އެއްވެރިކަމެއްގެ ދަށުން ހިނގާ މުސްތަގިއްލު ރާއްޖެއެއް ދެމި އޮތީ ސިފައިންގެ ސަބަބުން: ރައީސް

ދިވެހި ސިފައިންގެ 133ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޕެރޭޑު ރައީސް ޑރ. މުޙައްމަދު މުއިއްޒު ބައްލަވައިލެއްވުން: ރައީސް ވިދާޅުވީ ސިފައިން، އަމިއްލަ ނަފުސާ ޢާއިލާތަކަށްވުރެ އަބަދުވެސް އިސްކުރީ ދިވެހި ޤައުމާއި ރައްޔިތުންގެ މަޞްލަޙަތްކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

އެއްވެރިކަމެއްގެ ދަށުން ހިނގާ މުސްތަގިއްލު ރާއްޖެއެއް ދެމި އޮތީ ސިފައިންގެ ސަބަބުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ސިފައިންގެ 133ވަނަ އަހަރީ ދުވަހުގެ މުނާސަބާއާ ގުޅުވައި މިއަދު ފޮނުއްވި ޚިޠާބުގައި ރައީސް ވިދާޅުވީ ދިވެހީންގެ އެވޭލާ ތާރީޚުގެ ވާހަކަތައް ފެންނަން އޮތް އެންމެ ދުރު ހިސާބުން ފެށިގެން މިއަދާ ހަމައަށް ވެސް ރާއްޖެ، އެއް ވެރިކަމެއްގެ އަމުރުމަޢުރޫފުގެ ދަށުގައި، މުސްތަޤިއްލު ވަޒަނެއްގެ ގޮތުގައި ދެމިއޮތީ ސިފައިންވީ ގުރުބާނީގެ ސަބަބުން ކަމަށެވެ.

"ކޮންމެ ނަމެއް ކޮންމެ ޒަމާނަކު ކިޔައިފައިވީ ނަމަވެސް، މި ގުރުބާނީގެ ފަހަތުގައި އެންމެ މުހިންމު ދައުރެއް އަބަދުވެސް އަދާކުރީ، ޤައުމު ދިފާޢުކޮށް، އަމާންކަމާއި ރައްކައުތެރިކަން ކަށަވަރުކޮށްދިނުމަށް ރުކުރުވާލާފައިވާ ލަޝްކަރެވެ. މިއަދު އަޅުގަނޑުމެން މި ނަންކުރާ ދިވެހި ޤައުމީ ދިފާޢީ ބާރު، ނުވަތަ ދިވެހި ސިފައިންނެވެ،" ރައީސްގެ ޚިޠާބުގައިވެއެވެ.

އެ މަނިކުފާނުގެ ޚިޠާބުގައި ވަނީ ޤައުމަށް ދިމާވި ކޮންމެ ބޮޑުކަމަކާއި ކޮންމެ އުނދަގޫ ވަގުތަކު، ދިވެހީންނަށް ޓަކައި ދަލާއި ލޭ އޮހޮރުވައި، ރެޔާއި ދުވާލު ވަރުބަލިވުމެއް ނެތި ބުރަ އުފުލުމުގައި އިސްނެގީ ދިވެހި ސިފައިންކަމަށެވެ.

ދިވެހި ސިފައިންގެ 133ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޕެރޭޑު ރައީސް ޑރ. މުޙައްމަދު މުއިއްޒު ބައްލަވައިލެއްވުން: ރައީސް ވިދާޅުވީ ސިފައިން، އަމިއްލަ ނަފުސާ ޢާއިލާތަކަށްވުރެ އަބަދުވެސް އިސްކުރީ ދިވެހި ޤައުމާއި ރައްޔިތުންގެ މަޞްލަޙަތްކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

ރައީސްގެ ޚިޠޯބުގައި ވިދާޅުވީ، ދިވެހި ޤައުމީ ދިފާޢީ ބާރުގެ ނުގުޑާ ޢަޒުމާއި، ދެގޮތެއް ނުވާ ސާބިތުކަމާއި، ޤައުމީ ލޯބީގެ ރީތި ނަމޫނާއަށް ފަޚުރުވެރިވާކަމަށެވެ.

އަދި ޢަސްކަރިއްޔާގެ ބަދަހި ލަޝްކަރަށާއި، ސިފައިންގެ ޢާއިލާތަކަށް، އަދި ވޭތުވި މާޒީގައި މި މުއައްސަސާގައި މަސައްކަތްކޮށްދެއްވާފައިވާ ހުރިހާ ޚިދުމަތްތެރީންނަށް، އެ މަނިކުފާނުވަނީ ސާބަހާއި ޝުކުރުގެ ބަސްތައް ރައްދުކުރައްވައިފައެވެ.

ދިވެހި ސިފައިންގެ 133ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޕެރޭޑު ރައީސް ޑރ. މުޙައްމަދު މުއިއްޒު ބައްލަވައިލެއްވުން: ރައީސް ވިދާޅުވީ ސިފައިން، އަމިއްލަ ނަފުސާ ޢާއިލާތަކަށްވުރެ އަބަދުވެސް އިސްކުރީ ދިވެހި ޤައުމާއި ރައްޔިތުންގެ މަޞްލަޙަތްކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

"ދިވެހި ސިފައިންގެ މުލައްދަނޑިތަކުގައި ޤައުމީ ލޭ ދައުރުވާހައި ހިނދަކު، އަދި ދިވެހި ޢަސްކަރީންގެ ހިތްތަކުގައި މިނިވަންކަމުގެ ވިންދު ޖަހަމުންދާހާ ހިނދަކު، އިރާދަކުރެއްވިއްޔާ ދިވެހީންގެ މިނިވަންކަމަކަށް، ދެމިތިބުމަކަށް، އިރުއޮއްސުމެއް ނެތެވެ،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނުގެ ޚިޠާބު ނިންމަވައިލެއްވީ ޤައުމީ ދިފާޢީ ބާރު ވަރުގަދަކޮށް، ޒަމާނީ ވަސީލަތްތަކާއި ކުރިއެރުން ޙާޞިލުކުރުމަށް ކުރާ މަސައްކަތްތަކަށް ކާމިޔާބީ މިންވަރު ކުރެއްވުން އެދި ދުއާކުރައްވަމުންނެވެ.

ދިވެހި އަސްކަރިއްޔާ ތަރައްގީކޮށް ވަރުގަދަ ކުރުމަށް ޓަކައި ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން އަސްކަރީ ޑްރޯނާއި، އަސްކަރީ އެކި އުޅަނދު ހޯދުމަށް ސަރުކާރުން އަންނަނީ ބޮޑު ޚަރަދެއް ކުރަމުންނެވެ.

މީގެ އިތުރުން ސިފައިން ގެއަށް މީހުން އިތުރުކޮށް، ވެލްފެއާގެ ޚިދުމަތްތައް ވެސް އިތުރަށް ހަރުދަނާކޮށް އެ ކަންކަމަށް ބަޖެޓުން ބޮޑު ހޭދައެއް ކުރަން ވަނީ ޚާއްސަކޮށްފައެވެ.

comment ކޮމެންޓް