ޓިކްޓޮކްގައި ވައިރަލްވި ދުބާއީ ޗޮކްލެޓް ޓްރެންޑާއެކު ދުނިޔޭގެ ގިނަ ޤައުމުތަކުން ޕިސްޓާޗިއޯ ލިބޭ މިންވަރު މަދުވަމުން އަންނަ ކަމަށް ބޭރުގެ ރިޕޯޓުތައް ބުނެފިއެވެ.
ޔޫކޭގެ ނޫސް މަޖައްލާ ޑެއިލީ މެއިލްގައި މިކަމާ ގުޅިގެން ނެރުނު ޚަބަރެއްގައި ބުނާގޮތުން ވައިރަލްވި ދުބާއީ ޗޮކްލެޓްގެ ސަބަބުން ޕިސްޓާޗިއޯ ބޭނުންކުރާ މީހުންގެ އަދަދު ވަނީ އިންތިހާއަށް އިތުރުވެފައެވެ.
އޭގެ ސަބަބުން އެހެން ބޭނުންތަކަށް ޕިސްޓާޗިއޯ ބޭނުންކުރާ މީހުން އެ ބާވަތް ލިބުން ދަތިވެ ދުބާއީ ޗޮކްލެޓް ވައިރަލްކުރާ މީހުން އޭގެ ޒިންމާ ނަގަންޖެހޭ ކަމަށް ޑެއިލީމެއިލްގައި ވަނީ ބުނެފައެވެ.

ކުނަފާ އާއި ޕިސްޓާޗިއޯ ބޭނުންކޮށްގެއް ތައްޔާރުކޮށްފައިވާ ސްޓްރޯބެރީ ތަށްޓެއް--ފޮޓޯ/ފޭސްބުކް
ދުނިޔޭގެ އެތައް ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ދުބާއީ ޗޮކްލެޓަކީ މުރަނަކޮށްފައި ހުންނަ ކުނަފާ އާއި ޕިސްޓާޗިއޯ ކްރީމް އަދި ތަހިނީ އެއްކޮށްގެން ތައްޔާރުކުރާ ޗޮކްލެޓެކެވެ.
މި ޗޮކްލެޓް އެންމެ ފުރަތަމަ ތައާރަފްކޮށްފައި ވަނީ ދުބާއީގެ ފިޒް ޑިޒަޓް ޗޮކްލެޓިއަ ކިޔާ ބްރޭންޑަކުން 2021ވަނަ އަހަރެވެ. މި ޗޮކްލެޓު ވުޖޫދަށް އައީ މި ބްރޭންޑު ހިންގާ ސާރާ ހަމޯދާ ބަލިވެއިނުމާ ގުޅިގެން މާބަނޑު ދުވަސްވަރު ފޮނި އެއްޗެތި ކާހިތްވެ އަޖުމަ ބެލުމުގެ ގޮތުން އެކި ވައްތަރުގެ ޗްކޮލެޓުތައް ތައްޔާރު ކުރުމުގެ ތެރޭގައެވެ.
ނަމަވެސް ދުބާއީ ޗޮކްލެޓް އާއްމުންނަށް ބޮޑަށް ވައިރަލް ވާން ފެށީ 2023 ވަނަ އަހަރު މާރިއާ ވެހެރާއަށް ލިބުނު ދުބާއީ ޗޮކްލެޓްގެ ސާމްޕަލްތަކުގެ ވީޑިއޯތަކާ އެކުއެވެ. މާރިއާގެ ވީޑިއޯތައް ބެލި މީހުންގެ އަދަދު 120 މިލިއަނަށް އެރިއިރު ކޮންމެ މީހަކު ވެސް އެ ޗޮކްލެޓުގެ އަޖުމަ ބަލާލަން ބޭނުންވިއެވެ.
ބައެއް މީހުން ދުބާއީ ޗޮކްލެޓް ގަންނަން ޝައުގުވެރިކަން އުފެދުނުއިރު އަނެއް ބަޔަކު ބޭނުންވީ ކުނާފާ ޗޮކްލެޓް އަމިއްލައަށް ތައްޔާރުކޮށް ކެއުމަށްފަހު އެހެން މީހުންނަށް އެ ވިއްކުމަށެވެ. އެގޮތުން ރާއްޖޭގައި ވެސް މި ޗޮކްލެޓް އަމިއްލައަށް ތައްޔާރުކޮށް ވިޔަފާރި އުސޫލުން ވިއްކާ މީހުންގެ އަދަދު މަދެއް ނޫނެވެ.
މަޝްހޫރު ޗޮކްލެޓް ކުންފުނިތަކުން ދުބާއީ ޗޮކްލެޓް އާއި އެއްފަދަ ޗޮކްލެޓެއް ތައްޔާރުކޮށް ބާޒާރަށް ނެރެފައިވާއިރު އިނގިރޭސިވިލާތުގައި މިފަދަ ޗޮކްލެޓްތައް ލިބެން ހުންނަ ސުޕަމާޓުތަކުގައި ވަނީ ބޮޑު ކިއޫއެއް އުފެދިފައެވެ.
ކެލިފޯނިއާގައި ޕިސްޓާޗިއޯ ސަޕްލައިކުރާ ކުންފުންޏަކުން ބުނެފައިވާ ގޮތުގައި އެ ކުންފުނިން ޕިސްޓާޗިއޯ ސަޕްލައިކުރާ މިންވަރު ވޭތުވެދިޔަ 12 މަސް ދުވަހުގެތެރޭ 20 އިންސައްތަ ވަނީ ދަށްވެފައެވެ.
ހަމައެއާއެކު ޔޫއޭއީއަށް ޕިސްޓާޗިއޯ އެކްސްޕޯޓުކުރާ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ޤައުމު ކަމަށްވާ އިރާނުން ބުނެފައިވާ ގޮތުގައި އެ ޤައުމުގައި ވެސް ޕިސްޓާޗިއޯގެ އަގު ވަނީ ދަށަށް ގޮސްފައެވެ.
ދުބާއީ ޗޮކްލެޓާ އެކު ކުނަފާ އާއި ޕިސްޓާޗިއޯ ބޭނުންކޮށްގެން އުފައްދާ ތަކެތި އިތުރުވަމުން އަންނައިރު މި ޓްރެންޑު ނިމެން ގާތް ވެސް ނުވެއެވެ.
އެހެންކަމުން ކުރިއަށް އޮތް ތަނުގައި ދުނިޔެއިން ޕިސްޓާޗިއޯ ލިބުމުގައި ދަތިތަކަކާ ކުރިމަތިލާން ޖެހިދާނެކަމުގެ ފުރުސަތު ބޮޑު ކަމަށް ޑެއިލީ މެއިލްގައި ވަނީ ބުނެފައެވެ.