ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހިޔާލުފުޅާ އެއްގޮތަށް އިންތިޚާބުތަކަށް ބަދަލު ގެނައުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން މަދުވެގެން 45 މިލިއަނެއްހާ ރުފިޔާ ޚަރަދުވާނެކަން މިއަދު އެނގިއްޖެއެވެ.
އެ މަނިކުފާނު ގެންދަވަނީ މަޖިލީސް އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއްކޮށްލައި، ޕްރިފަރެންޝަލް ވޯޓިން ނިޒާމަކަށް ބަދަލުކުރަން ވަކާލާތުކުރައްވަމުންނެވެ. އެ ކަމަށް ބޭނުންވާ، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު މި އަހަރު ތެރޭ ނަގަން މަސައްކަތްކުރައްވާ ކަމަށް ޕީއެންސީގެ މެންބަރުންނާ އެކު މިދިޔަ ހަފުތާގައި ބޭއްވި ބައްދަލުކުރެއްވުމެއްގައި އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.
'ސަން'އަށް އެނގިފައިވާ ގޮތުގައި ގައުމީ އިންތިޚާބެއް ބާއްވަން 45 މިލިއަނެއްހާ ރުފިޔާ ޚަރަދުވެއެވެ. މި އަހަރު ތެރޭ އެ ފަދަ އިންތިޚާބެއް ބާއްވާ ނަމަ، އިންފްލޭޝަންއަށް ބެލުމަށް ފަހު އެ އަދަދު 55 މިލިއަނެއްހާ ރުފިޔާއަށް އަރާނެއެވެ.
އެހެންވެ، މި އަހަރު ރެފަރެންޑަމްއަކަށް ނުވަތަ ފެންނަ ނުފެންނަ ވޯޓެއް ނަގަން 55 މިލިއަނެއްހާ ރުފިޔާ ޚަރަދުކުރަން ޖެހޭނެއެވެ.
ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިޚާބު އެކުގައި ބާއްވަން ބޭނުންވާކަން ރައީސް މުއިއްޒު އެންމެ ފުރަތަމަ އިއުލާނުކުރެއްވީ ޖުލައި ހަތެއް، 2024 ގައެވެ. އެ ދުވަހު ރައީސް ވިދާޅުވީ، ގައުމާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކީ އެއީ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި މިދިޔަ މަޖިލީސް އިންތިޚާބު ނިމުންއިރު 120 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވިއެވެ. ރިޔާސީ އިންތިޚާބުގެ ދެ ބުރު ނިމުންއިރު 180 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވިއެވެ. އެހެންވެ، އިންތިޚާބުތައް އެއްކޮށްލީމާ 120 މިލިއަނެއްހައި ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ރައީސް ހިސާބު ޖައްސަވައެވެ.
"ކުޑަ ރަށެއްގެ މީހުން ދާއިމަށް ބޮޑު ރަށަކަށް ބަދަލު ކުރަން ބެލިޔަސް އެ ފައިސާ ބޭނުންކުރެވޭނެ. އަދި އެއަށްވުރެ ކުދިކުދި ކަންކަމަށް ބަލާއިރު އެތައް އާއިލާއަކަށް އެތައް ކަމެއް ކޮށްދެވޭވަރުގެ އަދަދެއް އެއީ،" އެ މަނިކުފާނުގެ ވިސްނުންފުޅު އެ ދުވަހު ހިއްސާކުރެއްވިއެވެ.
އިންތިޚާބެއްގެ ވޯޓުލުން ކުރިއަށްދަނީ: ފެންނަ ނުފެންނަ ވޯޓެއް ނަގަން 55 މިލިއަނެއްހާ ރުފިޔާ ޚަރަދުވާނެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ދެ އިންތިޚާބު އެއްކޮށްލުމާ މެދު ވަކި އެއްޗެއް ވިދާޅުނުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޕްރިފަރެންޝަލް ވޯޓިން ނިޒާމަކަށް ތާއީދުކުރައްވައިފައެވެ. އެ މަނިކުފާނު ވަނީ އެމްޑީޕީއާއި ޑިމޮކްރެޓްސްއިން ވެސް އެ ހިޔާލަށް ތާއީދުކުރައްވާނެ ކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.
އެކަމަކު، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ ދެ އިންތިޚާބު އެއްކޮށްލުމާއި ޕްރިފަރެންޝަލް ވޯޓިން ނިޒާމަކަށް ބަދަލުކުރަން ވެސް ދެކޮޅު ހައްދަވައިފައެވެ. ސަރުކާރުން އެކަން ކުރަން އުޅެނީ ހެޔޮ ނިޔަތުގައި ނޫން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ޕްރިފަރެންޝަލް ވޯޓިންއަކީ ކޮބާ؟
މިހާރު ދިވެހީން ވޯޓުލަނީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ކޮންމެ ވެސް އެއް ކެންޑިޑޭޓަކަށެވެ. އެ މީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ހެޔޮ ފާހަގައެއް ޖަހަނީއެވެ.
އެކަމަކު، ޕްރިފަރެންޝަލް ނިޒާމެއްގައި ލާނީ ހެޔޮ ފާހަގައެއް ނޫނެވެ. ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ކަމުދާ ކެންޑިޑޭޓާއި ދެވަނައަށް އެންމެ ރަނގަޅު ކެންޑިޑޭޓާއި ދެން އެންމެ ކަމުދާ ކެންޑީޑޭޓު ތަރުތީބުކުރާނީއެވެ.
އެ ފަދަ ނިޒާމެއްގައި އެއް ކެންޑިޑޭޓަކަށް 50 އިންސައްތަ ވޯޓު ނުލިބިއްޖެ ނަމަ ދެން ބަލާނީ އެންމެ ގިނަ މީހުން ދެވަނައަށް ފާހަގަޖެހީ ކާކަށްތޯއެވެ. އެ ރޭޓިން ގުނަން ފަށާނީ އެއްވަނަ ރޭޓިން މަދުން ލިބުނު ކެންޑިޑޭޓުން ނުލައެވެ. އެއް ކެންޑިޑޭޓަކަށް 50 އިންސައްތަ ހަމަވަންދެން އެ އުސޫލުން ކުރިއަށް ގެންދާނެއެވެ.
އެހެންވެ، ދެވަނަ ބުރަކަށް ނުގޮސް އިންތިޚާބު ނިންމާލެވޭނެއެވެ.