އޭދަފުށީގައި ރޭގަނޑު ދިހައެއްގެ ފަހުން އެކަނި ބޭރުގައި އުޅޭ ކުދިންގެ މައުލޫމާތު ނަގަނީ

ބ. އޭދަފުށި މަގެއް މަތި: އޭދަފުށީގައި ރޭގަނޑު ދިހައެއްގެ ފަހުން އެކަނި ބޭރުގައި އުޅޭ ކުދިންގެ މައުލޫމާތު ނަގަން ވަނީ ފަށާފައި -- ފޮޓޯ/ އޭދަފުށި ޓައިމްސް (އީޓީ)

ބ. އޭދަފުށީގައި ރޭގަނޑު ދިހައެއްގެ ފަހުން ބެލެނިވެރިއަކާ ނުލައި ބޭރުގައި އުޅޭ ކުދިންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް އެރަށުގެ ފުލުހުން ފަށައިފިއެވެ.

ފުލުހުން ބުނީ، އިދާރާތަކާ ގުޅިގެން އިއްޔެ އެ މަސައްކަތް ފެށީ ކުށްމަދު އަމާން މުޖުތަމައުއެއް ގާއިމުކޮށް، ކުށުގެ ވެށިން ކުޑަކުދިން ރައްކާތެރިކުރުމަށް ކަމަށެވެ.

އެގޮތުން، ރޭގަނޑު ދިހައެއްގެފަހުން އެކަނި ބޭރުގައި އުޅޭ ކުދިންގެ މައުލޫމާތު އެއްކޮށް، ކުށްތަކަށް އަރައިގަންނަ ކުދިން އަލުން މުޖުތަމައުއަށް ގެނައުމަށް އިދާރާތަކާ ގުޅިގެން ކުރަން ޖެހޭ މަސައްކަތް ކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މިކަމާ ގުޅިގެން އޭދަފުށީ ކައުންސިލްގެ ނައިބު ރައީސް އަލީ ޝަފީގް 'ސަން'އަށް ވިދާޅުވީ، އެ ހަރަކާތް ފެށީ މިދިޔަ ރޯދަ މަހު އެރަށު ގިނަ ސުކޫލު ކުދިންތަކެއް ރޭގަނޑު ދަންވަންދެން ބޭއަދަބީ ކަންކަމުގައި އުޅޭކަން ފާހަގަވުމުން ކަމަށެވެ.

އޭނާ ވިދާޅުވީ، މިއީ ރާއްޖޭގައި ކުޑަކުދިންގެ ހައްގުގެ ގާނޫނުގައި އެ ކުދިން ރޭގަނޑު 10ގެ ފަހުން ބެލެނިވެރިއަކާ ނުލައި ބޭރުގައި އުޅުން ހުއްޓުވުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.

"މި މަސައްކަތުގެ އެންމެ ބޮޑު އަސާސަކީ އާންމުގޮތެއްގައި ކުދިން ކުށުގެ ވެއްޓަށް ހުށަހެޅެނީ ރޭގަނޑު ދަން ގަޑިތަކުގައި ކަމަށް ވާތީ އޭދަފުށީގައި ދިރިއުޅޭ ކުދިން އެ ކުށުގެ ވެއްޓަށް ހުށަހެޅުނަ ނުދިނުން،" އޭނާ ވިދާޅުވިއެވެ.

އެގޮތުން، އެ ފަދަ ކަންކަން އިސްލާހު ކުރުމަށް ފުލުހުން ފެށި މި ހަރަކާތުގެ ތެރެއިން ތަކުރާރުކޮށް ރޭގަނޑު ދިހައެއްގެ ފަހުން ބޭރުގައި އުޅޭ ކުދިންގެ ބެލެނިވެރިން ހާޒިރުކޮށް، ސުވާލުކުރުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސްކޫލު ކުދިންގެ އަޚުލާގު ރަނގަޅު ކުރުމަށް ބައެއް ރަށްރަށުގައި ތަފާތު ފިޔަވަޅުތައް އަޅައެވެ.

comment ކޮމެންޓް