ލޭ މައްޗަށް ދިއުން ނުވަތަ ބްލަޑް ޕްރެޝަރު މަތިވުމަކީ، އާއްމު ގޮތެއްގައި އުމުރު ދުވަސްވާ ވަރަކަށް ގިނަ ބަޔަކަށް ދިމާވާ މައްސަލައެކެވެ.
ސިއްހަތު ސަލާމަތުން ހުންނަ މީހެއްގެ ލޭގެ ޕްރެޝަރު ހުންނަންޖެހޭ އެކަށީގެންވާ މިންވަރަކީ 80/128 އެވެ.
އާއްމުކޮށް ކެއުމުގައި ލޮނު މަދުން ބޭނުންކުރާ މީހުންގެ އިތުރުން ސްޓްރެސްވުމާ ދުރުގައި އުޅޭ މީހުންނަކީ ލޭގް ޕްރެޝަރު މަތިވުމުގެ މައްސަލަ ދިމާވުމުގެ ފުރުސަތު ކުޑަ މީހުންނޭ ބުނެވިދާނެ ކަމަށް އިންޑިއާގެ މުމްބާއީގެ ޕަރެލް ހޮސްޕިޓަލްގެ އެތެރެހަށީގެ ޑިޕާޓްމަންޓްގައި މަސައްކަތްކުރާ ސީނިއަ ކޮންސަލްޓަންޓް ޑރ. މަންޖޫޝާ އަގަރުވާލް ވަނީ ބުނެފައެވެ.
ޑރ.މަންޖޫޝާ އަގަރުވާލް ބުނެފައިވާ ގޮތުގައި ރަނގަޅު އާދަތަކެއްގައި ހިފެހެއްޓިއްޖެނަމަ ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމަކީ މާބޮޑު މަސައްކަތަކާ ނުލާ ކުރެވިދާނެ ކަމެކެވެ. އެގޮތުން އެންމެ ފުރަތަ ކަމެއްގެ ކެއުމަށްފަހު އެންމެ މަދުވެގެން 15 މިނެޓު ހިނގާލުމަށް ޑރ. މަންޖޫޝާ ވަނީ އިރުޝާދު ދީފައެވެ.
ފަނަރަ މިނެޓަށް ނުހިނގޭނަމަ 10 މިނެޓަށް ހިނގާލުމުން ވެސް ލޭގައި އެކުލެވޭ ހަކުރުގެ މިންވަރު އެއްވަރެއްގައި ހިފަހައްޓާލަދިނުމަށް އެހީތެރިވެދޭނެ ކަމަށް ޑރ. މަންޖޫޝާ ވަނީ ބުނެފައެވެ.
ލޭމައްޗަށް ދިއުން ކޮންޓްރޯލް ކުރުމަށް ދެން ކުރެވިދާނެ ކަންކަމުގެތެރޭގައި ޕްރޮޓީންގެ މާއްދާތައް ގިނައިން އެކުލެވޭ ކެއުމެއް ހެނދުނުގެ ނާސްތާއަށް ޚިޔާރު ކުރުން ހިމެނެއެވެ. އޭގެ ސަބަބުން ހެނދުނުގެ ނާސްތާއަށްފަހު އަވަސް އަވަހަށް ބަނޑުހައިކަން އިހުސާސް ކުރުވާ މިންވަރު މަދުވެ ބްލަޑް ޝުގަ ކޮންޓްރޯލްކުރުމަށް އެހީތެރިވެދޭނެއެވެ.

ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމަށް ހަށިގަނޑަށް ފައިދާހުރި ކެއުންތައް ކެއުމަށް ސަމާލުކަން ދިނުން މުހިއްމު--ފޮޓޯ/ފްރީޕިކް
ހަމައެއާއެކު ފައިބާ ގިނައިން އެކުލެވޭ ބާވަތްތައް ކެއުމުގައި ހިމެނުމަށް ސަމާލުކަން ދެވިދާނެއެވެ. މިސާލަކަށް: އެކި ވައްތަރުގެ ބެރީސް ހެނދުނުގެ ނާސްތާގައި ބޭނުންކޮށް، ފައިބާ އެކުލެވޭ ބުއިމެއް މެންދުރު ބޯލުމަށްފަހު ރޭގަނޑުގެ ކެއުމުގައި ވީހާވެސް ގިނައިން ތަރުކާރީގެ ބާވަތްތައް ހިމެނުމަށް ސަމާލުކަން ދެވިދާނެއެވެ.
ތިޔައީ ހަށިގަނޑަށް ބޭނުންވާ މިންވަރަށް ނިދި ނުލިބޭ މީހެއްނަމަ ލޭގެ ޕްރެޝަރު މަތިވުމުގެ މައްސަލަ ދިމާވުމުގެ ފުރުސަތު ބޮޑު ކަމަށް ޑރ. މަންޖޫޝާ އަގަރުވާލް ވަނީ ބުނެފައެވެ. ހަށިގަނޑަށް އެންމެ މަދުވެގެން 9-7 ގަޑިއިރުގެ ނިދި ބޭނުންވާއިރު ރަނގަޅަށް ނިދި ހަމަނުޖެހުމަކީ ލޭގެ ޕްރެޝަރު މަތިވުމުގެ އިތުރުން އިތުރު ސިއްހީ މައްސަލަތަކަށް ވެސް މަގުފަހިވާ ކަމެއް ކަމަށް ޑޮކްޓަރު ބުންޏެވެ.
ކަންކަމުގައި މާބޮޑަށް ހާސްވެ މީހާ ސްޓްރެސް ވުމަކީ ވެސް ލޭގެ ޕްރެޝަރު މަތިވުމަށް މެދުވެރިވާ ކަމެކެވެ. ޑރ. މަންޖޫޝާ އަގަރުވާލް ބުނެފައިވާ ގޮތުގައި މާބޮޑަށް ސްޓްރެސްވާނަމަ އެކަމުން ދުރުވުމުގެ ގޮތުން ކޮންމެވެސް މަސައްކަތެއްގައި މަޝްއޫލުވެވިދާނެއެވެ.
އެއީ ކޮފީއެއް ބޯލުން ކަމަށް ވިޔަސް ނުވަތަ ފޮތެއް ކިޔާލުން ނޫނީ ހިނގާލަން ދިއުން ކަމަށް ވިޔަސްމެއެވެ. ހަމައެއާއެކު ތިމާގެ ސިކުނޑިއަށް ނުތަނަވަސްކަން ގެނެސްދޭ ކަންކަމުން ދުރުހެލިވެ ދިރިއުޅުމުގެ އާދަކާދަތަކަށް ގެނެވޭ މިފަދަ ކުދިކުދި ބަދަލުތަކުގެ ސަބަބުން ލޭގެ ޕްރެޝަރު މަތިވުމުގެ މައްސަލައަށް ހައްލެއް ހޯދިދާނެ ކަމަށް ޑރ.މަންޖޫޝާ އަގަރުވާލް ވަނީ ބުނެފައެވެ.