ޓެރިފް ހަނގުރާމައިގާ ރައްދު ދޭން ޗައިނާ ޖަހަނީ އެމެރިކާގެ އެންމެ ތަދުވާތަނުގައި

ޗައިނާގައި އުފައްދާ ކޮމާކް ސީ 919 ގެ ފަސިންޖަރު ބޯޓެއް

ބެއިޖިންގް (21 އެޕްރީލް 2025): އެމެރިކާއިން ޗައިނާ އާ ދެކޮޅަށް އިއުލާނުކުރި ޓެރިފް ހަނގުރާމައިގާ އެމެރިކާއަށް ރައްދު ދިނުމަށް ޗައިނާ ޖަހަނީ އެމެރިކާގެ އެންމެ ތަދުވާތަނުގައި ކަމަށް ނިޔުޔޯކް ޓައިމްސްއިން ބުނެފިއެވެ.

އެ ނޫހުން ބުނާގޮތުގައި މަތިންދާބޯޓު އުފައްދާ އެމެރިކާގެ އެންމެ ބޮޑު ކުންފުނިކަމަށްވާ ބޮއިންގް އާއެކު ކުރާ ވިޔަފާރީގެ މުއާމަލާތްތައް މަޑުމަޑުން މަދުކުރަމުން ގެންގޮސް ބޮއިންގް އާއެކު ވިޔަފާރީގެ މުއާމަލާތްތައް އެއްކޮށް ހުއްޓާލުމަށް ޗައިނާއިން ވަނީ ރާވާފައެވެ. އަދި އެރޭވުން ތަންފީޒު ކުރުމަށް ރައީސް ޝީ ޖިންޕިންގް ވަނީ ޗައިނާގެ ކަމާބެހޭ އިދާރާތަކަށް އަންގަވާފައެވެ.

މިއީ އެމެރިކާގެ އެންމެ ތަދުވާތަނުގައި ޖެހުންކަމަށާއި މިއީ ބޮންއިންގް ކުންފުނީގެ އާމްދަނީ އަޑިއަޅާލާނެ ކަމެއްގެ ގޮތުގައި އެނޫހުން ސިފަކުރެއެވެ. ނަމަވެސް ނިޔުޔޯކް ޓައިމްސް ބުނާގޮތުން ބޮއިންގްގެ ބޯޓުތައް ގަތުން ކުއްލިއަކަށް ހުއްޓާލުމަކީ ޗައިނާއަށް ކުރެވޭނެ ކަމެއް ނޫނެވެ. މިކަމަށް ވަގުތު ނަގާނެއެވެ.

ޗައިނާއަށް މިހާރަށް ބޭނުންވާ ފަސިންޖަރު ބޯޓުތައް ޔޫރަޕްގެ އެއާބަސް ކުންފުނިން ގަތުމަށް ނިންމި ނަމަވެސް ޗައިނާފަދަ ބިޔަ ގައުމަކަށް ބޭނުންވާ ވަރަށް ފަސިންޖަރު ބޯޓުތަކާއި ސްޕެއާ ސަޕްލައި ކޮށްދިނުމަކީ އެކުންފުންޏަށް ވެސް ފަސޭހަ ކަމެއްނޫނެވެ. ބޮޑު ގޮންޖެހުމެކެވެ. ނަމަވެސް ބޮއިންގް ކުންފުންޏަށް ބާޒާރު ގެއްލި އެއާބަސް ކުންފުންޏަށް މިލެބެނީ ބޮޑު ބާޒާރެކެވެ. އެހެންކަމުން މިއީ އެމެރިކާއަށް ވަރަށް ވޭންދެނިވި ކަމެކެވެ. އަނެއްކޮޅުން ޗައިނާވަނީ އެގައުމުން ފަސިންޖަރު މަތިންދާ ބޯޓު އުފެއްދުމަށް ކުރާ އިންވެސްޓްމަންޓް ދެގުނައަށް އިތުރު ކުރުމަށް ވެސް ނިންމާފައެވެ. ނަަމަވެސް މިކަމުގެ ނަތީޖާ ފެންނަން އަދި ދެތިން އަހަރު ނަގާނެއެވެ.

ޗައިނާގެ ސަރުކާރުން މިދިޔަ ހަފުތާގައި އެގައުމުގެ އެއާލައިންތަކަށް އަންގާފައި ވަނީ މަތިންދާބޯޓު އުފައްދާ އެމެރިކާގެ އެންމެ ބޮޑު ކުންފުނިކަމަށްވާ ބޮއިންގް އާއެކު ކުރާ ވިޔަފާރީގެ މުއާމަލާތްތައް މަޑުމަޑުން މަދުކުރަމުން ގެންގޮސް ބޮއިންގް އާއެކު ވިޔަފާރީގެ މުއާމަލާތްތައް ހުއްޓާލުމަށެވެ.

ޗައިނާގެ ރަސްމީ މީޑިއާ ބުނާގޮތުން ޗައިނާގެ ވިޔަފާރިއާބެހޭ ވުޒާރާއިން އެގައުމުގެ އެއާލައިންތަކަށް އަންގާފައިވަނީ ބޮއިންގް އާއެކު ކުރާ ވިޔަފާރީގެ މުއާމަލާތްތައް މަދުކުރަމުން ގެންދިޔުމަށާ އެއަށްފަހު ބޮއިންގާ ކުރާ މުއާލާތްތައް ފަހުގެ މަރުހަލާއެއްގައި އެއްކޮށް ހުއްޓާލުމަށެވެ. އަދި ޗައިނާގެ ކުންފުނިތަކަށް އަލަށް ބޭނުންވާ މަތިންދާ ބޯޓުތައް ގަތުމަށްޓަކައި، މަތިންދާ ބޯޓު އުފައްދާ ޗައިނާގެ ކޮމާކް ކުންފުންޏަށް އޯޑަރު ދިނުމަށެވެ. އަވަހަށް ބޭނުންވާ މަތިންދާބޯޓުތައް ޔޫރަޕްގެ އެއާބަސް ކުންފުނިން ގަތުމަށެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިން މިދިޔަ ހަފުތާގައި ވަނީ ޗައިނާގެ އަމިއްލަ ޓެކްނޮލޮޖީގައި އުފައްދާ ކޮމާކް ސީ 919 މަރުކާގެ މަތިންދާ ބޯޓު އުފައްދާ މިންވަރު އިތުރުކުރުމަށް ޓަކައި އެކުންފުންޏަށާ އަދި ފަސިންޖަރު މަތިންދާ ބޯޓު އުފެއްދުމުގެ ސިވިލްއޭވިއޭޝަން ދާއިރާއަށް ޗައިނާ ކުރާ އިންވެސްޓްތައް އެތަށް ގުނައެއް މައްޗަށް ޖެއްސުމަށް ޗައިނާގެ ކަމާބެހޭ އިދާރާތަކަށް އަމުރު ކުރައްވާފައެވެ.

އެމެރިކާއިން ޗައިނާގެ މުދަލާދެކޮޅަށް އިއުލާނުކުރި ޓެރިފްގެ ފިޔަވަޅުތަކަށް ރައްދު ދިނުމުގެ ގޮތުން ޗައިނާގެ ރައީސް މިދިޔަ ހަފުތާގައި ނިންމަވާފައިވަނީ މިއަހަރުން ފެށިގެން 2027ވަނަ އަހަރާ ދެމެދު އެމެރިކާގެ ބޮއިންގް ކުންފުނިން ގަތުމަށް ޗައިނާ ނިންމާފައިވާ 179 ބޯޓާއި އެތަށް ސަތޭކަ ޓަނެއްގެ މަތިންދާ ބޯޓު ސްޕެއާޕާޓްސް ގަތުމަށް ވެފައިވާ އެއްބަސްވުން ސަސްޕެންޑްކޮށް އެއަށް އަމަލުކުރުން ހުއްޓާލުމަށެވެ. މިއީ ގާތްގަނޑަކަށް 700 ވަރަކަށް ބިލިޔަން ޑޮލަރުގެ ޑީލް އެކެވެ.

ޗައިނާގެ ރައީސް މިނިންމުން ނިންމެވީ ޗައިނާއާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފެއްޓެވި ވިޔަފާރީގެ ހަނގުރާމައިގާ އެމެރިކާއިން ޗައިނާގެ މުދަލަށް 245 އިންސައްތައިގެ ޓެރިފެއް ނަގަން ނިންމުމުން އެކަމަށް ރައްދުދީ އެމެރިކާއަށް ހަރުކަށި އަދަބެއް ދިނުމުގެ ގޮތުންނެވެ. މީގެއިތުރުން ޗައިނާގެ ރައީސްވަނީ އެމެރިކާއިން ގަންނަ އޭވިއޭޝަން ތަކެތީގެ އިތުރުން އެނޫން މުދާ ގަންނަ މިންވަރު ވެސް ބޮޑުތަނުން ދަށްކުރުމަށް ޗައިނާގެ ކަމާބެހޭ އިދާރާތަކަށް އަންގަވައިފައެވެ.

އެމެރިކާގެ ބޮއިންގް ކުންފުނިން 179 ބޯޓާއި އެތަށް ސަތޭކަ ޓަނެއްގެ މަތިންދާ ބޯޓު ސްޕެއާޕާޓްސް ގަތުމަށް ޗައިނާ ވެފައިވާ އެއްބަސްވުން ސަސްޕެންޑްކުރަން ޗައިނާ ގެ ރައީސް ނިންމެވުމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެކަމާމެދު ކަންބޮޑުވެ ވަޑައިގެން ވާހަކަ ދައްކަވާފައެވެ. އެއީ ބޮއިންގް ކުންފުންޏަށް ލިބޭނެ އާދަޔާ ޚިލާފު ބޮޑު ގެއްލުމަކަމަށާ ޗައިނާގެ މިއަމަލު ބަލައި ނުގަނެވޭނެކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ބޮއިންގް ކުންފުނިންޏަށް އަހަރެއްގެ މައްޗަށް 67 ވަރަކަށް ބިލިޔަން ޑޮލަރުގެ އާމްދަނީ އެއް ލިބެއެވެ. ބޮއިންގް ކުންފުނީގެ އުފެއްދުންތަކުގެ ގާތްގަނޑަކަށް 10 - 15 އިންސައްތަ ގަންނަކަމަށް ވަނީ ޗައިނާއިންނެވެ.

އަނެއްކޮޅުން މަތިންދާ ބޯޓު އުފައްދާ ސިނާއަތު ޗައިނާގައި އިތުރަށް ފުޅާކޮށް އެސިނާއަތު ވަރުގަދަކުރުމަށްޓަކައި އިތުރު އިންވެސްޓްމަންޓްތައް ކުރުމަށް ޗައިނާގެ ރައީސް އަމުރު ކުރެއްވުމަކީ މަދު އަހަރުތަކެއްގެ ތެރޭގައި އެމެރިކާގެ ބޮއިންގް ފެންވަރަށް ފަސިންޖަރު މަތިންދާބޯޓު އުފެއްދޭ ވަރުގެ ގާބިލު ކުންފުންޏަކަށް ޗައިނާގެ ކޮމާކް ކުންފުނި ހެދުމެވެ. މިއީވެސް ބޮއިންގަށް އޭވިއޭޝަންގެ ބާޒާރު ގެއްލި މިދާއިރާގައި ބޮޑު ގޮންޖެހުމެއް ކުރިމަތިވާނެ ކަމެކެވެ.

ޗައިނާގެ ކޮމާކް ކުންފުނިން އުފައްދާ ސީ 919 މަރުކާގެ މަތިންދާބޯޓުތައް ވަނީ ޗައިނާގެ އިތުުރުން ސިންގަޕޫރާއި ވިއެޓްނާމަށް ވެސް ދަތުުރު ކުރަން ފަށާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު