ފިލްމު 'ސިތާރޭ ޒަމީން ޕަރު'ގައި އާމިރު ފެންނާނީ ވަރަށް ރަހުމް ކުޑަ މީހެއްގެ ގޮތުގައި

ފިލްމީ ތަރި އާމިރު ޚާން--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ބޮލީވުޑްގެ އެކްޓަރު އާމިރު ޚާންގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނިން އުފައްދާ ފިލްމު "ސިތާރޭ ޒަމީން ޕަރު"ގައި އެކްޓަރު ފެންނާނީ މީހުން އެހާ ބަލައިގަންނާނެ ކަހަލަ ކެރެކްޓާއަކުން ނޫން ކަމަށް އާމިރު ބުނެފިއެވެ.

ދާދިފަހުން ޗައިނާގައި ބޭއްވި މަކާއޯ ކޮމެޑީ ފެސްޓިވަލުގައި ބައިވެރިވި އެކްޓަރު ބުނެފައި ވަނީ "ސިތާރޭ ޒަމީން ޕަރު" އަކީ ސްޕނިޝް ފިލްމު "ޗެމްޕިއަން" އަސްލަކަށް ބަލައިގެން އުފައްދާ ފިލްމެއް ކަމަށާއި ފިލްމުގައި އާމިރު ކުޅެނީ ބާސްކެޓު ބޯޅަ ކުޅެން ދަސްކޮށްދޭ ކޯޗެއްގެ ރޯލް ކަމަށެވެ.

އާމިރު ފިލްމުގައި ފެންނާނީ މީހުންނަށް އެއްވެސް ވަރަކަށް އިހުތިރާމު ނުކުރާ ވަރަށް ބޭއަދަބީ ބަހުން އެންމެނާ ވެސް މުއާމަލާތު ކުރާ މީހެއްގެ ގޮތުގައި ކަމަށެވެ. މިއީ ފިލްމު "ތާރޭ ޒަމީން ޕަރު"ގައި އާމިރު ފެނުނު ރޯލާ މުޅިން އިދިކޮޅު ރޯލެއް ކަމަށާއި ނަމަވެސް ފިލްމުން ވަރަށް ރަނގަޅު އިބްރަތެއް ބެލުންތެރިންނަށް ގެނެސްދޭނެ ކަމަށެވެ.

އާމިރު ޚާން ފިލްމު "ތާރޭ ޒަމީން ޕަރު"ގެ މަންޒަރެއްގައި--ފޮޓޯ/ހިންދުސްތާންޓައިމްސް

ފިލްމު "ސިތާރޭ ޒަމީން ޕަރު"ގައި ޑައުން ސިންޑްރަމާއި އޯޓިޒަމް ހުންނަ ކުދިންގެ ކެރެކްޓާސްއާ އެކު ހާއްސަ އެހީއަށް ބޭނުންވާ މުޅި އެކު ޖުމްލަ 10 ކުދިންގެ ޓީމެއް އާމިރު ގެންގުޅޭ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

ފިލްމު ނިމޭއިރު އެ 10 ކުދިންގެ ފަރާތުން އާމިރަށް ދަސްވި ފިލާވަޅުތަކުގެ އަލީގައި މީހާއަށް އަންނަ ހެޔޮ ބަދަލުތައް މި ފިލްމުން ފެންނާނެ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

މި ފިލްމަކީ ސްޕެނިޝް ފިލްމަކަށްވީ ނަމަވެސް އާމިރު ފިލްމު އުފައްދަނީ އިންޑިއާގެ ރަހަތަކާ އެކު ކަމަށް އެކްޓަރު ވަނީ ބުނެފައެވެ. އާމިރާ އެކު ފިލްމު "ސިތާރޭ ޒަމީން ޕަރު"އިން ބަތަލާގެ ރޯލްއިން ފެންނާނީ ޖެނީލިއާ ދޭޝްމުކެވެ.

comment ކޮމެންޓް