ސާޅީސް އަހަރު ފަހުން، ދެ ޙަރަމްފުޅުގެ އިމާމެއް ރާއްޖެއަށް ވަޑައިގެންނެވުމަކީ ރާއްޖެއަށް ލިބޭ ވަރަށް ބޮޑު ޝަރަފަކާއި އުފަލެއްކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، މަސްޖިދުއް ނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު މާދަމާ ރާއްޖެއަށް ކުރެއްވުމަށް ހަމަޖެހިފައިވާ ރަސްމީ ދަތުރުފުޅާ ގުޅޭ މަޢުލޫމާތު މީޑިއާތަކާއި ހިއްސާ ކުރެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ވަޒީރު ވިދާޅުވީ، މި ދަތުރުފުޅަކީ ދިވެހިރާއްޖޭގެ އިސްލާމީ ޝަޙުސިއްޔަތު ހަރުދަނާ ކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އިސްނަންގަވައިގެން ކުރައްވަމުން ގެންދަވާ މުހިއްމު މަސައްކަތްތަކުގެ ތެރެއިން އިސްލާމީ އުއްމަތުގެ ފާހަގަކޮށްލެވޭ އިސް ޝަޙުސިއްޔަތުން ރާއްޖެ ގެންނެވުމަށް ކުރެއްވޭ މަސައްކަތްޕުޅުތަކުގެ ފެށުންކަމަށެެވެ.
އަދި މި ދައުރުގެ ތެރޭގައި ކުރިއަށް އޮތްތަނުގައި ފާހަގަކޮށްލެވޭ އިތުރު ބޭފުޅުން ގެންނެވުމަށް މަަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ޙަރަމްފުޅުގެ އިސް އިމާމެއް ރާއްޖެ ވަޑައިގެންނެވުމުން ހާމަކޮށްދެނީ ދިވެހިރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާއި ދެމެދު އޮތް ގާތް ގުޅުންކަމަށާއި، މި ދަތުރުފުޅުގެ ސަބަބުން ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކަށް އިތުރު ކުރިއެރުންތަކެއް ލިބި ދެ ޤައުމުގެ ގުޅުން އިތުރުވެގެންދާނެކަމަށެވެ.
މީގެ އިތުރުން މި ދަތުރުފުޅުގެ ކަންތައްތަކުގައި ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތުން ލިބިލައްވާ އެއްބާރުލެއްވުމަށް ޝުކުރު އަދައިކުރައްވާކަމަށް ޝަހީމް ވިދާޅުވިއެވެ.
އެންމެ ފަހުން ޙަރަމްފުޅެއްގެ އިމާމަކު ރާއްޖެ ވަޑަައިގަތީ އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަށެވެ. އެ ފަހަރު ވަޑައިގެންނެވީ މައްކާގެ ޙަރަމްފުޅުގެ އިމާމު ފަޟީލަތުއްޝައިޚު މުޙައްމަދު އައްސުބައްޔިލެވެ.
މަދީނާގެ ޙަރަމްފުޅުގެ އިމާމު ޑރ ޞަލާޙުލްބުދައިރަކީ ވަރަށް ރީތިކޮށް ޤުރުއާން ކިޔަވައި ވިދާޅުވާ ބޭފުޅެކެވެ. މަދީނާގެ ޙަރަމްފުޅުގައި އިމާމުވެ ތަރާވީޙް ނަމާދު ކުރައްވައެވެ. އަދި، އިސްލާމީ ދުނިޔޭގެ އިޙުތިރާމާއި ލޯބި ލިބިވަޑައިގެންފައިވާ އިލްމުވެރި ބޭފުޅެކެވެ.