ގިނަ ދުވަސްތަކަކަށްފަހު ސޮނާކްޝީގެ ފިލްމެއް އަންނަ މަހު

ފިލްމު "ނިކިތާ ރޯއި"ގެ ޕޯސްޓަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ

މި ފަހުން ފިލްމީ މަސައްކަތްތަކާ ތަންކޮޅެއް ދުރުގައި އުޅޭ ބޮލީވުޑް ބަތަލާ ސޮނާކްޝީ ސިންހާގެ ފިލްމެއް އަންނަ މަހު ރިލީޒްކުރާނެކަން އިއުލާނުކޮށްފިއެވެ.

"ނިކިތާ ރޯއި"ގެ ނަމުން ނަންދެވިފައިވާ މި ފިލްމަކީ ސައިކޮލޮޖިކަލް ތުރިލާއެކެވެ.

މި އަންނަ މެއި މަހުގެ 30ގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ "ނިކިތާ ރޯއި" އަކީ ސޮނާކްޝީ ސިންހާ އާއި ބަތަލާގެ ބޭބެ ހުޝް ސިންހާ ގުޅިގެން ގެނެސްދޭ ފުރަތަމަ ފިލްމެވެ. މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެކަން އިއުލާނުކޮށްފައި މިވަނީ ފިލްމުގެ މަސައްކަތް ފެށިތާ ތިން އަހަރު ފަހުންނެވެ.

ބިރުވެރި ހާދިސާތަކެއް ދައްކުވައިދޭ މި ފިލްމުން ސޮނާކްޝީއާ އެކު އެކްޓަރު އަރުޖުން ރާމްޕާލް، ސުހައިލް ނައްޔަރު އަދި ޕަރޭޝް ރަވާލް ފެންނާނެއެވެ. ހުޝް ސިންހާ ޑައިރެކްޓްކޮށްފައިވާ މި ފިލްމު ގެނެސްދެނީ ނިކިތާ ޕައި ފިލްމްސް އާއި ކްރާޓޯސް ފިލްމްސް ގުޅިގެންނެވެ.

ސޮނާކްޝީ އާއިލާގެ މެމްބަރުންނާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ކައިވެންޏަށްފަހު ފިލްމީ މަސައްކަތްތަކާ ތަންކޮޅެއް ދުރުގައި އުޅޭ ބަތަލާ ސޮނާކްޝީ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ އަހަރު ޒީ5އިން ގެނެސްދިން ބިރުވެރި ފިލްމު "ކަކޫޑާ"އިންނެވެ. މީގެއިތުރުން ނެޓްފްލިކްސްއިން ގެނެސްދިން ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ހީރާމަންޑީ"ގެ މުހިއްމު ރޯލަކުން ސޮނާކްޝީ ވަނީ ފެނިފައެވެ.

ސޮނާކްޝީގެ ބޭބެގެ ފިލްމެއްގައި ބަތަލާ މަސައްކަތްކޮށްފައި ވާއިރު ސޮނާކްޝީގެ ކައިވެންޏަށް ހުޝް ސިންހާ އަދި ލަވް ސިންހާ ހާޒިރުވެފައި ނުވާތީ އެކަމާ ގުޅިގެން މީޑިއާގައި ތަފާތު ގޮތްގޮތަށް ވާހަކަ ވަނީ ފެތުރިފައެވެ.

މިކަމާ ގުޅިގެން ސޮނާކްޝީ ބުނެފައި ވަނީ އެއްބަނޑު އެއްބަފާ މީހުންގެ މެދުގައި މައްސަލަ ޖެހުމަކީ ހުރިހާ އާއިލާއެއްގެތެރޭ ވެސް ހިނގާ ކަންކަން ކަމަށާއި އެކަންކަން މާބޮޑު ކަމަކަށް ނުހަދާ ކަމަށެވެ.

comment ކޮމެންޓް