އިންޑިއާ ކޮންޓްރޯލް ކުރާ ކަޝްމީރުގައި ބަޑިން ދިން ހަމަލާތަކެއްގައި 26 މީހަކު މަރާލައިފި

ޖަންމޫ ކަޝްމީރުގެ ބަހަލްގަމް ސަރަހައްދު

ބަހަލްގަމް (23 އެޕްރީލް 2025) : ކަޝްމީރުގެ އިންޑިއާ ކޮންޓްރޯލްކުރާ ފަޅި ކަމަށްވާ ޖަންމޫ ކަޝްމީރުގެ ރަށެއްކަމަށްވާ ބަހަލްގަމްގެ ރެސޯޓެއްގައި ފަތުރުވެރިންނަށް އަމާޒުކޮށް އިއްޔެ ދިން ހަމަލާއެއްގައި 26 މީހުން މަރުވެ އިތުރު 36 މީހަކު ޒަޚަމްވެއްޖެއެވެ.

ކަޝްމީރުގައި ތިބޭ އިންޑިއާ ފުލުހުންނާ ހަވާލާދީ ރޮއިޓާސް ބުނާގޮތުން މިއީ ފަތުރުވެރިންނަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއެކެވެ. ރޮއިޓާސްއަށް މައުލޫމާތު ދެއްވަމުން، އިންޑިއާ ފުލުހުންގެ ނަންހާމަ ކުރަންނޭދޭ އިނިސްޕެކްޓަރަކު، ވިދާޅުވީ އޭނާއަކީ މިހާދިސާއާ ބެހޭގޮތުން މީޑީއާތަކަށް މައުލޫމާތު ދިނުމުގެ ހުއްދަ އޮތް ފަރާތެއް ނޫންކަމުން އިތުރު މައުލޫމާތު ދެވެން ނެތްކަމުގައެވެ. އޭނާ ވިދާޅުވިގޮތުގައި މިހަމަލާގައި މަރުވި މީހުންނާ އަދި ޒަޚަމްވި މީހުންވެސް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އިންޑިއާގެ ޚަބަރު ފަތުރާ ވަސީލަތްތައް ބުނާގޮތުން މި ހަމަލާދިނީ އިންޑިއާގެ ކިބައިން ކަޝްމީރު މިނިވަންކުރުމަށް ހަނގުރާމަ ކުރާ ހަތިޔާއެޅި ޖަމާއަތްތަކުގެ ތެރެއިން ޖަމާއަތެއްގެ ބައެކެވެ. މި ހަމަލާތައް ދިންކަމަށް ވަނީ ބަޑިންނެވެ. ހަމަލާދިނީ ޖަންމޫ ކަޝްމީރުގެ ބަހަލްގަމް ސަރަހައްދުގެ ތަނެއްކަމަށްވާ މީޑޯ ނަމަކަށް ކިޔާ ރެސޯޓަކަށެވެ. މި ރެސޯޓް އޮންނަނީ ބަހަލްގަމްގެ މީހުން ދިރިއުޅޭ ސަރަހައްދާ ފަސް ވަރަކަށް ކިލޯމީޓަރު ދުރުގައެވެ.

ބަހަލްގަމް ގައި ދިން ބަޑީގެ ހަމަމަލާގެ ޝިކާރައަކަށް ވެފައިވާ މީހުން ހޮސްޕިޓަލަށް ގެންދަނީ

ބަހަލްގަމް އަކީ ގުދުރަތީ ރީތިކަން ވަރަށް ބޮޑު ސަރަހައްދެއްކަމުން އެއީ އިންޑިއާގެ އެތެރެއިންނާ އަދި ބޭރުގައުމުތަކުން ވެސް ވަރަށް ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށް އުފާކޮށް މަޖާކުރާ ސަރަހައްދެކެވެ. އެއީ ހޮޓާތަކާއި ރެސޯޓްތައް ހުންނަ ސަރަހައްދެކެވެ. ކޮންމެ އަހަރެއްގެ ވެސް ހޫނު މޫސުމުގައި ބަހަލްގަމްއަށް ލައްކައިން ފަތުރުވެރިން ޒިޔާރަތް ކުރެއެވެ.

ޖަންމޫ ކަޝްމީރަކީ އިންޑިއާ ހިފައިގެން އުޅޭ ސަރަހައްދަކަށްވާތީ އެތަން މިނިވަންކުރުމަށް ހަނގުރާމަ ކުރާ ޖަމާއަތްތަކުން ބައެއްފަހަރު ފަތުރުވެރިން އެއްވެ އުޅޭ ސަރަހައްދުތަކަށް ވެސް ހަމަލާދެއެވެ. އެއީ ކަޝްމީރުގެ ފަތުރުވެރިކަމުގެ އާމްދަނީ އިންޑިއާ ސަރުކާރަށް ލިބޭތީ ކަމަށް އެ ޖަމާއަތް ތަކުން ބުނެއެވެ.

މީގެ ކުރިން ވެސް ކަޝްމީރަށް އަންނަ ފަތުރުވެރިންނަށް އަމާޒުކޮށް ހަމަލާތައް ދެއެވެ. ނަމަވެސް މިފަހަކަށް އައިސް ހަމަލާތައް ވަނީ ވަރަށް ބޮޑަށް މެދުކެނޑިފައެވެ. މިބާވަތުގެ ހަމަލާއެއް ނުދޭތާ ވަނީ އަހަރަކަށްވުރެ ގިނަދުވަސް ވެފައެވެ.

އިންޑިއާގެ ފުލުހުން ޖަންމޫ ކަޝްމީރުގައި

ޖަންމޫ ކަޝްމީރުގެ މަސްއޫލުވެރިއެއްކަމަށްވާ އުމަރު އަބްދުﷲ ވިދާޅުވިގޮތުގައި ފަތުރުވެރިންނަށް ހަމަލާދިނީ ހަތިޔާރުއެޅި ހަތަރު މީހެކެވެ. އެ މީހުން ހޯދައި ހައްޔަރު ކުރުމުގެ އޮޕަރޭޝަން އިންޑިއާގެ ފުލުހުން ގެންދަނީ ހިންގަމުންނެވެ. މިއީ އެއްވެސް ހާލެއްގައި ގަބޫލު ކުރެވޭނެ ހަމަލާތަކެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

އިންޑިއާގެ ނޫސްއެޖެންސީ އެއްކަމަށްވާ ޕްރެސް ޓްރަސްޓް އޮފް އިންޑިއާ ބުނާގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ މިހާރު ވަނީ އޭނާ ސައޫދީ އަރަބިޔާއަށް ކުރައްވަމުން ގެންދެވި ދަތުރުފުޅު ކުރުކޮށްލެއްވުމަށްފަހު މިއަދު ހެނދުނު އެނބުރި ގައުމަށް ވަޑައިގެންފައެވެ. އެއީ މި ހާދިސާގެ ސީރިޔަސްކަމުންނެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެޝް ވަނީ މި ހާދިސާ ކުށްވެރި ކުރައްވައި ބަޔާނެއް ނެރުއްވާފައެވެ. އެ ބަޔާނުގައި އާންމުންނަށް އަމާޒުކޮށް ހަމަލާދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ވިދާޅުވެފައިވެއެވެ.

އިންޑިއާއަށް ވަޑައިގެން އުޅުއްވާ އެމެރިކާގެ ނައިބު ރައީސް ޖީޑޭ ވާންސް ވަނީ އާންމުންނަށް ހަމަލާދިނުމަކީ ޓެރަރިޒަމް ކަމަށާއި އާންމުންނަށް ހަމަލާދީ ޓެރަރިޒަމް ހިންގުން އެމެރިކާއިން ބަލައި ގަންނާނެ ކަމެއް ނޫންކަމަށް ވިދާޅުވެ ބަޔާނެއް ދެއްވާފައެވެ. މިހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށް ވެސް އެމެރިކާގެ ނައިބު ރައީސް ޖީޑޭ ވާންސް ވިދާޅުވިއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ވެސް ވަނީ އާންމުންނަށް ހަމަލާދިނުން އެމެރިކާ ބަލައި ނުގަންނާނެކަމަށް ވިދާޅުވެ މި ހަމަލާ ކުށްވެރި ކުރައްވައި އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.

comment ކޮމެންޓް