ޒަމާނާއެކު، އަސްކަރިއްޔާ ތަރައްގީ ކުރުމަށް އަބަދުވެސް ރާއްޖޭން މަސައްކަތް ކުރޭ: ޣައްސާން

ރައީސް މުއިއްޒާއި މިނިސްޓަރު ޣައްސާން: މިނިސްޓަރު ވިދާޅުވީ ޒަމާނާއެކު އަސްކަރިއްޔާ ތަރައްގީ ކުރުމަށް އަބަދުވެސް ރާއްޖޭން މަސައްކަތް ކުރާ ކަމަށް ----- ފޮޓޯ/ ރައީސް އޮފީސް

ޒަމާނާއެކު، ރާއްޖޭގެ އަސްކަރިއްޔާ ތަރައްގީކުރުމަށް އަބަދުވެސް މަސައްކަތް ކުރާ ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން މިރޭ ވިދާޅުވެއްޖެއެވެ.

ސިފައިންގެ 133ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި މިނިސްޓަރު ވިދާޅުވީ، ދިވެހި އަސްކަރިއްޔާގެ އައު އަހަރަކީ، މާޒީއާއި ތާރީޚަށް ބަލައި އިބުރަތްތަކުގެ އަލީގައި ކުރިއަށް ދިމާވެދާނެ ގޮންޖެހުންތަކަށް ތައްޔާރުވާން ލިބޭ ފުރުސަތެއް ކަމަށެވެ.

އެގޮތުން، ރާއްޖެއަކީ ވަރަށް ދިގު އަސްކަރީ ތާރީޚެއް އޮތް ގައުމެއް ކަމަށާއި އާބާދީ މަދަސް އަޅުވެތިކަމަށް ބޯނުލަނބާނެ ރައްޔިތުންތަކެއް ދިރިއުޅޭ ގައުމެއް ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒުގެ ދެކަނބަލުންނާއި މިނިސްޓަރު ޣައްސާން ---- ފޮޓޯ/ ރައީސް އޮފީސް

ޒަމާނާ އެއްގޮތަށް އަސްކަރިއްޔާ ތަރައްގީ ކުރަން އަބަދު ވެސް މަސައްކަތް ކުރަމުން އައި ގައުމެއް. ލެޔާ ފުރާނައިން މިނިވަންކަން ހިމާޔަތްކުރުމުގެ ތާރީޚެއް އޮތް ގައުމެއް. އެހެން ނަމަވެސް، ދިވެހީންނަކީ އެއްވެސް ޒަމާނެއްގައި އިސްވެ އެއްވެސް ބަޔަކާ ހަނގުރާމަ ކުރިބައެއް ނޫން. އަދި ކުރާނެ ބައެއް ވެސް ނޫން

އޭގެއިތުރުން، ރައީސް ޑރ. މުޙައްމަދު މުއިއްޒު މިހާރު ކުރައްވަމުން ގެންދަވަނީ މިދިޔަ 15 އަހަރު އިޖާބަނުދެވި، އިހުމާލު ވެފައި ހުރި މަސައްކަތްތައް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އެ އިހުމާލުތަކުގެ ސަބަބުން، މިދިޔަ ދިހަ އަހަރުތެރޭ ރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލަށް ސީދާ އަސަރުކުރާ ފަދަ 'ނުރައްކާތެރި، ނިރުބަވެރި' ހަމަލާތައް ފަސޭހަކަމާއެކު ދެވިފައިވާ ކަމަށާއި އެެހެން އެކަން ވީ ގައުމަށް ވުރެ އެހެން ކަންކަން އިސްކުރުމުން ކަމަށް ޣައްސާން ވިދާޅުވިއެވެ.

މިރޭގެ ރަސްމިއްޔާތުގެ ތެރެއިން ---- ފޮޓޯ/ ރައީސް އޮފީސް

އެ ޖަލްސާގައި މިނިސްޓަރު ވަނީ، އަސްކަރިއްޔާއަށް ރައީސް ކޮށްދެއްވި ކަންކަން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. މިގޮތުން، ރައްޔިތުން ރައީސް މުއިއްޒު އިންތިޚާބު ކުރީ ފޫނުބެދި ހުރި އާނގަތައް ބައްދަވައި، ގައުމު ހިމާޔަތްކޮށްދެއްވާނެ ކަމުގެ ފުރިހަމަ އިތުބާރާއެކީގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސިފައިންގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން އެ އިތުބާރު ދަމަހައްޓަވަމުން ގެންދަވާ ކަމަށާއި ކުރު މުއްދަތެއްގެ ތެރޭގައި އެމްއެންޑީއެފްގެ ގާބިލުކަން އެތައް ގޮތަކުން އެމަނިކުފާނު އިތުރުކޮށްދެއްވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ދިވެހި އަސްކަރިއްޔާގެ ވައިގެ ޚިދުމަތަށް ތުރުކީވިލާތުން ވަނީ ދެ އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ވެސް މިދިޔަ އަހަރު ގެނެސްފައެވެ. އެއާއެކު ވަނީ ސިފައިންގެ އެއާކޯގެ ޚިދުމަތް ވެސް ގާއިމްކޮށްފައެވެ. އޭގެފަހުން، ހަތިޔާރު އެޅި އައު އެއްގަމު އުޅަނދުތަކެއް ވެސް މިފަހުން ވަނީ އަސްކަރިއްޔާއަށް ތައާރަފު ކޮށްފައެވެ.

އެކަންކަމަކީ މިނިވަން މުސްތަގިއްލު ކޮންމެ ގައުމަކުން ހޯދަން މަޖުބޫރު ވަސީލަތްތަކެއް ކަމަށާއި ގައުމުތަކާމެދު އިންވެސްޓަރުންގެ އިތުބާރު އުފެދޭނީ އެ ގައުމެއްގެ މިނިވަންކަން ހިމާޔަތްވެފައި އޮތުމުން ކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

https://sun.mv/205070

ރައީސް މުއިއްޒު މިރޭ ވަނީ، ތަސައްވުރަކީ ދުރުނޫން މުސްތަގުބަލެއްގައި ދިވެހި ސިފައިންގެ ޚިދުމަތުގެ އާމީ، ނޭވީ އަދި އެއާފޯސް ގާއިމްކުރުން ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް