ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 54 އަހަރަށް ޖަލަށް

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާ ދެކޮޅަށް ކުރި މުޒާހާރާއެއްގެ ތެރެއިން: ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 54 އަހަރަށް ޖަލަށްލާން ވަނީ ހުކުމްކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަން ސާބިތުވެ، 51 އަހަރުގެ މީހަކު 54 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.

މި މައްސަލަ ސާބިތުވީ 51 އަހަރުގެ ދިވެހި ފިރިހެނެއްގެ މައްޗަށެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ކުށުގެ ތުހުމަތުގައި އެ މީހާ ހައްޔަރުކޮށްފައިވަނީ ސެޕްޓެންބަރު 3، 2022 ގައެވެ. އެ މީހާ ހައްޔަރުކުރީ ހުޅުމާލޭ ދެވަނަ ފިޔަވަހިންނެވެ.

މައްސަލައިގެ ތަހުގީގު ނިންމައި ފުލުހުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް މައްސަލަ ފޮނުވީ އެ އަހަރުގެ އޮކްޓޫބަރު 18 ގައެވެ.

އެ މައްސަލައިގައި ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ އިތުބާރުކުރެވޭ މަގާގެއްގައި ހުރެ، ކުޑަ އަންހެން ކުއްޖަކާ އެކި ދުވަސްމަތިން ގަދަކަމުން ޖިންސީ އަމަލު ހިންގައި، އޭނާގެ ޖިންސީ ގުނަވަނުގައި ކުއްޖާ ލައްވައި ގަދަކަމުން އަތްލުވި ކަމަށް ތުހުމަތުކުރެވޭ މީހާ 54 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައެވެ.

އެ މީހާ ކުށުގެ ތަހުގީގަށް ތިން އަހަރު ބަންދުގައި ހޭދަކޮށްފައިވުމުން ތަންފީޒުކުރަން ޖެހެނީ 51 އަހަރުގެ ހުކުމެކެވެ.

comment ކޮމެންޓް