކިޔަވާކުދިން އެމެރިކާގެ ޔުނިވާސިޓީތަކުން ވަކިވަނީ

އެމެރިކާގެ ޔުނިވާސިޓީތަކުގެ ދަރިވަރުން އިސްރާއީލާ ދެކޮޅަށް އަޑުއުފުލުމަށް ކުރިން ބައްވާފައިވާ އެއްވުމެއް

ވޮޝިންޓަން (20 އެޕްރީލް 2025) : އެމެރިކާގެ ޔުނިވާސިޓީތަކުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން، އިސްރާއީލަށް ފާޑުކިޔައި އިސްރާއީލުން ޣައްޒާގައި ހިންގާ ނަސްލު ނައްތާލުމުގެ ޖަރީމާތައް ކުށްވެރިކޮށް ޣައްޒާގެ ރައްޔިތުންނާމެދު ހަމްދަރުދީ ފާޅުކުރާ ދަރިވަރުންގެ އަނގަ ބަންދުކުރަން އެމެރިކާ ސަރުކާރުން ހިންގާ ހަރުކަށި އަމަލުތަކާ ގުޅިގެން ބޭރުގައުމުތަކުގެ ތިން ލައްކައަށްވުރެ ގިނަ ދަރިވަރުން އެ ޔުނިވާސިޓީތަކުން ވަކިވެއްޖެއެވެ.

އެމެރިކާގެ މީޑިއާތައް ބުނާގޮތުން އެމެރިކާގެ ޔުނިވާސިޓީތަކުގެ ގާތްގަނޑަކަށް 1.5 މިލިޔަން ބޭރުގެ ދަރިވަރުން ތައުލީމު ހާސިލް ކުރާއިރު ފާއިތުވި ތިން މަސްތެރޭގައި ތިން ލައްކަ އަށްވުރެ ގިނަ ބޭރު ދަރިވަރުން ވަނީ އެ ޔުނިވާސިޓީތަކާ ވަކިވެފައެވެ. ނުވަތަ ކަނޑާލާފައެވެ.

މިއަހަރު ނިމޭއިރު އެމެރިކާގެ ޔުނިވާސިޓީތަކުން ވަކިވާ ބޭރުގެ ދަރިވަރުންގެ އަދަދު ހަތް ލައްކައަށް އެރުން އެކަށީގެންވާކަމަށް ބޭރު ދަރިވަރުންގެ ޖަމްއިއްޔާ ތަކާހަވާލާދީ އެމެރިކާގެ ނޫސްތައް ބުނެއެވެ.

އެމެރިކާގެ ޔުނިވާސިޓީތަކުގައި މިހާރު ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމެއްނެތެވެ. ޓްރަމްޕަށް ފާޑުކިޔާނަމަ އަދި އިސްރާއީލުން ޣައްޒާގައި ހިންގާ ގަތުލުއާންމުތަކާ ދެކޮޅަށް އަޑު އުފުލާނަމަ އަދި ސޯޝަލް މީޑިއާގައިވެސް އިސްރާއީލުކުށްވެރިކޮށް އިސްރާއީލާ ދެކޮޅަށް ޕޯސްޓްތައް ލިޔާނަމަ އެ ދަރިވަރަކު ޔުނިވާސިޓީން ބޭރުކޮށްލައެވެ. އަދި ވިސާ ބާތިލްކޮށް އެމެރިކާއިން ފައްސާލައެވެ.

ތުރުކީގެ އަނަތޯލިޔާ ނޫސް އެޖެންސީން މިކަމާބެހޭގޮތުން އެމެރިކާގެ ޔުނިވާސިޓީތަކުގެ ބައެއް ބޭރު ދަރިވަރުންނާ ސުވާލުކުރުމުން އެ ކުދިން ވަނީ ކެމެރާ ކުރިމަތީގައި މިނިވަން ޚިޔާލު ފާޅުކުރަން ބިރުގަންނަކަމަށް ބުނެ ޚިޔާލު ފާޅުކުުރުމަށް ދެކޮޅު ހަދާފައެވެ.

ނަމަވެސް ކެމެރާތަކަށް ނާރާގޮތަށް އަދި ކޮން ދަރިވަރުންކަން ނޭނގޭގޮތަށް އެ ނޫސްއެޖެންސީއަށް ދަރިވަރުން ދިން ބަޔާންތަކުގައި އެ ކުދިން ވަނީ ޓްރަމްޕާއި އިސްރާއީލަށް ފާޑުކިޔުމަކީ އެމެރިކާގައި ބޮޑު އަދަބު ލިބޭކަމެއްކަން ހާމަކޮށް, އެމެރިކާ ސަރުކާރުން ދަރިވަރުން ވަރަށް ބޮޑަށް ސަޕްރެސްކޮށް އެ މީހުންގެ އަނގަތައް ބަންދުކޮށް ބިރުދައްކަމުން ގެންދާކަން ހާމަކޮށްފައެވެ.

އިސްރާއީލުގެ ގަތުލުއާންމުތަކުގެ ޝިކާރައަކަށް ވެފައިވާ ޣައްޒާގެ އާންމުންނަށް ހަމްދަރުދީ ވުމަކީ އެމެރިކާގައި އަދަބު ދެވޭ ބޮޑު ކުށަކަށް ވަނީ ހަދާފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގިނަ ގައުމުތަކުގައި މިހާރު ސިފަކުރަނީ އިންތިޚާބުކޮށްފައިވާ ޑިކްޓޭޓަރެއްގެ ގޮތުގައެވެ. އެމެރިކާ ސިފަކުރަނީ ގާނޫނުން ބޭރުގައިވާ ބައިނަލްއަގްވާމީ ގާނޫނާއި ގަވައިދަށް ނުކިޔަމަންތެރިކަން ދައްކަމުން ގެންދާ ރޯގް އެންޕަޔާ އެއްގެ ގޮތުގައެވެ.

އެމެރިކާގައި ކިޔަވާ ބޭރުގެ ދަރިވަރުން ކިޔެވުން ނޫން ހަރަކާތްތަކާއި މުޒާހަރާފަދަ އެއްވެސް ކަމެއްގައި ބައިވެރިވާނަމަ އެ ކުދިންގެ ވިސާ ކެންސަލްކޮށް އެމެރިކާއިން ބޭރުކޮށްލާނެކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވާފައެވެ. މީގެ ތެރޭގައި ޓްރަމްޕާއި އިސްރާއީލަށް ތާއީދުކޮށް ހިންގާ ހަރަކާތްތަކާއި ހިނގާލުންތައް ނުހިމެނެއެވެ.

އިސްރާއީލަށާއި ޓްރަމްޕަށް ފާޑުކިޔުމަށް ފުރުސަތު ދޭ ޔުނިވާސިޓީތަކުގެ އިސްވެރިންނާއި މެނޭޖްމަންޓަށްވެސް ޓްރަމްޕް ގެންދަވަނީ ބިރު ދައްކަވަމުންނެވެ. ޓްރަމްޕް ވަނީ ޔުނިވާސިޓީތަކަށް އެމެރިކާ ސަރުކާރުން ދޭ ގްރާންޓް އެހީތަކުން ވެސް އެފަދަ ޔުނިވާސިޓީތައް މަހުރޫމް ކޮށްފައެވެ. މީގެ ތެރޭގައި އެމެރިކާގެ މަޝްހޫރު ހަވަޑް ޔުނިވާސިޓީވެސް ހިމެނެއެވެ.

ފާޑުކިޔުމާއި ކަންކަން ކުށްވެރި ކުރުމާ އަދި މުޒާހަރާ ކުރުމަކީ އެމެރިކާގެ ދަސްތޫރުގައާއި ގާނޫނުތަކުގައި ވަރަށް ބޮޑަށް ދީފައިވާ މިނިވަންކަމެކެވެ. މިއީ ޒަމާނުއްސުރެ އެމެރިކާ ފަޚުރުވެރިވަމުން ދިޔަ ކަމެއްވެސް މެއެވެ. މި މިނިވަންކަން އެމެރިކާގައި ދިރިއުޅޭ ބޭރުގެ ފަރާތްތަކަށްވެސް އޮވެއެވެ. ނަމަވެސް ޓްރަމްޕްގެ ވެރިކަމުގައި މިހާރު މިކަން އެމެރިކާގައި މިވަނީ އަނެއްކޮޅަށް ބަދަލުވެފައެވެ. ގާނޫނުތަކުގައި ލިބިދީފައިވާ މި ހައްގުން މަހުރޫމްކޮށްފައެވެ.

އެމެރިކާގެ ޔުނިވާސިޓީތަކުގައި ދަރިވަރުންގެ އިތުރުން ފާޑުކިޔައި މިނިވަން ޚިޔާލު ފާޅުކުރާ ޕްރޮފެސަރުންނާއި ލެކްޗަރާ އިންނާ އަދި ރީސާޗަރުންނާ ދެކޮޅަށްވެސް އެމެރިކާ ސަރުކާރުން ގެންދަނީ ހަމަ މިގޮތަށް އަމަލު ކުރަމުންނެވެ. ސަޕްރެސްކޮށް އަނގަބަންދުކުރަމުންނެވެ. އެމެރިކާގެ ރައްޔިތަކަށް ވިޔަސް އިސްރާއީލާ އަދި ޓްރަމްޕް އާ ދެކޮޅަށް ޚިޔާލު ފާޅުކުރާނަމަ އެމެރިކާގެ ޔުނިވާސިޓީތަކުން އެފަރާތެއް މިހާރު ވަކިކުރެއެވެ.

ބޭރު މީހަކު ނަމަ އަނިޔާވެރި ގޮތަކަށް ހައްޔަރުކޮށް ޑިޓެންޝަން ސެންޓަރުތަކުގައި ބެހެއްޓުމަށްފަހު އެމެރިކާއިން ޑީޕޯޓްކޮށްލަނީއެވެ. މިގޮތަށް ހައްޔަރުކުރާ ފަރާތްތައް ދޫކޮށްލުމަށް އެމެރިކާގެ ކޯޓުތަކުން އަމުރު ކުރިނަމަވެސް ޓްރަމްޕްގެ ސަރުކާރުން އެއަމުތަކަށް ގޮންޖަހައި އެއަމުރުތައް ތަންފީޒެއް ނުކުރެއެވެ.

އެމެރިކާގައި މިގޮތަށް ކަންތައްތައް ހުރުމުން ބޭރުގެ ވަރަށް ގިނަ ދަރިވަރުން އެމެރިކާގެ ޔުނިވާސިޓީތައް ދޫކޮށް އެހެން ގައުމުތަކުގެ ޔުނިވާސިޓީތަކަށް ބާރު ސްޕީޑްގައި ދަނީ ބަދަލުވަމުންދާކަށާ މިކަމުގެ ސަބަބުން އެމެރިކާގެ އެކަޑެމިކް ލައިފް އަށް ބޮޑު ނުރައްކަލެއް ކުރިމަތިވަމުންދާކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެއިތުރުން ބޭރުގެ ދަރިވަރުން މަދުވެ އެމެރިކާގެ ޔުނިވާސިޓީތަކަށް އެތައް ބިލިޔަން ޑޮލަރެއްގެ ބޮޑު ގެއްލުންތަކަކާވެސް ކުރިމަތިވަމުންދާ ކަމަށާއި މިކަމުގެ ސަބަބުން އެމެރިކާގެ ޔުނިވާސިޓީތަކުގެ ފެންވަރުވެސް ކައިރި މުސްތަގްބަލެއްގައި ދަށަށްދާން ފަށާނެކަމަށް ރިޕޯޓްތައް ބުނެއެވެ.

comment ކޮމެންޓް