އިޓާލިއަން ސެރީއާގައި ބޮލޯނިއާ އަތުން އެންމެ ފަހުގެ ޗެމްޕިއަން އަދި އެއްވަނައިގައި އޮތް އިންޓާ މިލާން ބަލިވެއްޖެއެވެ.
ބޮލޯނިއާގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 1-0 އިންނެވެ.
މެޗުގައި ދެ ޓީމަށް ވެސް ރަނގަޅު ގިނަ ފުރުސަތުތަކެއް ލިބުނެވެ. އެކަމަކު، އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އިތުރު ވަގުތު ދެއްކުމުން މެޗު އެއްވަރުވެގެން ނިމިދާނެހެން ހީވިއެވެ.
ބޮލޯނިއާއިން ލަނޑެއް ޖެހޭތޯ ކުރި މަސައްކަތުގެ ނަތީޖާއަކަށްވީ އިތުރު ވަގުތުގެ ހަތަރުވަނަ މިނެޓުގައި މެޗުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށް، މެޗު ކާމިޔާބުކުރުމެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރިކާޑޯ އޯސޮލީނީއެވެ. މެޗުގައި އިންޓާއަށް އެންމެ ރަނގަޅު ކުޅުން ދެއްކިފައިނުވާއިރު ބޮލޯނިއާގެ ގޯލަށް އަމާޒުކޮށް ފޮނުވާލެވިފައިވަނީ ވެސް އެންމެ ހަމަލާއެކެވެ.
މި ކާމިޔާބީއާ އެކު ބޮލޯނިއާ މިހާރު އޮތީ 60 ޕޮއިންޓާ އެކު ހަތަރުވަނައިގައެވެ. އަދި، އިންޓާ އެއްވަނައިގައި އޮތީ 71 ޕޮއިންޓާ އެކު އެއްވަނައިގައެވެ. ނަމަވެސް، އެއީ ދެވަނައިގައި އޮތް ނަޕޯލީއާ ޕޮއިންޓްގެ ގޮތުން ހަމަހަމަވުމާ އެކު ފައިދާ ގޯލުގެ ތަފާތުންނެވެ. މި ހަފުތާގައި ނަޕޯލީ ކުޅުނު މެޗު ކާމިޔާބުކޮށް، އިންޓާއާ ހަމަހަމަ ކުރިއިރު އިންޓާއަށް އަނެއްކާ ލީޑު ނެގުމަށް ލިބުނު ފުރުސަތު މިވަނީ ބޭކާރުވެފައެވެ. މިހާރު ކޮންމެ ޓީމަކަށް ބާކީ ފަސް މެޗު އޮތްއިރު ލީގު ކާމިޔާބުކުރަން ދެ ޓީމުގެ މެދުގައި އޮތް ވާދަވެރިކަން ވަނީ އަނެއްކާ އިތުރުވެފައެވެ.
މީގެ އިތުރުން، އޭސީ މިލާނާއި އެޓަލާންޓާ ބައްދަލުކުރި މެޗު 1-0 އިން ކާމިޔާބުކޮށް، އެޓަލާންޓާއިން މިވަނީ ތިންވަނައިގައި ފައި ހަރުކޮށްލާފައެވެ. މެޗުގައި އެޓަލާންޓާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު 62 ވަނަ މިނެޓުގައި ކާމިޔާބުކޮށްދީފައިވަނީ އެޑަސަންއެވެ.
މި ކާމިޔާބީއާ އެކު އެޓަލާންޓާ ތިންވަނައިގައި އޮތީ 64 ޕޮއިންޓާ އެކުއެވެ. އަދި، މިލާން އޮތީ 51 ޕޮއިންޓާ އެކު ނުވަވަނައިގައެވެ.