ޝަމީމަށް ދިން ހަމަލާ: ވީޑިއޯގެ ގަޑި ދިމާނުވުމުން ދައުވާކުރި އެންމެން ސަލާމަތްވެއްޖެ

ޕީޖީ ޝަމީމަށް ދިން ހަމަލާގެ މައްސަލައިގައި ދައުވާކުރާ ހަތް މީހުން: ސީސީޓީވީ ފުޓޭޖްގެ ގަޑި ދިމާނުވުމުން ދައުވާ އުފުލި 7 މީހުން ވެސް ސަލާމަތްވެއްޖެ -- ފޮޓޯ/ ފުލުހުން

ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިިން ޝަމީމަށް ހަމަލާ ދިން މައްސަލައިގައި ތުހުމަތުކުރެވޭތީ ދައުވާ އުފުލި ހަތް މީހުންގެ މައްޗަށް ވެސް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިދިޔަ ހަފުތާގެ ހޯމަ ދުވަހު ހުކުމްކޮށްފިއެވެ.

ޕީޖީ ޝަމީމަށް ހަމަލާދިން މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަތް މީހުންގެ މައްސަލަ ތަހުގީގު ނިންމާ ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފުލުހުން ހުށަހަޅާފައިވަނީ އޮގަސްޓު 18، 2024 ގައެވެ. އެ މައްސަލައާ ގުޅުވައި ޕީޖީ އޮފީހުން ވަނީ ހައްޔަރުކޮށްފައިވާ ހަތް މީހުން މައްޗަށް ދައުވާކޮށް، އޮގަސްޓު 22، 2024ގައި ކޯޓަށް ހުށަހަޅާފައެވެ.

މި މައްސަލައިގައި ހައްޔަރުކުރި ހަތް މީހުންނަކީ:

  • ޝަމާލް ހުސައިން (21އ)، މުސްތަރީގެ، ތ. ގާދިއްފުށި
  • ޒަޔާން ނަސީރު (23އ)، ކެމީހިޔާ، އދ. މާމިނގިލި
  • އަބާން އަބްދުލްހައްނާން (23އ)، ރުވާ، ތ. ދިޔަމިގިލި
  • ރަޖުވާން ލަތީފު (22އ)، މުރިނގު، ލ. މާމެންދޫ
  • މިދުހަތު އާދަމް (24އ)، ރިވެލި، ރ. އަލިފުށި
  • މުހައްމަދު ޖަޒްލާން (22އ) ތުނޑި، ޖަވާހިރުވިލާ، ލ. ގަން
  • އަހުމަދު މައިސާން ހާޝިމް (20އ) ދަފުތަރު ނަންބަރު ދރ. 2247، ކ. މާލެ

ޕީޖީ އޮފީހުން ވަނީ އެ ހަތް މީހުންގެ މައްޗަށް ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރަން އުޅުނުކަމުގެ ދައުވާކޮށްފައެވެ.

ހުސައިން ޝަމީމު -- ސަން ފޮޓޯ/ މޫސާ ނަދީމް

ނަމަވެސް، ކްރިމިނަލް ކޯޓުން މިދިޔަ ހޯމަ ދުވަހު ވަނީ އެ ހަތް މީހުންގެ މައްޗަށް ވެސް ކުށް ސާބިތުނުވާކަމަށް ހުކުމްކޮށް އެ މީހުން ދޫކޮށްލައިފައެވެ. އެގޮތަށް ކަނޑައެޅި ސަބަބަކީ ދައުލަތުގެ ހެކީގެ ގޮތުގައި ހުށަހެޅި ސީސީޓީވީ ކެމެރާގެ ފުޓޭޖްގައިވާ ގަޑިއާއި އެ ހާދިސާ ހިނގި ގަޑިއާ ދިމާނުވާތީއެވެ. އަދި، ޝަރީއަތުގައި ވަނީ އެކަމާ މެދު ސުވާލު އުފައްދައިފައެވެ.

ކްރިމިނަލް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ ހާދިސާ ހިނގި ވަގުތާއި، ހުށަހަޅާފައިވާ އެކި ފުޓޭޖުތަކުގެ ގަޑިއާ ފަރަގު ހުރުމުން ދައުލަތުން ޝަރީއަތަށް އެ ސަބަބު ސާފުކޮށްދޭންޖެހޭ ކަމަށެވެ. އަދި، ފުޓޭޖްތަކުގެ ގަޑި ތަފާތުކޮށް ހުރުމުގެ ސަބަބުން އެންމެ މުހިންމު ހެއްކާ މެދު ޝައްކު އުފެދޭ ކަމަށް ހުކުމުގައިވެއެވެ. އެއީ، އެ ހެކީގެ ބުރަދަން ދަށްވުން ކަމަށް ވެސް ބުނެފައިވެއެވެ.

"ދައުލަތުގެ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމުގައި ހުރި މީހަކަށް ހަމަލާދީ އޭނާ މަރާލަން އުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ އެންމެ އަސާސީ ހެކީގެ ކްރެޑިބިލިޓީއާ މެދު ސުވާލު އުފެދިދާނެ ކަމެއް ތަހުގީގު މަރުހަލާ އަދި ޕްރޮސިކިއުޝަން މަރުހަލާގައި އައިޑެންޓިފައިވެ އެ ކަމަށް އެޑްރެސްނުކުރުމަކީ މި ދައުވާ ސާބިތުނުވާކަމަށް ކަނޑައަޅަންޖެހުނު މައިގަނޑު ސަބަބު،" ހުކުމުގައި ބުނެފައިވެއެވެ.

މި ހާދިސާ ހިނގައިފައިވަނީ ޖަނަވަރީ 31، 2024 ވަނަ ދުވަހުގެ ހެނދުނު 07:42 ހާއިރެވެ. އެ ވަގުތު މީހަކު ސައިކަލެއްގައި ގޮސް މަގުމަތީގައި ޝަމީމް ހުއްޓައި، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން އޭނާގެ ބޮލަށް ހަމަލާދޭން ވަނީ މަސައްކަތްކޮށްފައެވެ.

ޝަމީމަށް ދިން ހަމަލާގައި އޭނާގެ ވާއަތުގައި ރެނދުލާފައިވުމުން މީގެ ކުރިން ވަނީ ފަރުވާދީފައެވެ. އެ ހަމަލާއަށް ފަހު، ސިފައިން ވަނީ އޭނާގެ ސެކިއުރިޓީ ވަރުގަދަކުރިއެވެ.

comment ކޮމެންޓް