އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީން ފުލަމް ބަލިކުރިއިރު ވުލްވަހެމްޕްޓަން ވޮންޑަރާސް އަތުން މެންޗެސްޓާ ޔުނައިޓެޑް ބަލިވެއްޖެއެވެ.
ފުލަމްގެ ދަނޑުގައި ކުޅުނު މެޗުން ޗެލްސީ މޮޅުވެފައިވަނީ ފަހަތުން އަރައި 2-1 އިންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޗެލްސީންނެވެ. ނަމަވެސް، މެޗުގެ ފެށުން ރަނގަޅުކުރީ ފުލަމްއިންނެވެ.
މެޗުގެ 20 ވަނަ މިނެޓުގައި ފުލަމްއިން އުފެއްދި ހަމަލާއެއްގައި އެ ޓީމުންވަނީ ލީޑު ނަގައިފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ އެލެކްސް އިވޯބީއެވެ. މި ލަނޑަށް ފަހު ޗެލްސީން މެޗުގެ ބޮޑުބައި ކޮންޓްރޯލްކޮށްގެން ކުޅުނު ނަމަވެސް ފުލަމްސްގެ ޑިފެންސް ފޫއަޅުވާލުމުގައި މާ ބޮޑު ކުރިއެރުންތަކެއް ނުލިބެއެވެ.
ޗެލްސީގެ އުންމީދުތައް އާވީ މެޗު ނިމެން ހަތް މިނެޓަށް ވެފައިވަނިކޮށް، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޒުވާން ކުޅުންތެރިޔާ ޓައިރީގް ޖޯޖް ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިއީ އޭނާ ޗެލްސީއަށް ޕްރިމިއާ ލީގުގައި ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. މި ލަނޑާ އެކު ދެ ޓީމުގެ މެދުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޗެލްސީގެ ދަނޑުގައި ކުޅުނު މެޗުގެ ހަނދާންތައް އާވިއެވެ. އެ މެޗުގައި ޗެލްސީން ކުރީކޮޅު ލަނޑެއް ޖަހާފައިވަނިކޮށް ފުލަމްއިން މެޗު ކާމިޔާބުކޮށްފައިވަނީ ފަހު ވަގުތު ކާމިޔާބު ކުރި ދެ ލަނޑާ އެކެވެ. ކަންވީ ވެސް އެހެންނެވެ.
މެޗުން ޗެލްސީ މޮޅުވި ލަނޑު ކާމިޔާބުކޮށްދީފައިވަނީ އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި ޕެޑްރޯ ނެޓޯއެވެ.
މި ކާމިޔާބީއާ އެކު ޗެލްސީން އަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދަން ކުރާ އުންމީދު ވެސް މިވަނީ އިތުރުފައެވެ. ޗެލްސީ މިހާރު އޮތީ 57 ޕޮއިންޓާ އެކު ފަސްވަނައިގައެވެ. މެޗުން ބަލިވުމުން ޔޫރަޕުން އަންނަ ސީޒަނުގައި ޖާގައެއް ހޯދަން މަސައްކަތް ކުރާ ފުލަމް އޮތީ 48 ޕޮއިންޓާ އެކު ނުވަވަނައިގައެވެ.
މި މުބާރާތުގައި ވުލްވްސް އަތުން ޔުނައިޓެޑް ބަލިވެފައިވަނީ އަމިއްލަ ދަނޑުގައި 1-0 އިންނެވެ.
މެޗުގައި ވުލްވްސްއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު، 77 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކޮށްދީފައިވަނީ ޕަބްލޯ ސަރާބިއާއެވެ. މިއީ 1970 ވަނަ އަހަރަށް ފަހު ޕްރިމިއާ ލިގުގައި ޖެހިޖެހިގެން ފަސް މެޗުން ވުލްވްސް މޮޅުވި ފުރަތަމަ ފަހަރެވެ.
މި ކާމިޔާބީއާ އެކު އެ ޓީމުން މި ސީޒަންގެ ބޮޑުބައި ހަނގުރާމަ ކުރަމުންދިޔަ ރެލިގޭޝަންގެ ބިރު ވެސް މިހާރު މިވަނީ ނެތިފައެވެ. ވުލްވްސް މިހާރު އޮތީ 38 ޕޮއިންޓާ އެކު 15ވަނައަށް ކުރިއަށް ޖެހިލާފައެވެ.
ރޭގެ މެޗުން ބަލިވުމާ އެކު ޔުނައިޓެޑް މިހާރު މިވަނީ މި ސީޒަންގައި ލީގުގައި 15 މެޗުން ބަލިވެފައެވެ. މިއީ މިދިޔަ ސީޒަނަށް ވުރެ ގިނަ އަދަދެކެވެ. އަދި، މިއީ 1989-1990 ވަނަ އަހަރުގެ ސީޒަނަށް ފަހު އެންމެ ގިނަ މެޗުން ލީގުގައި ބަލިވި ފުރަތަމަ ފަހަރެވެ. އެ ފަހަރު ޔުނައިޓެޑް ވަނީ 16 މެޗުން ބަލިވެފައެވެ. މި ސީޒަންގައި ބާކީ ފަސް މެޗު އޮތުމުން މި އަދަދާއި އެއްވަރުވުމުގެ ފުރުސަތު ވެސް އެބައޮތެވެ. މި ނާކާމިޔާބީއާ އެކު ޔުނައިޓެޑް މިހާރު އޮތީ 38 ޕޮއިންޓާ އެކު 14 ވަނައިގައެވެ.