ގދ. ތިނަދޫގެ އާބާދީގައި 10،000 މީހުން ހަމަނުވާ ކަމަށާއި، އެ ކަން ކޮށްފައި އޮތީ އޮޅުވައިލައިގެންކަމަށް ބުނާ މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ޓީމެއް ތިނަދުއަށް ގޮސްފިއެވެ.
ތިނަދޫ ސިޓީއަކަށް ހެދީ ރިޔާސީ އިންތިޚާބުގެ ކެމްޕޭންތެރޭގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު, 2023 ވަނަ އަހަރުގެ އޮގަސްޓް 30 ގައެވެ.
ފަހުން މި ސަރުކާރުން ވެސް ނިންމީ އެކަން އެގޮތަށް ބާއްވާށެވެ.
މި މައްސަލައަކީ އެރަށުގެ އާބާދީގައި 10،150 މީހުން އިތުރުކުރުމަށްޓަކައި މަރުވެފައިވާ 115 މީހެއްގެ ނަން ލިސްޓުގައި ހިމަނާފައިވާ ކަމަށް ބުނާ މައްސަލައެކެވެ. ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން ބަލަހައްޓާ އާބާދީގެ ލިސްޓާއި އެރަށު ކައުންސިލްގެ ރަޖިސްޓްރީގައިވާ އާބާދީ ލިސްޓުން ގިނަ ގާނޫނީ މައްސަލަތަކެއް ފާހަގަވާކަމަށްވެއެވެ.
އެ ރަށަށް ދީފައިވާ ސިޓީއެއްގެ ދަރަޖަ އުނިކުރުމަށް އެދި، މި ސަރުކާރުން ވަކިކުރި އެންވަޔަރަމަންޓް މިނިސްޓްރީގެ ނައިބު، ގާނޫނީ ވަކީލު އަޙުމަދު ރާގިބު ވަނީ ހައި ކޯޓަށް ވެސް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައެވެ. ނަމަވެސް ހައި ކޯޓުން ނިންމީ އެ މައްސަލަ ބަލައިނުގަތުމަށެވެ.
ކޯޓުން ބުނީ، އެ ކޯޓަށް ދުސްތޫރީ މައްސަލަ ބެލުމަށް ލިބިފައިވާ އިހުތިޞާސަކީ ސުޕްރީމް ކޯޓަށް ބަލައިގަންނަ މައްސަަލަތައް ފިޔަވައި، ގާނޫނެއް ނުވަތަ ގާނުނެއްްގެ ބައެއް، ގާނޫނު އަސާސީއާ ތައާރުޒުވާކަމަށް ބަޔާންކޮށް ހުށަހަޅާ މައްސަަލަތައް ކަމަށެވެ. މީގެ އިތުރުން ގާނޫނަކުން ބާރު ލިބިގެން ހަދައިފައިވާ ގަވައިދެއް ނުވަތަ އެ ގަވައިދެއްގެ ބައެއް، ގާނޫނުއަސާސީއާ ނުވަތަ، ގާނޫނަކާ ތައާރުޒުވާކަމަށް ބުނެ ހުށަހަޅާ މައްސަލަތައް ކަމަށް އެ ކޯޓުން ވަނީ ބުނެފައެވެ.

ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ -- ފޮޓޯ/ މަޖިލިސް
ހަމައެއާއެކު ތިނަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ސައުދުﷲ ހިލްމީ ވެސް ވަނީ އެ މައްސަލަ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ވެސް ހުށަހަޅައިފައެވެ.
އޭނާ ވިދާޅުވި ގޮތުގައި ފަހަރެއްގައި ވެސް އޭނާ އުޅެނީ ތިނަދޫ ސިޓީގެ ލަގަބު ގެއްލުވާލަން ބޭނުންވެގެނެއް ނޫނެވެ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ އެންމެ ބޮޑަށް ދޭން ބޭނުންވާ އެކަކީ ވެސް އޭނާ ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް، ގާނޫނާ ޚިލާފަށް ނުވަތަ އޮޅުވާލައިގެން ކަމެއް ކޮށްފައި އޮތްކަން އެނގޭތީ އެކަން އިސްލާހުކުރަން އުޅެނީ ކަމަށް ސައުދުﷲ ވިދާޅުވިއެވެ.
މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހެޅިއެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި އެ މައްސަލައާ ގުޅިގެން ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުމާއި ޚިޔާލުތަފާތުވުންތަކެއް ހުއްޓައި ފުލުހުންގެ ޓީމެއް ވަނީ އެ މައްސަލަ ތަހުގީގުކުރުމަށްޓަކައި ތިނަދުއަށް ގޮސްފައެވެ.
އެކަމާ ގުޅިގެން "ސަން" އިން ސުވާލުކުރުމުން ފުލުހުން ބުނީ ފުލުހުން އެ މައްސަލައާ ގުޅިގެން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް ހިއްސާއެއް ނުކުރެއެވެ.
އެލްޖީއޭއަށް ހުށަހަޅާފައިވާ އެ މައްސަލައިގައި ސައުދުﷲ އެންމެ ބޮޑަށް ތުހުމަތުކުރެއްވީ މިހާރު އެ ރަށުގެ މޭޔަރަށެވެ. އެގޮތުން، ވަރަށް ބޮޑެތި ޖިނާއީ ކުށްތަކެއް ހިންގާފައި ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

ތިނަދޫ ސިޓީގެ މޭޔަރު ސައުދު -- ފޮޓޯ/ ތިނަދޫ ކައުންސިލް
އެގޮތުން ސިޓީ ކައުންސިލަކަށް, ބަދަލު ނުވަނީސް ތިނަދޫގެ މޭޔަރާއި ކައުންސިލަރުން، ސިޓީއެއްގެ ދަރަޖައިގައި ހިމެނޭ ކައުންސިލެއްގެ މުސާރަ ނެގި ކަމަށް ބުނެ، މައްސަލައެއް އެލްޖީއޭއަށް ވަނީ ހުށަހަޅައިފައެވެ. މި މައްސަލަ ވެސް އެލްޖީއޭއަށް ހުށަހެޅުއްވީ ގާނޫނީ ވަކީލް އަހްމަދު ރާގިބެވެ.
އެ ކަމާ ގުޅިގެން "ސަން"އިން ސުވާލުކުރުމުން ތިނަދޫގެ މޭޔަރު ސައުދު އޭރު ވިދާޅުވީ، ދިވެހި ސަރުކާރުން ތިނަދޫއަކީ ސިޓީއެއް ކަމަށް ކަނޑައަޅައި، ގާނޫނީ ހަމަތަކުގެ ތެރެއިން އެކަން ކޮށްފައިވަނިކޮށް، ވަކި މީހަކު ހިތްހަމަނުޖެހުމުން އެކަން އެ ނޫން ގޮތަކަށް ނުހިނގާނެ ކަމަށެވެ.
ސައުދު ތުހުމަތުކުރެއްވި ގޮތުގައި އެ މައްސަލައަކީ މެންބަރު ސައުދުﷲ، ރާގިބު ލައްވާ ކުރުވާ ކަމެކެވެ. އެއީ، ތިނަދޫ ސިޓީއާ ހަސަދަވެރިވާ، ތިނަދޫ ރައްޔިތުންނަށް ގެއްލުންތަކެއް ދެއްވަން އުޅުއްވާ ބޭފުޅެއް ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ. އަދި، އެއީ ސީދާ ތިނަދޫގެ ރައްޔިތުންނަށް "ޣައްދާރުވުން" ކަމަށް ސައުދު ވިދާޅުވިއެވެ.
ހަމައެއާއެކު ތިނަދޫ ސިޓީގެ ބަނދަރުމަތީގައި ހަރުކޮށްފައިވާ މޮނިއުމަންޓެއް ހެދުމުގައި އެ ސިޓީގެ މޭޔަރު ސައުދު ކޮރަޕްޝަނުގެ އަމަލެއް ހިންގި ކަމަށް ތުހުމަތުކޮށް، އެ މައްސަލަ ބަލައިދޭން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ވެސް ވަނީ މިއަހަރުގެ ޖެނުއަރީ މަހު ހުށަހަޅައިފައެވެ.
އޭސީސީން ވަނީ އެ ކޮމިޝަންގެ ތަހުގީގަށް ތިނަދޫ ކައުންސިލް އިދާރާއަށް ވެސް ވަދެފައެވެ.
އެއާއެކު ތިނަދޫ ސިޓީ ކައުންސިލް އިދާރާއަށް އެ ކޮމިޝަނުން ވަނުމުން އެއީ ވަގުންގެ ގޮތުގައި ކައުންސިލުން ސިފަކުރިއެވެ.
ނަމަވެސް އެ ކައުންސިލުން ހެދީ ދޮގު ކަމަށާއި، ސިޓީ ކައުންސިލުން ތަހުގީގަށް އެއްބާރުލުން ނުދޭ ކަމަށް އޭސީސީން ބުންޏެވެ.