ހަތް މަހުގެ ތުއްތު ކުއްޖަކު މަރުވެއްޖެ، ތުހުމަތުކުރަނީ ގެމަނަފުށީ ސިއްހީ މަރުކަޒުގެ އިހުމާލު ކަމަށް

ގެމަނަފުށީގެ ގަޑި މަގެއް މަތި: ހަތް މަހުގެ ތުއްތު ކުއްޖަކު ވަނީ މަރުވެފައި، ތުހަމަތު ކުރަނީ އެރަށުގެ ސިއްހީ މަރުކަޒުގެ އިހުމާލު ކަމަށް -- ސަން ފޮޓޯ/ މާޝާ ނައީމް

ގއ. ގެމަނަފުށީ ހެލްތު ސެންޓަރުން ފަރުވާ ދިން ތުއްތު ކުއްޖަކު މަރުވި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މިދިޔަ ބުދަ ދުވަހު މަރުވެފައިވަނީ، ހަތް މަހުގެ ތުއްތު ފިރިހެން ކުއްޖެކެވެ.

އެ ހާދިސާ ހިނގާދިޔަ ގޮތް ކުއްޖާގެ ބައްޕަ ހުސައިން ޝަހުބާދު ވަނީ 'ސަން'އަށް ކިޔައިދީފައެވެ. އެގޮތުން، މި މަހުގެ 11 ވަނަ ދުވަހު އެންމެ ފުރަތަމަ، ކުއްޖާ ގެމަނަފުށީ ސިއްހީ މަރުކަޒަށް ދެއްކީ ނޭފަތުން ފެން އަންނާތީ ކަމަށް އޭނާ ބުންޏެވެ.

އޭރު ޑޮކްޓަރަށް ދެއްކުމުން ބުނީ ނޭފަތަށް އާވިއަރުވާށެވެ. އޭރު އާވިއަރުވަމުން އައީ އައިވީ ފެނުންނެވެ. އޭގެ ތިން ދުވަސް ފަހުން މިދިޔަ އަންގާރަ ދުވަހު ދެވަނަ ފަހަރަށް ކުއްޖާ ޑޮކްޓަރަށް ދެއްކުމުން ބޭހަކަށް ބަދަލުކޮށް، ޓެސްޓެއް ހަދަން ޖެހޭ ކަމަށް ބުނި ކަމަށް ކުއްޖާގެ ބައްޕަ ބުންޏެވެ.

ގެމަނަފުށީ ސިއްހީ މަރުކަޒު: ހަތް މަހުގެ ތުއްތު ކުއްޖާ މަރުވީ ސިއްހީ މަރުކަޒުގެ އިހުމާލުން ކަމަށް ކުއްޖާގެ ބައްޕަ ވަނީ ބުނެފައި --- ފޮޓޯ/ ގެމަނަފުށީ ސިއްހީ މަރުކަޒު، ފޭސްބުކް

އެހެންވެ، ޓެސްޓު ހަދަން ދިނުމަށް ފަހު އަނބުރާ ދިޔައީ ގެއަށް ކަމަށް ޝަހުބާދު ބުންޏެވެ. އެއީ، ޓެސްޓުގެ ނަތީޖާ ލިބެނީ އެ ރޭ 08:00 ކަމަށްވާތީއެވެ.

ރޭގަނޑު މަރުކަަޒަށް އަންނަން ތައްޔާރުވަނިކޮށް، ދަރިފުޅު ފައިކުރުކޮށްފައި ރޯތީ 07:50 ގައި މަރުކަޒަށް އަވަސްކޮށްލައިގެން ދިޔައީއެވެ. އެ ވަގުތު ދިއުމުން މަރުކަޒުގައި ހުރި ނަރުހަކު އެ ކުއްޖާއަށް އާވި ވެސް އަރުވައިދިނެވެ.

"އިރުއިރުކޮޅާ ފައިކުރުކޮށްލާފައި ރޯތީވެ، [ކުއްޖާގެ] މަންމައާއި ކައިރީގައި ހުރި ރަހުމަތްތެރިއަކު ނެޕީ ނައްޓާލާފައި ބަނޑު ވެސް ޗެކުކޮށްލި. ކަންފަތް ވެސް ޗެކުކޮށްލި، ދަރިފުޅަށް ތަދުވެގެން އުޅެނީ ކޮން ތަނަކަށް ނޭނގިގެން [އުޅުނީ]. އެހެން ތިއްބާ ދަރިފުޅުގެ ރިއްސުން ބޮޑުވާތީ ނަރުސް ކުއްޖާ ގުޅީ ޑޮކްޓަރަށް,"

ގއ. ގެމަނަފުށި: އެރަށުގެ ސިއްހީ މަރުކަޒުގެ އިހުމާލު އޮތް ކަމަށް ތުހުމަތުވާ ހަތް މަހުގެ ތުއްތު ކުއްޖަކު ވަނީ މަރުވެފައި --

އަށެއް ޖަހާކަން ހާއިރު ޑޮކްޓަރު އައިސް ކުއްޖާއަށް ފަރުވާ ދޭން ފެށިއެވެ. ފަރުވާ ފެށުމާ އެކު، ކާން ނުދޭ އެއްޗެއް އަލަށް ކާންދިން ކަމަށާއި އޭގެ ސަބަބުން ގޭސް ހެދުނީ ކަމަށް ވެދާނެ ކަމަށް ޑޮކްޓަރު ކައިރީ ބުނި ނަމަވެސް އެ ވާހަކަ އަޑެއްނޭހި ކަމަށް ޝަހުބާދު ބުންޏެވެ.

އެގޮތުން، އެންމެ ފުރަތަމަ ސިލިންޖަރަކަށް އައިވީ ފެން ނަގައިގެން ޕްރެޝަރުގައި ކުއްޖާގެ ނޭފަތަށް ދުއްވާލީ ކަމަށާއި ނޭފަތުން އަންނަނީ ހަމައެކަނި އެ ފެންކޮޅު ކަމަށް އޭނާ ބުންޏެވެ.

އެހެން ހަތަރު ފަހަރަށް ހެދުމަށް ފަހު ފަސްވަނަ ފަަހަރަށް ކުއްޖާގެ ކަނާތް ފަރާތު ނޭޕަތަށް ސިލިންޖަރު ދުއްވާލުމާ އެކު، އައިވީފެނާ އެއްކޮށް ނޭފަތުގެ ވާއަތް ފަރާތުން އައީ ލެއެވެ. އެ ހިސާބުން ކުއްޖާގެ ހަށިގަނޑުގައި އަސްލު ހަރަކާތް ނެތް ކަމަށް ޝަހުބާދު ކިޔައިދިނެވެ.

"ސިލިންޖަރު ދުއްވާ ކޮންމެ ފަހަރަކު ތުރުތުރު އަޅާފައި ދަރިފުޅަށް ވަރަށް ބޮޑުވަރުވަމުން އަންނަ ކަން [ފާހަގަވޭ]. ބައްޕަ ހުރިން ކައިރީގައި. ހުއްޓާ ފަސްވަނަ ފަހަރަށް ޖަހާލުމާ އެކީގައި ދަރިފުޅުގެ އަސްލުގެ ހަރަކާތެއް ފެންނާކަށް ނެތް. ދެން ޑޮކްޓަރު އަވަސް އަރުވާލީ އިންޖެކްޝަނެއް ޖަހާލަންވެގެން," އޭނާ ކިޔައިދިނެވެ.

ތުއްތު ކުއްޖެއްގެ ގަޔަށް އިންޖެކްޝަނެއް ޖަހާނަމަ، ކޮންމެސް ވަރަކަށް ރޯނެއެވެ. ނަމަވެސް، ޑޮކްޓަރު އިންޖެކްޝަން ޖެހިއިރު ވެސް ދަރިފުޅުގެ އެއްވެސް ހަރަކާތެއް ނެތް ކަމަށް އޭނާ ބުންޏެވެ.

އޭގެ އިރުކޮޅެއް ފަހުން، ބައިވަރު ހޮޑުތަކެއް ލިއެވެ. އެ ހޮޑުތައް ސާފުކޮށްފައި ނަރުސް ކުދިން ގެނެސް ކުއްޖާ ނޭވާ ނުލާތީ ބުރަކަށި މަތީގައި ތަޅަން ފެށި ކަމަށް އޭނާ ބުންޏެވެ.

"އެގޮތަށް ހުއްޓައި މެޝިނު ބަލާލިއިރު ކޮންމެ ވެސް ވަރަކަށް ކުޑަކޮށް ވިންދުގެ އަސަރުހުރި. އެކަމަކު، އިރުކޮޅެއް ނުވެ ލައިން ސީދާ ވެގެން ދިޔައީ. ދެން [އަޅުގަނޑު] އެތާ ހުރެގެން ރޯން ފެށީ މަގޭ ދަރިފުޅު މަރުވެއްޖެޔޭ ކިޔާފައި," ކުއްޖާގެ ބައްޕަ އަސަރާ އެކު ކިޔައިދިނެވެ.

ވަގުތުން ޑޮކްޓަރު އައިސް ސީޕީއާރު ދިނުމަށް ފަހު މިހާރު ކުއްޖާ ރަނގަޅު ކަމަށް ބުންޏެވެ. އޭގެ ފަހުން އިތުރު ފަރުވާއަށް ކުއްޖާ ނަރުހުންނާއި ޑޮކްޓަރުންނާ އެކު ދެން ފޮނުވާލީ ގއ. ވިލިނގިލީ ހޮސްޕިޓަލަށެވެ. ނަމަވެސް، އެއީ ޝަހުބާދުގެ އާއިލާއިން ހަމަޖައްސައިދިން ލޯންޗެއްގައެވެ.

ގއ. ވިލިނގިލި: ވިލިނގިލީ ހޮސްޕިޓަލުން އެކުއްޖާ ފޮނުވާލީ މާލެއަށް --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

"ލޯންޗަށް ދިޔައިރުގައި އަޅުގަނޑުގެ އެހާ ލޯބި ދޮންދޮން ދަރިފުޅު އޮތީ މުޅިން ނޫވެފައި. ލޯންޗު މަތީގައި ވެސް ދަރިފުޅުގެ ކަޅި އަރައިގެން ދިޔަ. ކަޅި ހުއްޓިފައި އޮއްވާ ވެސް އަޅުގަނޑަށް ފެނުނު. ޑޮކްޓަރުންނާއި ނަރުހުން އެ ވަގުތު މަސައްކަތްކޮށްފައި އެ މީހުން ބުނި މިހާރު އޯކޭ ވެއްޖެޔޭ،" އޭނާ ކިޔައިދިނެވެ.

އޭގެ ފަހުން، ވިލިނގިއްޔަށް އާދެވުމާ އެކު، ކުއްޖާ ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓު ކުރިއެވެ. އެ ހިސާބުން އެ ހޮސްޕިޓަލުގައި ދިން އެއްވެސް ފަރުވާއެއް ނޭނގޭ ކަމަށާއި ދަރިފުޅުގެ ހާލަތު ނޭނގި ހުންނަން ޖެހުނީ 'ވާނުވާ'ގައި ކަމަށް އޭނާ ބުންޏެވެ.

އެހެން ހުއްޓައި، ވެންޓިލޭޓަރަށްލައި ހޮޅި ގުޅުމަށް ފަހު ފޯމެއް ހިފައިގެން ނަރުހަކު އައިސް ކުއްޖާގެ ބައްޕަ ކައިރީ އެދުނީ ސޮއިކުރުމަށެވެ. އެގޮތުން، ވެންޓިލޭރަށް ލުމުގެ ކުރިން ކުއްޖާގެ ބެލެނިވެރިއެއްގެ ހުއްދަ ހޯދަން ޖެހުނަސް ކުރިން ހުއްދަ ނުހޯދީ އެކަމަށް ވަގުތު ނެތުމުން ކަމަށް ނަރުސް ކުއްޖާއާ ހަވާލާދީ ޝަހުބާދު ބުންޏެވެ. ޝަހުބާދު އެ ފޯމުގައި ސޮއިކުރަން ދެކޮޅު ހެދުމުން އެ ފޯމުގައި ސޮއިކުރީ ޝަހުބާދުގެ އަންހެނުންނެވެ.

އައިޖީއެމްއެޗް: އައިޖީއެމްއެޗަށް ގެނައި އިރު ވެސް ކުއްޖާގެ ހިތް ހުއްޓިފައިވާ ކަމަށް ޑޮކްޓަރުން ބުނި -- ފޮޓޯ/ މާނިއު މުހައްމަދު

އެއާއެކު، ކަރުން މަތީގެ ސީޓީ ސްކޭނަކާއި ފުއްޕާމޭގެ ސީޓީއެއް ހަދަން ޖެހޭނެ ކަމަށް ބުނެ، އެއާ އެންބިއުލާންސުގައި އެރޭ ވިލިނގިލީ ހޮސްޕިޓަލުން ފަތިހު ކުއްޖާ ފޮނުވާލީ މާލެއަށެވެ.

ހެނދުނު މާލެ އައިސް، އައިޖީއެމްއެޗުގެ އައިސީޔޫގައި ކުއްޖާ އެޑުމިޓުކުރީ މިދިޔަ ބުދަ ދުވަހުގެ ހެނދުނެވެ. އައިޖީއެމްއެޗުގެ ޑޮކްޓަރާ ހަވާލާދީ އޭނާ ބުނީ، އެ ތަނަށް ގެންދިޔައިރު ވެސް ކުއްޖާގެ ހިތް އޮތީ ހުއްޓިފައި ކަމަށެވެ. އެކަން ހައްލުކުރުމަށް ސީޕީއާރު ވެސް އޭރު ދިން ކަމަށާއި އެންޓިބަޔޮޓިކްގެ ޑޯޒު މަތިކޮށްގެން ކުއްޖާއަށް ދިން ކަމަށް ވެސް އޭނާ ބުންޏެވެ.

އެ ގޮތުން، 45 މިނެޓު ވަންދެން ސީޕީއާރު ދިނުމަށް ފަހުގައި ވެސް ހިތް މަސައްކަތެއް ނުކުރިއެވެ. ދެން ދިނީ ކުއްޖާ މަރުވި ޚަބަރެވެ.

އައިޖީއެމްއެޗް ކުރިމަތި -- ފޮޓޯ/ މާނިއު މުހައްމަދު

"އަސްލު ވަރަށް ހިތްދަތިވި. ދުވަހަކު ވެސް ބަލިވެގެން ހެދި ހަމައެކަނި ޓެސްޓަކީ 15 ވަނަ ދުވަހު ހެދި ޓެސްޓު. ވިލިނގިލިން ހެދި އެއްޗެއް ވެސް މާލޭން ހެދި [ޓެސްޓެއް]ގެ ނަތީޖާއެއް ވެސް ނުލިބޭ. ހަމައެކަނި އޮތީ މަރު ފޯމު އެކަނި،" އަސަރާ އެކު ދަރިފުޅު މަރުވި ގޮތް އޭނާ ކިޔައިދިނެވެ.

މި މައްސަލައިގައި ގެމަނަފުށީ ސިއްހީ މަރުކަޒުގެ އިހުމާލު އޮތް ކަމަށް ތުހުމަތުކޮށް، މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅައި، ޝަހުބާދުގެ ބަޔާން ވަނީ ނަގާފައެވެ. އަދި، ހެލްތު މިނިސްޓްރީގެ ސަމާލުކަމަށް މިކަން ގެނައުމަށް ލިޔުމެއް ވެސް ޝަހުބާދު އަންނަނީ ތައްޔާރުކުރަމުންނެވެ.

"ގއ. ގެމަނަފުށީގެ ސިއްހީ މަރުކަޒުގެ އިހުމާލުން އަޅުގަނޑުގެ ދަރިފުޅު ނިޔާވެގެން މިދިޔައީ. އަޅުގަނޑު އެކަނި ހުއްޓަސް ދަރިފުޅުގެ އިންސާފު ހޯދަން މަސައްކަތް ކުރާނަން،" އޭނާ ބުންޏެވެ.

މި މައްސަލައިގައި މިހާތަނަށް ގެމަނަފުށީ ސިއްހީ މަރުކަޒުގެ ބަހެއް ލިބިފައެއް ނުވެއެވެ. އަދި، ހެލްތު މިނިސްޓްރީގެ ބަހެއް ވެސް މިހާތަނަށް ލިބިފައެއް ނުވެއެވެ.

comment ކޮމެންޓް