"އެއްވެސް މީހަކަށް އޭނަ ދުނިޔޭގައި އުޅޭނީ ކިހާ ދުވަހެއްވަންދެން ކަމެއް ނޭގޭނެއެވެ. ވީހާވެސް ގިނައިން ހެއްދެވި ފަރާތަށް އަޅުކަންކޮށް ހިތްތިރި މީހަކަށްވެ ދީނުގައިވާ ގޮތަށް އުޅެން މަސައްކަތްކުރާށެވެ."

***

އޭނަ ހިންދިރުވައިލިއެވެ. އެތެރެހަށިން ކޮންމެވެސް އެއްޗެއް މަޑުމަޑުން ހިރިލިއެވެ. އާއެކެވެ. ސާޔާ ބުނާފަދައިން އެންމެ ފުރިހަމަވާކަށް ނުޖެހެއެވެ. ހުރިހާކަމެއް ވަގުތުން ކޮށް ނިންމަން ނުޖެހެއެވެ. ދުނިޔޭގެ އެ ހިމޭން ނާނާގެ ތެރެއިން އޭނަގެ ހަށިގަނޑުގެ ތެރެއިން ހިރިލީ އުއްމީދުގެ ކަންޏެކެވެ.

"ތެންކިއު ސާޔާ...އަހަރެން ތިފަދަ ނަސޭހަތެއް އަޑުއަހަން ބޭނުންވެފައި މިހިރީ.." އޭނަ ހިނިތުންވެލިއެވެ.

"އަބަދުވެސް މިރިއަމްއަށްޓަކާ މިހިރީ. ދެމީހުން އެކީގައި މި ދަތުރުދާނީ..." ސާޔާ ހިނިތުންވެލިއިރު އެލޮލުން ފެނުނީ އޯގާތެރިކަމެވެ.

މިރިއަމް ގެއަށް ވަނެވެ. އޭނަގެ މެޔަށް ވެފައި ހުރި ބާރު ލުއިވެލިއެވެ. އެއްވެސް ކަމެއް މިވަގުތުން ވަގުތަށް ނިންމާކަށް ނުޖެހެއެވެ. އަވަސްވާކަށް ނުޖެހެއެވެ. އޭނަ ފުރަތަމަ ފިޔަވަޅު އަޅައިފިއެވެ.

***

މިރިއަމްއަށް އޭނަގެ މަންމަ ފެނުނީ ބިންމަތީގައި ދެފައި ވަށްކޮށްލައިގެން އިށީނދެގެން އިންދައެވެ. ކުރިމަތީގައި އޮތީ ހުޅުވާފައިވާ ފޮޓޯ އަލްބަމެކެވެ. އެތައް ޒަމާނެއްވެފައިވާ އެ އަލްބަމްގައި ހުރި ބާ ތަސްވީރުތަކެއްގައި ޖަމީލާ އިނގިލި ޖައްސާލައިގެން އިނީ ހަނދާނާއި މާޒީފަދަ ނާޒުކް އެއްޗެއްގައި އަތްލާހެންނެވެ. އޭނަގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ އެ އަލްބަމް ފެނުމުންނެވެ.

"ފޮޓޯތަކަށް އަނެއްކާ ބަލަނީ؟"މިރިއަމް އަޑު އެއްވަރަކަށް ބަހައްޓަން މަސައްކަތްކުރިއެވެ. މާޒީގެ އެ ދުވަސްތަކަށް އަލުން ދާހާ ހިތްވަރެއް އޭނަގެ ނެތެވެ.

"ހަމަ ހަނދާން އާކޮށްލަނީ........"ޖަމީލާގެ ލޯ ތެމޭގޮތްވިއެވެ.

އޭނަވެސް މަންމަ ގާތުގައި އިށީނީ ހިތާއި ދެކޮޅަށެވެ. ކުޑަ ޝައުގުވެރިކަމެއް ހިތުގެ ކަނެއްގައި އުފެދިގަތުމުންނެވެ. ދެމައިން އެކީގައި އަލްބަމްގެ ގަނޑުތައް އުކަންފެށިއެވެ. ރަތްމުށިކުލަ އަރާފައިވާ ކައިވެނީގެ ފޮޓޯތަކާއެކު ކުޑައިރު މޫދުކައިރީގައި ނަގާފައިވާ ތަސްވީރުތައްވެސް އެމީހުން މާޒީގެ ތެރެއަށް ދަމައިގަތެވެ. ބައެއްމީހުންގެ ހުނުމުގެ މެދުތެރެއިން ހުއްޓުން އަރާފައެވެ. ލައިލާ ކުޑަކޮށް ލޯ މަރާލައިގެން ހެވިދިއްލިފައެވެ. ޒުބޭރު ފުންމައިގަތް ދަނޑިވަޅުގައި ވައިގެ ތެރޭގައި ހުއްޓާ ފެނުމުން އޭނައަށް ހެވުނެވެ. ތަންކޮޅެއް ދުރުގައި ހުރި ސާޔާ މަޑުމައިތިރިކަމާއެކު ހުއްޓިލައިގެންހުރިއިރު މޫނުމަތީގައި ވީ މައުސޫމްކަމެވެ. އޭރު ކުޑަކުދިންނެވެ. އަބަދު އަބަދަށް ދުނިޔޭގައި އެގޮތަށް އުޅެވޭނެކަމަށް އޭރު ހީކުރެވުނެވެ. ޚިޔާލެއް ފިކުރެއްނެތް މިނިވަން ދޫނިތަކެއް ފަދައިންނެވެ.

އޭނަގެ އިނގިލިތައް ކުއްލިއަކަށް މަޑުޖެހިލީ ލޮލުގައި އަޅައިގަތް ތަސްވީރަކުންނެވެ.

"މިއީ ކާކު؟" އޭނަގެ އަޑު މަޑުވިއެވެ. އެތަސްވީރުގައި ހުރީ ދެކެފަރިތަކުއްޖެއްހެން ހީވީއެވެ. ޅައެވެ. އުމުރުން ވާނީ ހަޔެއްކަ އަހަރެވެ. ކުޑަކޮށް މޫނު އަނބުރާލައިގެން ހުރިއިރު މޫނުގެ ވަށައިގެން ވަރުގަދަ ބުޅި އިސްތަށިގަނޑެއް ފެތުރިފައިވިއެވެ. މޫނުގެ ވަށައިގެންވާ ހިޔަންޏެއްހެންނެވެ. އެކުއްޖާ ހުރީ ބަގީޗާއެއްގެ ކައިރިފަށުގައެވެ. އެއްއަތުގައި ކަފަބުދެއް އޮތްއިރު އަނެއް އަތް ހޫރަނީއެވެ. ލޮލުން ފެނުނީ ލޯތްބާއި މަޑުމައިތިރިކަމެވެ.

"ނޭގޭ...."ޖަމީލާ އެސްފިޔަ ޖަހައިލިއެވެ.

"މަންމައަކަށް މިކުއްޖާ ނޭގުނުތަ؟"

"ނޫން. މިއީ ކާކުކަމެއް ހަނދާނެއްނުވި..ތިމާގެ މީހެއްގެ ނޫނީ އަވަށްޓެރިއެއްގެ ދަރިއެއް؟" ޖަމީލާ ދެވަނަފަހަރަށް އެތަސްވީރު ނަގާފައި މޫނާއި ކައިރިކޮށްލުމަށްފަހު އަނބުރާ ދިނެވެ.އެ އަޑުގައި އެއްވެސް ކަހަލަ ޔަގީންކަމެއްނެތެވެ. މިރިއަމްވެސް އެ ތަސްވީރަށް ބަލަހައްޓައިގެން އިރުގަނޑެއްވާންދެން އިންއިރު ސިކުނޑިއަށް ބާރުލީ ދެނެގަތުމަށެވެ. އެކުޑަކުއްޖާގެ ލޮލަށް ނިކަން ވިސްނުންތެރިކަމާއެކު ބަލައިލެވުނެވެ. އެއާއެކު މިރިއަމްގެ އެތެރެހަށީގައި އެހެން ކަހަލަ އަޖައިބެއްފަދަ އިހުސާސްތަކެއް ހޭލައިގަތެވެ. އޭނަ ނުދެކޭ ހުވަފެނެއް ހަނދާން ކުރަން މަސައްކަތްކުރުމުން ވާފަދަ ގޮތެކެވެ.

"އެއްވެސް ތަނެއްގައި މިކުއްޖާގެ ނަން ލިޔެފައި ނެތް؟" އޭނަ އަހައިލިއެވެ.

"ނެތް.."ޖަމީލާގެ ޖަވާބު ކުރެވެ.

ދެވަނަފަހަރަށް މިރިއަމް ނަޒަރު ހުއްޓައިލުމާއެކު އެ ނަން އަނބުރާ އައީ ހަމަ ހީވެސް ނުކުރާފަދަ ގޮތަކަށެވެ. ދައުވަތު ނުލިބެނީސް ސިކުނޑިއަށް އެނަން ވެރިވެގަތެވެ.

"މަރްވާ"

އެނަން އޭނަގެ ހަށިގަނޑުގައި ދައުރުވާންފެށީ ރުއްގަސްތަކުގެ ތެރެއިން ލުއިވައިރޯޅި ދަތުރުކުރާހެންނެވެ. ސިކުނޑީގެ ކޮންމެވެސް ދިމާލެއްގައި ކޮށްޓައިލަމުންނެވެ. އެއާއެކު އޭނައަށް އަލްބަމް ލައްޕައިލެވުނެވެ. އެދުވަސްވެސް މާޒީގެ ތެރެއަށް ވަދެގެން ދިޔައީއެވެ. ވަގުތެކޭ އެއްފަދައިންނެވެ.

ފަސް އަހަރު ފަހުން

ހޮސްޕިޓަލުގެ ކޮރިޑޯއަށް ހުދުނޫކުލައިގެ އައްޔެއް އެޅިފައިވާއިރު މުޅިތަނުގައި ހިފާލާފައިވާ އެންޓިސެޕްޓިކްވަހުން މިރިއަމްގެ ނޭފަތަށް އުދަގޫކުރުވިއެވެ. އޭނަގެ ޔުނިފޯމް އާކަމުން އަދިވެސް ކުޑަކޮށް ހަރުކަމަށް ދައްކުވައެވެ. "ނަރސް މިރިއަމް "ޖަހާފައިވާ ޓެގް ކުޑަކޮށް ރޫޖެހި ބޫޓު ތަންކޮޅެއް ބާކަމަށް ދެއްކިޔަސް ފިޔަވަޅުތަކުގައިވީ ޔަގީންކަމެކެވެ.

އޭނަ މިތަނުގެ ވަޒީފާއަށް ނިކުތީ ދާދި ފަހުންނެވެ.ނަމަވެސް އޭނަ އަބަދުވެސް ހުންނަނީ ސަމާލުވެގެންނެވެ. އޭނަގެ އުޅުމާއި ހަރަކާތްތައް ހުންނަގޮތުން ވަޒީފާގައި ހުންނަތާ އެތައް ޒަމާނެއްވީފަދައެވެ. އެހެން ނަރުހުންގެ އިތުބާރު ހޯދަންވެސް އޭނަ ނެގީ ދެތިންދުވަހެވެ. އެހެންމީހުންނަށްވުރެ އަވަހަށް އޭނަ ކަންތައް ފާހަގަކުރެއެވެ. ވަގުތު ނެގިޔަސް މާ ގިނައެއްނޫނެވެ. އޭނަ އަޑުއަހައެވެ. ދަސްކުރެއެވެ.

"ބެޑް އެގާރަ އަށް ސިސްޓާއަކު ބޭނުންވެގެން......."ކޮންމެވެސް މީހަކު ހޯލުން ގޮވައިލި އަޑު އިވުނެވެ.

"މިދަނީ......"މިރިއަމް އަތުގައިވާ ކްލިޕްބޯޑަށް ބަލައިލުމަށްފަހު އަވަސްވެގަތެވެ. އޭރު އޭނަގެ އަތުގައި އޮތް ކެވެލިކޮޅުވެސް އެ ފްލޮރެސެންޓް އަލީގައި ބަބުޅަމުން ދިޔައެވެ. ހެނދުނުގެ ޝިފްޓަށް އައިއިރު އެ ކެވެލިކޮޅު އަޅަން އޭނަ ނިންމައިގެން ނެތަސް އޭނަގެ އިނގިލިތައްވަނީ އަތުކުރިއާއި ހަމަޔަށް އެގެންގޮސްދީފައެވެ. މިފާއިތުވެގެން ދިޔަ ފަސްއަހަރު ދުވަހު އޭނަގެ ހޮވުމަށް އަދި އޭނަގެ ހިމޭން ދުޢާތަކުގެ ރަމްޒަކަށް އެކެވެލިކޮޅު ވިއެވެ. އެހެންވެ ގަޔާއި ވަކިކޮށްލަން ފަސޭހަވެސް ނުވަނީއެވެ.

ދުވާލުގެ އާދައިގެެ ތާވަލާއި އެއްގޮތަށް ހޮސްޕިޓަލުތެރެ ހަލަބޮލިވެފައިވީއިރު އޭނަ ޓްރޯލީ ދަމަމުން ވޯޑާއި ދިމާލަށް ހިނގަމުން ދިޔައެވެ. ސްކްރީނުން ނިވާކޮށްފައިވާ އެނދުތަކާއި މޮނިޓަރުތަކުގެ ބީޕްގެ އަޑު ކަންފަތުގައި ޖެހުނެވެ. ވަންނަމުން ނިކުންނަމުން ދިޔަ ބަލިމީހުންނާއި އެހީތެރިންގެ ހިމޭން ވާހަކަތަކެވެ. ބައެއް ބަލިމީހުންގެ ހަޅޭލުމާއި ރުއިމުގެ އަޑެވެ. ޟައީފު ހަށިގަނޑެއް ލިބިފައިވާ އަންހެނަކު އެނދުމަތިން ތެދުވެ އިށީންނަން އުޅުނުތަން ފެނުމުން އޭނައަށް ގޮސް އެހީތެރިވެވުނެވެ. ބައްޕައަކު ކުޑަ އަންހެންކުއްޖެއްގެ އަތުގައި ހިފަހައްޓާލައިގެން އިން މަންޒަރުވެސް އޭނައަށް ފެނުނެވެ. ޗާޓެއްގައި ލިޔަމުން ދިޔަ ޒުވާން އިންޓާންއަކަށްވެސް އޭނަ ބޯޖަހައިލިއެވެ.

އެއީ އަބަދުވެސް އާދައެވެ.

މިރިއަމްގެ ފިޔަވަޅުތައް މަޑުވެލީ އެގާރަވަނަ ނަމްބަރު އެނދާއި ކައިރިވުމުންނެވެ. ޗާޓުގައި ބަލިމީހާގެ ނަމަކަށް އޮތީ ޖަމީލާ އާދަމްއެވެ. އޭނަ ފުން ނޭވާއެއް ދޫކޮށްލާފައި އެނދުކައިރީ ދަމާފައި ހުރި ސްކްރީން ކަހައިލިއެވެ.

މަންމަ އިނީ އެނދުގައި އިށީދެލައިގެންނެވެ. ދެއަތްތިލަ އުނގމަތީގައި ބާއްވާލާފައިވާއިރު ނަޒަރު ހުއްޓިފައިވަނީ ކުޑަދޮރުން ބޭރަށެވެ. މަންމަގެ ހިތުގައިވާ ސުވާލުތަކަށްވެސް އުދަރެސް ޖަވާބުދާރީވެދާނެކަމަށެވެ. މަންމަގެ ހަށިގަނޑު ކުރިއަށްވުރެ ކުޑަވެފައި އުމުރުން ދުވަސްވީކަމަށް ދައްކައެވެ. އެކަމަކު އަދިވެސް ކެމޮމައިލްއާއި ޖޭސްމީންގެ ވަސް ގައިގާ ހިފާލާފައެވެ. ދޫކޮށްފައި ނުދާނެފަދަ ހަނދާނެއްހެން ގައިގާ ހަރުލައިގެންނެވެ.

"މަންމަ؟"އޭނަ މަޑުމަޑުން ގޮވައިލިއެވެ.

މަންމަ އެނބުރުނުއިރު އެމޫނު އުޖާލާވެ ދިއްލިފައިވާވަރު ފެނުމުން އޭނަގެ ހިތުގައި ރިއްސާލިއެވެ.

"ތިއައީ ބައްދަލުކޮށްލަންތަ؟" މަންމަ ސުވާލުކޮށްލިއެވެ." ތިއީ ސްކޫލް ކުއްޖެއްތަ؟ އަހަރެން ކުރިން ދަންނަ ކުއްޖަކާއި ވައްތަރު....."

އޭނައަށް އެ ލަފުޒުތައް އިހުސާސްކުރެވުނީ ހަންގަނޑުގެ ތެރޭގައި ހުރި ބިއްލޫރިތަކެއްފަދައިންނެވެ. އެހާ ވޭން އެޅިއެވެ. އޭނަ ތުންފަތް މައްޗަށް މަޖުބޫރީ ހިނިތުންވުމެއް ވެރިކުރުވިއެވެ.

"މިއީ މިރިއަމް......" އޭނަ އެތާގައި ކްލިޕްބޯޑު ހިފަހައްޓާލައިގެން ހުރީ ތަމްރީނު ލިބިފައިވާ ނަރުހެއްގެ ގޮތުގައެވެ. ހަށިގަނޑު ސީދާކޮށްލައިގެންނެވެ. ކެތްތެރިކަމުގެ މިސާލަކަށް ވެގެންނެވެ. އޭނައަށް އިހުސާސްކުރެވުނީ ކިތަންމެ މޮޅަށް ތައުލީމު ލިބުނަސް މި ބަލިން މަންމަ އަދި ސަލާމަތްކުރުމުގެ ވަސީލަތެއް ނެތްކަމުގައެވެ. ސަބަބަކީ މަންމައަށް ދިމާވެފައިވަނީ އަލްޒައިމާސްއަށް ވީމައެވެ. އޭނަގެ މަންމަގެ ހަނދާންތައްވެސް ގެއްލިގެން ދަނީއެވެ.

މިރިއަމް ޓްރޭ މޭޒުމަތީގައި ތަށިތައް ބެހެއްޓިއެވެ. އަދި ގޮނޑިއެއް ދަމާލައިގެން އެނދުކައިރީގައި އިށީނެވެ. މިއީ އޭނަގެ ދުވާލުގެ ތާވަލްގެ ބަޔެކެވެ. ނަމަވެސް މަންމައާއި ހަމަޔަށް އައުމުން ތަފާތެވެ. އޭނައަކީ މިހާރު ހަމައެކަނި ނަރުހެއްނޫނެވެ. މަންމަގެ އަންހެންދަރިވެސް މެއެވެ. އަދިވެސް އެ ރޯލް އަދާކުރަނީ އޭނަ ކަމުގައި ގަބޫލުކުރަން ދަތިއެވެ.

"މަންމައަށް ސޫޕް ގެނައިން.."މޭޒުމަތީގައި ހުރި ކަންވާރުގެ މަތި ހިއްލައިލަމުން އޭނަ ބުންޏެވެ.

ކަންވާރުގެ މަތި ނަގައިލުމުން ލުނބޯ ކާށި އަދި މިރުހުގެ ހޫނު އާވި އެތަނަށް ފެތުރިގެން ދިޔައެވެ.

ޖަމީލާ އެސްފިޔަ ޖަހާލާފައި ކުޑަކޮށް ބުމަ ކައިރިކޮށްލައިފިއެވެ.

"އަސްލުވެސް؟"

"މަންމަ މި ހަދާއިރު މާބޮޑަށްވެސް މީރު..."

ޖަމީލާ ޖަވާބެއްނުދެއެވެ. ރަޖާގެ ކަނުގައި އިނގިލިތަކުން ކުޅެމުން ދިޔައިރު ގެއްލިފައި އިންފަދައެވެ.

"މިއަދު އަތްތިލަ ވަރަށް ވާންވެފައި..އާދަޔާ ޚިލާފުކަމެއް..."

އޭނަ މަންމަގެ ހަރަކާތް ދެކެން އިނެވެ. އެތައް ހާސްފަހަރު މަންމަ އެ އަތުން ކުރި ކަންތައްތައްވެސް ހަނދާނެއްނެތް ފަދައިން ހަރަކާތް ކުރަމުން ދިޔަ އަތެކެވެ. ބައެއްފަހަރު އެ ނަޒަރު ވަކި މިސްރާބެއް ނެތި އެކި ދިމާލަށް ދަތުރުކޮށްފައި އެނބުރި އަންނަނީ ޔަގީންކަމެއްނެތް ފަދަ ގޮތަކަށެވެ.

"މަންމަ މިއަދުވެސް ހުސްފަޔާއި ވަރަށް ދުރަށް ހިނގައިފިން ދޯ..."މިރިއަމްއަށް ބޭ އިޚުތިޔާރުގައި ފުން ނޭވާއެއް ލެވުނެވެ. އަދި ދުރަށް ބަލަންފެށިއެވެ. އޭނަގެ އަތުގައިއޮތް ކެވެލިކޮޅު ދިއްލުނެވެ. އޭނަގެ ހަނދާނައަށް އައީ މަންމަ ފުރަތަމަ ދުވަހު ހަނދާން ނެތުނު ދުވަހެވެ. މަންމަ ހީކުރީ ބައްޕަ ދުނިޔޭގައި ހުރިކަމުގައެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު