ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް)ގެ ޑޭޓާބޭސް ބޭނުންކޮށްގެން، ނުފޫޒު ފޯރުވައިގެން ޕީއެންސީއަށް މީހުން ވެއްދިނަމަ, އެ ޕާޓީގައި މިހާރު 90،000 އަށްވުރެ ގިނަ މީހުން ތިބޭނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.
ޑީއެންއާރްގެ މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީއަށް ވަގަށް މެންބަރުން ވައްދަން މަސައްކަތް ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިދިޔަ އަހަރުގެ ފަހުކޮޅު ފެންމަތިވިއެވެ.
އެކަމާ ގުޅިގެން މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު އިހުސާން މަގާމުގެ ނުފޫޒު ފޯރުވައި، ޑީއެންއާރުގެ މުވައްޒަފުން ލައްވާ ވަގު ފޯމު ފުރިންތޯ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވަނީ ސުވާލުކުރައްވައިފައެވެ.
އެ ސުވާލަށް ޖަވާބުދެއްވައި އިހުސާން ވަނީ ތުހުމަތުތަކަށް އިންކާރުކުރައްވައިފައެވެ.
ވަގު ފޯމު ފުރުމަށް ނުފޫޒެއް ނުފޯރުވާ ކަމަށާއި، ނުފޫޒު ފޯރުވި ނަމަ މިއަދު ޕާޓީގައި ތިބި 90،000 މެންބަރުންނަށް ވުރެ މީހުން ގިނަވާނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު ނުފޫޒު ބޭނުންކޮށްގެން ޕާޓީއަށް މީހުން ވެއްދިނަމަ، މަނިކުފާނު ވެސް ހުންނާނީ މިއަދު އަޅުގަނޑުމެންގެ ޕާޓީގަ އެނގޭތޯ. އެކަކު ވެސް ނުހުންނާނެ ސަލާމަތުން. އެހެންވީމާ އަޅުގަނޑު ނުފޫޒު ބޭނުންނުކުރާކަން އެ އެނގެނީ،" އިހުސާން ވިދާޅުވިއެވެ.
"އަޅުގަނޑު ނުފޫޒު ބޭނުންކުރިނަމަ 90،000 ނޫން ތިބޭނީ. ދިވެހިރާއްޖޭގައި އެ އުމުރުފުރާގެ ހުރިހާ އެންމެން ތިބޭނީ ޕާޓީގައި،"
ޑީއެންއާރުގައި ހުރި އޮފީހެއް ތެރޭ ޕީއެންސީއަށް ފޯމު ފުރާ މައްސަލައާ ގުޅިގެން އެ ތަނުގައި މިނިސްޓަރު އިހުސާން ވެސް ހުންނަވާތަން ފެންނަ ފޮޓޯތަކެއް މީސްމީޑިއާގައި ވަނީ ލީކުކޮށްލާފައެވެ. އެކަމަކު، އިހުސާން މީގެ ކުރިން ވެސް ވިދާޅުވި ފަދައިން މިއަދު ވެސް ވިދާޅުވީ އެ ތަނަށް ވަޑައިގަތީ ޕިއްޒާ ކާން ކަމަށެވެ.
ވަގު ފޯމު ފުރާ މައްސަލަ ބޮޑުވެފައި އޮއްވައި ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ)އަށް ނޭނގި އޭނާ ޕީއެންސީއަށް ވައްދާފައި އޮތް މައްސަލައެއް ވެސް ފެންމަތިވިއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ)ން ވަނީ އެއީ ޒިޔާދަށް ނޭނގި ފުރި ފޯމެއް ކަމަށް ނިންމައި، އޭނާ އަލުން އެމްޑީޕީގެ ދަފުތަރުގައި ހިމަނާފައެވެ.
ޕީއެންސީން ވެސް ވަނީ ސައްހަކަން ކަށަވަރުނުވާ ބައެއް ފޯމު ފުރުނު ކަމަށް އެއްބަސްވެފައެވެ. އެކަމަކު، އެއީ ގަސްތުގައި ކުރި ކަމެއް ނޫން ކަމަށް އެ ޕާޓީން އޭރު ބުންޏެވެ.
ވަގު ފޯމުތަކުގެ މައްސަލަ ބޮޑުވެ، އީސީން ވަނީ އީފާސް މެދުވެރިކޮށް ކޮންމެ މީހަކަށް ވެސް އަމިއްލައަށް އެކަނި ސިޔާސީ ޕާޓީތަކަށް ވަދެވޭ ގޮތަށް އުސޫލު ބަދަލުކޮށްފައެވެ.
މި މައްސަލައިގައި އެމްޑީޕީގެ 12 މެންބަރުންގެ ސޮޔާއެކު އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދީ އޭނާ ގާނުނުތަކާ ޚިލާފުވެވަޑައިގެންފައިވާ ކަމަށް ބުނެއެވެ. އެއީ، ޖަނަވަރީ 17 ވަނަ ދުވަހެވެ. ނަމަވެސް ޕީއެންސީގެ ސުޕަމެޖޯރިޓީން އެ މައްސަލަ ވަނީ ބޭރުކޮށްލައިފައެވެ.