އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން އެސްޓަން ވިލާ ބަލިކޮށް، އަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދަން ކުރާ އުންމީދު އިތުރަށް ވަރުގަދަކޮށްފިއެވެ.
ސިޓީގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 2-1 އިންނެވެ.
މެޗުގެ ފުރަތަމަ މިނެޓްގެ ތެރޭގައި މެޗުގެ ލީޑު ނަގާނެ ރަނގަޅު ފުރުސަތެއް ވިލާގެ ފޯވަޑް މާކަސް ރަޝްފަޑަށް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ސިޓީ ގޯލުގެ ދަނޑިއަށެވެ. މި ހަމަލާއަށް ފަހު ދެން ފެނުނީ ހަތްވަނަ މިނެޓުގައި ސިޓީން ލަނޑެއް ޖަހައި، ލީޑު ނެގިތަނެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ބެނާޑޯ ސިލްވާއެވެ. މި ލަނޑާ އެކު ސިޓީން ހަމަޖެހިލި ނަމަވެސް އެ ޓީމަށް މި ލީޑު މާ ގިނައިރު ހިފެހެއްޓޭ ގޮތެއްނުވިއެވެ.
ވިލާއިން 18 ވަނަ މިނެޓުގައި އުފެއްދި ކައުންޓާ އެޓޭކެއްގައި ސިޓީގެ ޑިފެންޑަރު ރުބެން ޑިއާޒް ވިލާގެ ޖޭކޮބް ރަމްސީއަށް ފައުލްކުރި ކަމަށް ވީއޭއާރަށް ފާހަގަވެ، ރެފްރީގެ ސަމާލުކަމަށް ގެނައުމާ އެކު ވިލާއަށް ވަނީ ޕެނަލްޓީއެއް ދީފައެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދީ، ނަތީޖާ ހަމަހަމަކޮށްދިނީ ރަޝްފަޑެވެ.
ދެވަނަ ހާފުގައި ސިޓީއަށް މެޗުގެ ލީޑު ދެވަނަ ފަހަރަށް ނަގާނެ ރަނގަޅު ދެތިން ފުރުސަތު ލިބުނެވެ. މީގެ ތެރެއިން ޖޭމްސް މެކަޓީއަށް ލިބުނު ދެ ފުރުސަތެއް ފާހަގަވިއެެވެ. އަދި، އޮމަރު މަރުމޫޝް ވިލާގެ ގޯލަށް ބޯޅައެއް ވައްދާލި ނަމަވެސް އޭނާ ހުރީ އޮފްސައިޑްގައި ކަމުން އެ ލަނޑު ބަލައިގެންފައެއް ނުވެއެވެ.
އެންމެ ފަހުން އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗެކޭ އެއްގޮތަށް މި މެޗުގައި ވެސް ފަހު 10 މިނެޓަށް ވެފައިވަނިކޮށް ޖެރެމީ ޑޮކޫ ކުޅެން އެރުވުންވީ ސިޓީގެ ފޯވަޑް ލައިންގެ ނުރައްކާ އިތުރުވި ކަމަކަށެވެ. ނަމަވެސް، ވިލާގެ ޑިފެންޑަރުން ޑޯކޫ ވަރަށް ބޮޑަށް މާކުކޮށްގެން ކުޅުމުގެ ސަބަބުން އޭނާއަށް މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރު ވަގުތުގެ ފަސް މިނެޓް ދެއްކިއިރު ވެސް މާ ރަނގަޅު ހަމަލާއެއް އުފެއްދޭގޮތެއް ނުވިއެވެ.
ނަމަވެސް، އިތުރު ވަގުތުގެ ހަތަރުވަނަ މިނެޓުގައި ޑޯކޫއަށް ޑިފެންޑަރުން ކައިރިން ސަލާމަތްވެވުނު ހަމައެކަނި ފުރުސަތުގައި ގޯލު ކުރި މައްޗަށް ހުރަސްކޮށްލި ބޯޅަވީ މެޗުގެ ލީޑު ސިޓީން ދެވަނަ ފަަރަށް ނެގި ދެވަނަ ލަނޑު ކާމިޔާބުކުރި ހުރަހަށެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ މެތިއުސް ނޫނޭސްއެވެ.
މިއީ އޭނާ ޕްރިމިއާ ލީގުގައި ސިޓީއަށް މިހާތަނަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. މެޗުގައި ވިލާގެ ފަރާތުން ފަހަކަށް އައިސް ފެންނަ އެންމެ މޮޅު ކުޅުން ފެނިފައިނުވާކަން ފާހަގަވިއެވެ.
މި ކާމިޔާބީއާ އެކު ސިޓީ މިހާރު ވަނީ ކުޅުނު 34 މެޗުން ލިބިފައިވާ 61 ޕޮއިންޓާ އެކު ތިންވަނައަށް ކުރިއަށް ޖެހިލާފައެވެ. މި ނަތީޖާ ވެފައިވަނީ ސިޓީން އަންނަ ސީޒަންގައި ޔުއޭފާ ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދަން ކުރާ މަސައްކަތުގައި އެޅުނު މުހިންމު ފިޔަވަޅަކަށެވެ. ހަމައެއާއެކު އެ މުބާރާތުން ޖާގައެއް ހޯދަން މަސައްކަތްކުރާ ވިލާއަށް މި ނާކާމިޔާބީއާ އެކު މިވަނީ ފަހަތަށް ފިޔަވަޅެއް އެޅިފައެވެ. ވިލާ މިހާރު އޮތީ 57 ޕޮއިންޓާ އެކު ހަތްވަނައިގައެވެ.