ރޫބީ ބޯޖަހައިލާފައި އަވަސް ފިޔަވަޅުތަކެއްގައި ގޮސް އިބާ ދެއްކި ކެބިންއަށް ވަނެވެ. އެއީ އިކާންގެ ކެބިންއެވެ. އިކާން އިނީ، ފައިލު ހުޅުވައިލި ވަގުތު މޭޒު ކައިރިއަށް ވެރުނު ކަރުދާސްތައް ނަގާށެވެ. މޭޒުމަތީގައި އިކާންގެ ދަބަސް އޮތެވެ. ރޫބީ ހީކުރީ އެއީ އިބާ ބުނި ދަބަސް ކަމަށެވެ. ރޫބީ ގޮސް ދަބަސް ނެގިއެވެ. ހަމަ އެވަގުތު މޭޒުދަށުގައި އިން އިކާން ކަރުދާސްތައް ނަގައިގެން ކޮޅަށް ތެދުވިއެވެ. ދެމީހުން ތިބީ އެކަކު އަނެކަކާއި ނުހަނު ކައިރީގައެވެ. ސިއްސައިގެން ގޮސްފައި ރޫބީއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އިކާންގެ މޭގައި އަތް އަޅައި ދުރަށް ކޮށްޕައިލިއެވެ. އިކާންވެސް ސިހުނެވެ. ގޮނޑީގައި ހިފަހައްޓާލެވުނުކަމުން ނުވެއްޓި ސަލާމަތްވިއެވެ. ކަރުދާސްތަކުން ބައެއް އިކާންގެ އަތުން ދޫވިއެވެ. ރޫބީގެ ބޯމަތީގައި އެނބުރިލާފައި ފަހަރަކު ގަނޑެއް އޭނާގެ ފައިދަށަށް ތިރިވަމުން ދިޔައެވެ. ފައިދަށުން ރޫބީއަށް ފެނުނީ މުޅީންވެސް އަންހެންކުދިންގެ ތަސްވީރެވެ. ރޫބީ ސައްކުގެ ނަޒަރަކުން އިކާންގެ މޫނަށް ބަލައިލިއެވެ. އޭރު އޭނާ ހުރީ ދެބުމަގޮށްޖަހާލައިގެންނެވެ.
********
ނުވެސް ދަންނަ އަންހެންކުއްޖެއްގެ ކުރިމަތީގައި އިކާން ބޭޒާރުވީއެވެ. ލަދުގަންނަން މަޖުބޫރު ކުރުވިއެވެ. ހުރިހާ ކަމެއްވީ އިކާންގެ ކާފަގެ ސަބަބުންނެވެ. މާލެ އަންނަ ކޮންމެ ފަހަރަކު އަސްލަމްގެ ކަމަކީ އިކާންއަށް އަންހެންކުދިން ތައާރަފްކޮށްދިނުމެވެ. އިކާންގެ ޝައުގުވެރިކަމެއް ނެތް ނަމަވެސް މެއެވެ. އިތުރަށް ރޫބީއަށް އެ ތަސްވީރުތައް ފޮރުވުމުގެ ބޭނުމެއް އިކާންއަކަށް ނުވިސްނުނެވެ. އިކާން ކޮންމެހެން ތަސްވީރުތައް ނަގާކަށް ނޫޅުނެވެ. ދެބުމަ ގޮށްޖަހާލައިގެން ރޫބީގެ މޫނަށް ބަލަން ހުރީއެވެ. ރޫބީވެސް ހުރީ އިކާނަށް ބަލާށެވެ. އެ ނަޒަރުން އެކަނިވެސް އިކާން ދަށު ދަރަޖައަކަށް ވައްޓާލައިފިއެވެ.
ރޫބީގެ ނަޒަރު އިކާންގެ ފައިން ފެށިގެން މޫނަށް ހުއްޓުނެވެ. މީހަކު ހުންނަގޮތުން އެމީހެއްގެ ހަގީގީ ސިފައެއް ނޭނގޭނެއެވެ. އިކާން ފެނުމުން ރޫބީގެ ހިތަށް އެ ޖުމުލަ ނައިހެއް ނުދިޔައެވެ. އިކާން ހުރީ ހުސްފައިގައެވެ. ކުރިން އަޅައިގެން ހުރި ޓައީއެއް ނެތެވެ. ގަމީހުގެ މޭމަތިން ދެތިން ގޮށް ނައްޓާލައިގެން ހުރިއިރު، ތަނަވަސް މޭމަތިން ބައެއް އޮތީ ފެންނާށެވެ. އަތްދިގު ގަމީހުގެ އަތުކުރި އޮޅާލާފައި އޮތުމުން، ދެއަތުގެ ބާރު ހާމަވެއެވެ. އިސްތަށިގަނޑުގެ ތަރުތީބު ގެއްލިފައިވިޔަސް، އިކާންގެ ފިރިހެންވަންތަކަމަށް ބަދަލެއް ނާދެއެވެ. ބަދަލުވީ ރޫބީ އިކާންއާއިމެދު ދެކުނު ގޮތެވެ.
"ކާކު... ހުއްދަ ދީގެން... މިތަނަށް ވަނީ؟... އޭނ؟..." ނުރުހުނުކަން ދެއްކި ނަމަވެސް އިކާންގެ މޫނުން ފެންނަން ހުރީ ހާސްކަމެވެ. ވާހަކަ ދެއްކުނީ ހުއްޓަމުންނެވެ. ރޫބީއަށް ފެނުނީ ފެންނަންނުވާ މަންޒަރެކެވެ. އިކާން ހާސްވީ، އެ އަޑު ބޭރުތެރެއަށް ފެތުރިދާނެތީއެވެ. އޭރުން އިކާންގެ ނަމަށް ހުތުރުވާނެއެވެ.
ރޫބީ ކުޑަކޮށް ސިހިފައި، ފަހަތަށްޖެހެން ފެށިއެވެ. އޭނާ ހުރީ ދެއަތުން ދަބަހުގައި ބާރަށް ހިފަހައްޓާލައިގެންނެވެ. އިކާންދެކެ އޭނާ ޖެހިލުންވެއްޖެއެވެ. އެ ދެއަތުގެ ބާރުގައި ރޫބީ ހައްޔަރުކުރާކަށް އުނދަގުލެއް ނުވާނެއެވެ. އޮފީހަށް ނުކުތް ފުރަތަމަ ދުވަހު އެފަދަ ނުރައްކާތެރިކަމަކާއި ދިމާވެދާނެކަމަށް ރޫބީ ހިތަށްވެސް ނާރައެވެ.
"އޭތް! އޭތް!..." ރޫބީ ދަބަސް ހިފައިގެން ފަހަތަށް ޖެހެން ފެށުމުން، އިކާން ހާސްވިއެވެ. "ދަބަސް..."
ރޫބީ ގޮސް ތަޅުގައި ހިފީ ބޭރަށް ނުކުންނާށެވެ. އިކާން ދިޔަ ބާރުމިނުގައި ދޮރު ތަޅުލާފައި ތަޅުދަނޑި ޖީބަށް ލިއެވެ. ރޫބީ ދެލޯ ބޮޑުކޮށްގެން އިކާނަށް ބަލަން ހުއްޓެވެ. އެ ދެލޮލުން ފެންނަން ހުރީ ނުރައްކާތެރި ވިދުވަރެކެވެ.
"ދަބަސް ބާއްވާ!" އިކާން އަމުރުކުރިއެވެ.
ރޫބީ ބިރުން ވިރޭވަރުވެފައި ހުއްޓާ، އިކާން ކުޑަކޮށް ގުދުވިއެވެ. ރޫބީގެ ކަރުގައި އަޅާފައިވާ ކާޑު އުފުލައިލިއެވެ. އިކާން ކުރަންއުޅޭ ކަމެއް ނޭނގޭތީ، ރޫބީ ހުރީ ދެލޯ މަރައި، ބާރުކޮށްލައިގެންނެވެ.
"ޢާއިޝަތު ރޫބީ... މާކެޓިންގް ޑިޕާޓްމަންޓް..." އިކާން ރޫބީ އަޅައިގެން ހުރި ކާޑުގައިވާ މައުލޫމާތު ކިޔައިލިއެވެ.
ރޫބީއަކީ އިކާންގެ ދަށުން މަސައްކަތްކުރާ ކުއްޖެކެވެ. އަލަށް ވަޒީފާއަށް ގުޅުނު ދެ މުވައްޒަފުންގެ ތެރެއިން މުވައްޒަފެކެވެ. ކާޑުން ދޫކޮށްލާފައި، ދުރަށްޖެހިލުމުގެ ކުރިން އޭނާ ރޫބީގެ މޫނަށް ބަލައިލިއެވެ. ރޫބީގެ އޮމާން މޫނު ނުހަނު ކައިރިން ފެނުމުން އިކާންގެ ހިތަށް ގޮތެއް ވިއެވެ. އެއީ ދުވަހަކުވެސް އަންހެން ކުއްޖަކު ފެނިގެން އޭނާގެ ހިތަށް ވީގޮތެއް ނޫނެވެ. ގޮށްޖެހިފައިވާ އިކާންގެ ކަޅުކަންގަދަ ދެބުމަ ދުރުވިއެވެ. މޫނުމައްޗަށް އެރި ރޫތައް ފިލަން ހިނދުކޮޅެއްވެސް ނުނެގިއެވެ. ރުޅި އައިސްފައި ހުރި އިކާންއަށް އޭނާގެ ރުޅި ފިނިވިގޮތްވެސް ނޭނގުނެވެ. އިކާންގެ ނިތްކުރިމަތިން ދާހިއްލާލިއެވެ. ހަމަހޭވެރިކަންވުމާއިއެކު، އިކާން އަވަސް އަވަހަށް ރޫބީއާއި ދުރަށްޖެހުނެވެ.
*********
ލިފްޓްގައި ހުރި އިބާގެ ހިތް ބާރަށް ތެޅެނީއެވެ. އޭނާގެ ސަބަބުން ރޫބީއަށް ބޮޑު ގެއްލުމެއްވުމަކީ އިބާ ފަހަރެއްގައިވެސް ބޭނުންވިގޮތެއް ނޫނެވެ. އޭނާ ބޭނުންވީ ރޫބީއަކީ އިކާންއަށް ހާއްސަ ކުއްޖެއްތޯ ބަލާށެވެ. އެކަމަކު، ކަންތައްވީ އެހެނެއް ނޫނެވެ. އިބާ ދެރަވީ ރޫބީގެ ވަޒީފާ ގެއްލިދާނެތީއެވެ.
"ސޮރީ ރޫބީ..." އިބާއަށް މަޑުމަޑުން ބުނެވުނެވެ.
ލިފްޓްގެ ދޮރު ހުޅުވުނެވެ. ހަމަޖެހިލަން މަސައްކަތް ކުރަމުން އިބާ ބޭރަށް ނުކުތެވެ. ރައްޓެއްސަކު ގުޅައިގެން ތަނަކަށް ދާން އިބާ ހުރީ ލަސްވެފައެވެ. އަތުކުރީގައި އޮތް ގަޑިއަށް ބަލަމުން ކުރިއަށް ހިނގައިގަތް ވަގުތު ކޮންމެވެސް މީހަކު އިބާގެ ކޮނޑުގައި ޖެހުނެވެ. ހީވީ ގަސްތުގައި ޖެހިގަތް ހެންނެވެ. އެމީހެއްގެ އަތުގައި އޮތް ރަތްކުލައިގެ ކަރުދާސްކޮޅު ވެއްޓުނީ އިބާގެ ފައިކައިރިއަށެވެ. އިބާ ކަރުދާސްކޮޅު ނެގިއެވެ. އެމީހަކު ގޮސް ވަނީ ލިފްޓަށެވެ.
"އެކްސްކިއުޒް..." އިބާ ފަސްއެނބުރުނުއިރު، ލިފްޓްގެ ދޮރު ލެއްޕެނީއެވެ.
އިބާއަށް އޭނާގެ މޫނުން ފެނުނީ ނޭފަތާއި ހަމައިން ތިރިއެވެ. ހޫޑްއަކުން ބޯ ނިވާކޮށްލައިގެން ހުރި އެމީހާއަކީ ކޮން ޖިންސެއްގެ މީހެއްކަން ވަކިވާ ވަރެއް ނުވިއެވެ. ހުރިހާ ކަމެއް ހިނގީ ނުހަނު އަވަހަށެވެ. އިބާގެ ހިތުގައި ބިރުވެރިކަމުގެ ރާޅެއް ދަތުރުކުރީ ކީއްވެ ކަމެއް ނޭނގުނެވެ. ލިފްޓް ގޮސް ދިހަވަނަ ފަންގިފިލާއަށް ހުއްޓެންދެންވެސް އޭނާއަށް ބަލަން ހުރެވުނެވެ.
އިބާގެ ނަޒަރު އަތުގައި އޮތް ކަރުދާސްކޮޅަށް ހުއްޓުނެވެ. ފަތްޖަހާފައި އޮތް ކަރުދާސްކޮޅު ނިއުޅާލުމާއިއެކު އިބާގެ ދެލޯ ބޮޑުވިއެވެ.
********
އިކާން ގުޅުމުން، ނިސްރީން ދުވެފައި ގޮސް އިކާންގެ ކެބިންއަށް ވަނެވެ. ނިސްރީނަކީ، ރޫބީ މަސައްކަތްކުރާ ސެކްސަނުގައި އެންމެ އިސްކޮށް މަސައްކަތްކުރާ މުވައްޒަފެވެ. އިކާންގެ ނުރުހުން އަމާޒުވީ ނިޝްރީނަށެވެ. އަލަށް އަންނަ މުވައްޒަފުންނަށް ކަންތައް ކުރަންވީގޮތް ކިޔައިނުދިނުމުންނެވެ. ނިޝްރީންގެ ދެލޮލުން ރޫބީއަށް ފެނުނީ ނުރުހުމެވެ. ރޫބީގެ ސަބަބުން އިކާންގެ ކުރިމަތީގައި ނިޝްރީންގެ އަގު ވެއްޓުނީއެވެ. އެއީ ނިޝްރީނަށް ބަލައިގަނެވޭވަރުގެ ކަމަކަށް ނުވިއެވެ. ފުރަތަމަ ދުވަހުންވެސް ނިޝްރީންގެ ހިތް ރޫބީއަށް ގޯސްވިއެވެ.
"މާފަށް އެދޭ!" ނިޝްރީން އަމުރުކުރިއެވެ.
ރޫބީ އިސްޖަހައިލިގޮތުން އިކާންގެ ހިތަށް އުނދަގޫގޮތެއް ވިއެވެ. ރޫބީ މާފަށް އެދުމަކީ އިކާންވެސް ބޭނުންވި ގޮތެވެ. އެކަމަކު، ހިތުގެ އެއް ކަނަކުން އެކަން މަނާކުރަން ބޭނުންވިއެވެ. ރޫބީގެ ދޫ ހަރަކާތްކޮށްލީ މާފަށް އެދޭށެވެ.
"ނޯ ނީޑް... ދެން އޯކޭ ދިޔަސް..." ރޫބީ މާފަށް އެދޭ އަޑު އަހަން އިކާން ބޭނުމެއް ނުވިއެވެ.
އިކާންއަކީ ވެރިމީހާކަން އެނގުމުން، ރޫބީ ލަދުން މަރުނުވީ ކިރިޔާއެވެ. އިސްއުފުލާ އިކާން އާއި ދިމާއަށް ބަލައިލާކަށްވެސް ނުކެރުނެވެ. އިކާންގެ ހުއްދައާއިއެކު ނިސްރީން ރޫބީ ގޮވައިގެން ކެބިންއިން ނުކުތެވެ. ރޫބީގެ ދެލޯ ހޯދީ އިބާއެވެ. އެއިން ހިސާބަކުންވެސް އޭނާއަށް އިބާއެއް ނުފެނުނެވެ. ރޫބީ ނިންމީ އެއީ އިބާ އޭނާއަށް ގަސްދުގައި ލިން ލަނޑެއް ކަމަށެވެ.
"ވަޒީފާއަށް ނުކުތް ފުރަތަމަ ދުވަހުވެސް ބޮސް ރުޅިއަރުވާލީއޭ ތި..." ރޫބީގެ މޭޒާއި ހަމައަށް ގޮސްފައި، ނިސްރީން ހަޅޭއްލަވައިގަތެވެ. "ތިކަހަލަ މީހުން ރަނގަޅުވާނީ ގޭގަ ތިބިއްޔާ..."
"ސޮރީ... އަޅުގަނޑު ދެން އެކަހަލަ ކަމެއް ނުކުރާނަން..." ކަންތައް ވީގޮތުން، ރޫބީ ހުރީ ދެރަވެފައެވެ.
"ސޮރީއަކުން ނުފުދޭނެ... މީގެފަހުން އަހަރެން ކައިރީ އަހާފަ ނޫނީ އެއްތާކަށްވެސް ގޮސްގެން ނުވާނެ..." ނިސްރީންގެ ކިބައިން ފެނުނީ ހަރުކަށިކަމެވެ. އެއީ ރޫބީ އުއްމީދުކުރި ކަހަލަ ސިފައެއް ނޫނެވެ.
"އެ ކެބިންގަ ހުރި އެއްޗެއްގަ އަތްލައިގެން އެހެން ކުއްޖަކުވެސް ވަޒީފާއިން ކަނޑާލި..." މިޔާދާ ޗޮކެއް ކަނޑައިލިއެވެ. "މީނަގެ ދުވަސްވެސް މި ދިޔައީ.."
އެންމެން ހީގަތް އަޑު އިވުނެވެ. ރޫބީގެ ދެލޮލުން ކަރުނަ ފާއްދާލިއެވެ. އެތަނުގައި އޭނާއަށް ހެޔޮއެދޭ މީހަކު ނެތެވެ. އެހީތެރިވާންވީ ވަގުތު އެންމެންވެސް އޭނާ ދުރުކޮށްލީއެވެ. ރޫބީ ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ފާހާނާއަށް ވަނެވެ. ކަރުނަ ހުސްވަންދެން ރޯން ބޭނުންވިއެވެ.
ލޯގަނޑުން އަމިއްލަ ސޫރަ ފެނުމުން، ރޫބީއަށް ހިތްވަރު ލިބުނެވެ. ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލިއެވެ. ހިތްވަރުކޮށްފައި ރޫބީ ހިނިތުންވެލިއެވެ.
********
"ޢާއިޝަތު ރޫބީ..." ކުރިމަތީގައި އޮތް ފައިލުގައިވާ މައުލޫމާތު ކިޔަން އިން އިކާން، ދެލޯ ހަނިކޮށްލަމުން އޭނާގެ ކުރިމަތީގައި އިން މިފްޒާލްއަށް ބަލައިލިއެވެ.
"ކްރަޝްއެކޭ ތިކުއްޖާ ރިކޮމެންޑް ކުރީ" މިފްޒާލް މަޑުމަޑުން މޭޒުމަތީގައި އަތުން ޖަހައިލިއެވެ.
"އެޑިޔުކޭޝަން ބެކްގްރައުންޑްވެސް މާކަށް ރަނގަޅެއް ނޫން... މިއަށްވުރެ މާ ރަނގަޅު ކުދިންވެސް އެބަހުރި އެޕްލައިކޮށްފަ... އަހަރެން ހިއެއްނުކުރަން މިފްޒާލް މިކަހަލަ ކަމެއް ކޮށްފާނެކަމަކަށް..." އިކާން އަނެއްކާވެސް ފައިލުގައި އޮތް ރޫބީގެ ތަސްވީރަށް ބަލައިލިއެވެ.
"ބޮސް، ދެން މިފަހަރު ލޯ މަރާލަދީބަލަ... ތި މަގާމަށް އިންޓަވިޔު ނުކޮށް މީހަކު ނެގިކަމެއް ކާކަށް އެނގޭނީ؟... އެތެރެ އެތެރޭން ހުރިހާ ކަމެއް ހުންނާނީ ނިންމާލާފަ" މިފްޒާލް ޗޮކެއް ކަނޑައިލިއެވެ. "ތި މަގާމު އޮތްތާ ބާއްވާފަ، އަހަރެމެންގެ އެކުވެރިކަމާ ދޭތެރޭ ވިސްނާލަބަލަ... ބެސްޓްފްރެންޑް ބުނީމަ މިވަރު ކޮށްލަދީބަލަ... ހަމަ އެންމެ ޖޮބެއްނު... އެ ޖޮބް ނުދީގެން މި މާލޭގަ އުޅޭ ކުއްޖަކު ބަނޑަކަށް ނުޖެހޭނެ.."
"އަހަރެން އެއްގޮކަށްވެސް ހިތްހަމަޖެހޭ ކުއްޖެއް ނޫން މީ..." އިކާން ފައިލު ލައްޕައިލިއެވެ.
"ތީ ދެން އާކަމެއް ނޫނެއްނު... އަންހެން ކިޔައިފިއްޔާ، ކޮން ކުއްޖަކާތަ އިކާން ހިތްހަމަޖެހެނީ؟" އިކާން ބުނި ރާގުގައި މިފްޒާލް ބުނެލިއެވެ. "ރަތް ކުޑައަކާ ނޫނީ މެރީނުކުރެވިފަވިއްޔަ ތި ހުންނަނީ ހުހަށް... މިހާރު އުމުރު ދެބައިވަނީ... ތިރީސް އަހަރުވީ... ދުވަސްކޮޅަކުން ޒުވާނުންގެ ކެޓެގަރީއިންވެސް އުނިކޮށްލާނެ..."
"އަހަރެންގެ ހިތް ބުނޭ އޭނަޔާ އަދި ދިމާވާނެއޭ" އިކާން ދޫކޮށްލީ ފުން ނޭވާއެކެވެ. "އަހަރެންގެ ފުރާނަ ސަލާމަތްކޮށްދިނީ އެކުއްޖާ... އަހަރެން ބޭނުމެއް ނޫން އެހެން ކުއްޖަކާ ކައިވެނިކުރާކަށް..."
"ތީ ހާދަ މޮޔަ ވިސްނުމެކޭ... އިކާންއާ މެރީކުރަން އެކުއްޖާ ބޭނުން ނުވެއްޖެއްޔާޔޯ؟" މިފްޒާލް ކުރީ، އިކާން ހިތަށްވެސް ނާރާ ސުވާލެކެވެ.
"އަހަރެންގެ ހިތް ބުނޭ އޭނަވެސް ބޭނުންވާނެއޭ..." އިކާން ފުންވިސްނުމަކަށް ދިޔައެވެ. މިފްޒާލް އިނީ ދެފަރާތަށް ބޯ ހޫރާލަ، ހޫރާލައެވެ. އިކާން ކަހަލަ ހަމަވިސްނޭ ޒުވާނަކު އެފަދަ ވިސްނުމެއް ގެންގުޅެފާނެކަމަށް ގަބޫލުކުރަންވެސް އޭނާއަށް ދައްޗެވެ.
"މިހާރު ނޭނގެއެއްނު އޭނަ މީހަކާވެސް ނީންނަކަމެއް... އަންހެންކުދިން ތިއުމުރަށް ދާއިރު މީހުންނާ ނީނދެއެއް ނުތިބޭނެ..." މިފްޒާލް ބޭނުންވީ އެކުވެރިޔާ ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކުރާށެވެ.
"އަނެއްކާ އެވާހަކަ..." އިކާން ހިތްހަމަނުޖެހުނެވެ.
"އޯކޭ އޯކޭ ހުއްޓީއޭ މި.." އިކާންގެ މޫޑު ގޯސްވާކަށް މިފްޒާލް ބޭނުމެއް ނުވިއެވެ. "މިމަންޖެ ދެން ތިންމަސް ވަންދެން ވަޒީފާގަ ބަހައްޓާ!.... ޕްރޮބޭޝަން ޕީރިއަޑް ނިމުނީމަ ކަމަކުނުދެއޭ ކިޔާފަ ދުއްވާލީމަ ނިމުނީ"
********
ބައްދަލުވުން ފެށިގެން ކުރިއަށް ދިޔައެވެ. އަލަށް ވަޒީފާއަށް ގުޅުނު ދެ މުވައްޒަފުން ތައާރަފް ކުރީ، ނިޝްރީނެވެ. ރޫބީއާއިއެކު ވަޒީފާއާއި އަލަށް ގުޅުނު ނާހިދާގެ މޮޅު ވާހަކަ ނޫން ވާހަކައެއް ނިޝްރީން ނުދައްކައެވެ. ތައުލީމީގޮތުން މާބޮޑު ސަނަދެއް ނެތް ނަމަވެސް، ރޫބީއަކީ ވިސްނުންތޫނު ކުއްޖެކެވެ. އެ ވަޒީފާ އަދާކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން ރޫބީއަށް އޭނާގެ އަމިއްލަ ނަފުސާއިމެދު އޮތެވެ.
އަސްލަމްގެ ކައިރީގައި އިކާން އިންއިރު، އޭނާ ދޭތެރެއަކުން ކުރިމަތީގައި އިން ރޫބީއަށް ނަޒަރު ހުއްޓާލައެވެ. އިސްޖަހާލައިގެން އިން ރޫބީގެ މޫނުން ކުރިން ފެނުނު އުފާވެރިކަމެއް ނުފެނެއެވެ. އިކާންގެ ހިތަށް އުނދަގޫވީ ކީއްވެކަމެއް ނޭނގުނެވެ.
ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ދެކެވުނީ، ކުންފުނީގެ އުފެއްދުންތައް އިސްތިހާރުކުރާ ވާހަކައެވެ. އަސްލަމްގެ ގިނަ ސުވާލުތަކަށް ރޫބީގެ ފަރާތުން އެދެވޭ ޖަވާބުތަކެއް ލިބުނެވެ. އަސްލަމްގެ ޝައުގުވެރިކަން ރޫބީއަށް ހުއްޓުނެވެ. ރޫބީގެ ވަޒީފާއާއި ގުޅިގެން އޭނާ ގިނަ ސުވާލުތަކެއް ކުރިއެވެ. ތައުރީފުކުރިއެވެ. އެކަން ނިސްރީނަށާއި އޭނާގެ ޓީމަށް ހަޖަމެއް ނުވިއެވެ. އަސްލަމް ނިންމީ ބައެއް މަސައްކަތް ރޫބީއާއި ހަވާލުކުރުމަށެވެ. އެގޮތުން އަސްލަމްގެ އެދުމުގެމަތިން އަލަށް އުފެއްދި އުފެއްދުންތައް އިސްތިހާރުކުރުމަށް ކުރެވިދާނެ ކަންތައްތައް ހިމެނޭ ޕްރެޒެންޓޭޝަން ހަދާ ހުށަހެޅުމުގެ ޒިންމާ ރޫބީއަށް ހަވާލުކުރެވުނެވެ.
"އެންމެ ކަމެއް ގޯހުންދިޔަސް ނިމުނީ..." ބައްދަލުވުން ނިންމާފައި ނުކުތްގޮތަށް ނިޝްރީން ރޫބީއަށް އިންޒާރު ދިނެވެ.
"އަޅުގަނޑު މަސައްކަތްކުރާނަން ވަރަށް ރަނގަޅަށް މި މަސައްކަތް ނިންމޭތޯ..." ރޫބީގެ އަޑުގައިވީ ޔަގީންކަމެވެ.
"ސްޓޯރ ރޫމްގަ ހުންނާނެ ފައިލުތައް... ބޭނުންވާ މައުލޫމާތު ގޮސް އަމިއްލައަށް ހޯދާ.." ނިޝްރީން ހުރީ ފޫހިވެފައެވެ.
ނިޝްރީން ދިން ތަޅުދަނޑިން ދޮރު ހުޅުވާލުމުން ކީ ކުރަކި އަޑެކެވެ.
(ނުނިމޭ)