އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ އޮފީހުގައި ކުޑަކުދިންނަށް ޚާއްސަ ޖާގައެއް ހުޅުވައިފި

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ އޮފީހުގައި ކުޑަކުދިންނަށް ޚާއްސަ ޖާގައެއް ހުޅުވުން --

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ އޮފީހުގައި ކުދަކުދިންނަށް ޚާއްސަ ޗައިލްޑް ކެއާ ސްޕޭސްއެއް ހުޅުވައިފިއެވެ.

މިކަމާ ގުޅިގެން އެ ވުޒާރާއިން ބުނީ، މިކަމުގެ ސަބަބުން މުވައްޒަފުންނަށް ދަރިންގެ ރައްކާތެރިކަން ކަށަވަރުވެ، މަސައްކަތަށް ދެވޭ ސަމާލުކަން އިތުރު ކުރެވޭނެ ކަމަށެވެ. އަދި ނަތީޖާއެއްގެ ގޮތުން މުވައްޒަފުންގެ އުފެއްދުންތެރިކަން އިތުރުކުރެވޭނެ ކަމަށް އެ ވުޒާރާއިން ބުންޏެވެ.

މިއީ މުވައްޒަފުންގެ ނަފުސާނީ ދުޅަހެޔޮކަން ރަނގަޅުވުމާއެކު، އެމީހުންގެ އުފެއްދުންތެރިކަން ތަރައްޤީވުމުގެ އިތުރުން، ޤަވާއިދުން މަސައްކަތަށް ނިކުތުމަށް ބާރުއަޅާ، މަސައްކަތުގެ މާހައުލާމެދު ޝައުގުވެރިކަން އުފައްދައިދޭނެ ކަމެއް ކަމަށް ވެސް އެ ވުޒާރާއިން ބުންޏެެވެ.

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ އޮފީހުގައި ކުޑަކުދިންނަށް ޚާއްސަ ޖާގައެއް ހުޅުވުން --

އެ ވުޒާރާއިން ބުނީ، މިފަދަ ޖާގަތައް ޤާއިމްކޮށް އޮފީސް މާހައުލުގައި ކުދިން ބެލެހެއްޓޭނެ އިންތިޒާމުތައް ފަހިވުމުގެ ސަބަބުން، ވަޒީފާ އަދާކުރުމުގެ ހިތްހަމަޖެހުން އެތައް ގުނައަކަށް އިތުރުވެ ވަޒީފާދޭ ފަރާތްތަކަށް ވެސް އެންމެ ރަނގަޅު މުވައްޒަފުން ހޯދުމާއި ދެމެހެއްޓުމަށް ފަސޭހަ ވާނެކަމަށެވެ. މި ކަންކަމުގެ ސަބަބުން ޢާއިލާއަށް ރައްޓެހި މާޙައުލެއް އޮފީހުގައި އާލާވާނެއެވެ.

އެހެންކަމުން ދައުލަތުގެ އިދާރާތަކުގައްއާއި އަމިއްލަ ކުންފުނިތަކުގައި މިފަދަ ޖާގަތަކެއް ތަރައްޤީ ކުރުމަކީ، އަންހެނުން ބާރުވެރިކުރުމާއި، މަސައްކަތުގެ މާޙައުލުގައި އަންހެނުންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދީ މުޖުތަމައުގައި އެފަރާތްތަކުގެ އަގު ވަޒަންކުރުމާއެކު، ޖެންޑާ މެއިންސްޓްރީމް ކުރުމަށް އިދާރީ ފެންވަރުގައި އެޅޭނެ މުހިންމު ފިޔަވަޅެއްކަން އެ ވުޒަރާއިން ފާހަގަކުރިއެވެ.

comment ކޮމެންޓް