ބަންކަރިން ޚިދުމަތުން ނަފާ ލިބޭ، އެސްޓީއޯގެ ހިސާބުތަކުން ފެންނާނެ: ސައީދު

21 އެޕްރީލް 2025: އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރުން ފެށި ބަންކަރިންގެ ޚިދުމަތުން ފައިދާވާ ކަމަށާއި މިހާރު ވެސް ރަނގަޅު އާމްދަނީ އެއް ލިބިފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަންކަރިންގެ ޚިދުމަތުން ފައިދާ ލިބޭތޯ ބައެއް ނޫސްވެރިން ސުވާލުކުރުމުން މިނިސްޓަރު ވިދާޅުވީ އެ ޚިދުމަތުން ފައިދާ ވަމުން އަންނަކަމަށެވެ.

ސައީދު ވިދާޅުވީ ބަންކަރިންގެ ވިޔަފާރިއަކީ އެތައް ބިލިއަން ޑޮލަރަކަށް އަގު އަރައި ދުނިޔޭގެ ފެންވަރުގެ ވަރަށް ބޮޑު ވިޔަފާރިއެއް ކަމަށެވެ. އެހެންކަމުން ރާއްޖެއިން މި ޚިދުމަތް ފެށީ، މަޑުމަޑުން މި ޚިދުމަތް ތަރައްގީކޮށް 400 މިލިއަނެއްހައި ރުފިޔާގެ ފައިދާ ހޯދަންކަމަށް ސައީދު ވިދާޅުވިއެވެ.

ބަނދަރެއް ނެތި، ކަނޑުގެ ސަރަހައްދެއްގައި އޮފްޝޯ ބަންކަރިންގެ ޚިދުމަތް މިހާރު ވެސް ކުރިއަށްދާކަމަށް ސައީދު ވިދާޅުވިއެވެ. އަދި ބަނދަރެއް ނެތި މި ޚިދުމަތް ފެށީ، އެއްވެސް އުޒުރެއް ދައްކައިގެން މަސައްކަތް ނުފަށައި ލަސްކުރަން ސަރުކާރުން ބޭނުން ނުވާތީކަމަށް ސައީދު ވިދާޅުވިއެވެ.

21 އެޕްރީލް 2025: އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

"އެހެންވީމާ އިރާދަކުރެއްވިއްޔާ އެ ކަން ފެށީމާ މިއަދު ނަފާވެރިކަން އެބަ ލިބޭ،" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ބަންކަރިން ޚިދުމަތުން ލިބޭ އާމްދަނީގެ ހިސާބުތައް އެ ޚިދުމަތް ދޭ އެސްޓީއޯއިން ލިބެން ހުންނާނެ ކަމަށެވެ. އަދި މަސައްކަތް ފެށި ނަމަވެސް ކޮންމެ ދުވަހަކު ޖަހާ ކޮންމެ ދުވަހެއްގެ ހިސާބު މީޑިއާއަށް ހިއްސާކުރުން އެއީ ނުވެދާނެ ކަމެއްކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ބައިނަލްއަގްވާމީ ގޮތުން ބަންކަރިންގެ ޚިދުމަތް ދިނުމަށް ވަސީލަތްތައް ގާއިމްކުރުމުގެ ވާހަކައަކީ ''ދުލުން ބުނެލަން ފަސޭހަ ނަމަވެސް ބޮޑު މަސައްކަތެއް'' ކަމަށެވެ.

އެ ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަކަމަށާއި، ރާއްޖެއިން އެ ކަމަށް ފައިސާ ނުލިބޭނަމަ، ބޭރުން ވެސް އެ ކަމަށް ފައިސާ ހޯދައިގެން ކަންކަން ކުރިއަށްގެންދާނެކަމަށް ސައީދު ވިދާޅުވިއެވެ.

ބަންކަރިންގެ ޚިދުމަތް ފެށީ މިދިޔަ އަހަރުގެ 19 ސެޕްޓެމްބަރުގައެވެ. އެ ޚިދުމަތް އެސްޓީއޯއިން ދެނީ ނެދަލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ 'ވިޓޯލް'އާ ގުޅިގެންނެވެ.

އޭގެ ދޮޅު މަހެއްހައި ދުވަސް ފަހުން، 13 ނޮވެމްބަރުގައި މިނިސްޓަރު ސައީދުވަނީ ބަންކަރިން ޚިދުމަތުން 1.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް އެ މުއްދަތުގައި ލިބުނުކަމަށް ވިދާޅުވެފައެވެ.

އެއާއެކު، ބަންކަރިންނަށް ޚާއްސަކޮށްފައި އޮތް، އިހަވަންދިއްޕޮޅު ސަރަހައްދު ހިއްކައި، ތެޔޮ ރައްކާ ކުރެވޭނެ އިންތިޒާމާ އެއްކޮށް ބަނދަރެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސައީދު މި އަހަރުގެ ފެބްރުއަރީ 18ވަނަ ދުވަހު ވިދާޅުވިއެވެ.

comment ކޮމެންޓް