މުޖުތާޒް، ސިވިލް ސާވިސް ކޮމިޝަންގެ ނައިބު ރައީސަކަށް އައްޔަނުކުރަން މަޖިލީހަށް ފޮނުވައިފި

މުޖުތާޒް، ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުކަމަށް ރައީސް އައްޔަނުކުރައްވަނީ: އޭނާ އެ ކޮމިޝަންގެ ނައިބު ރައީސަކަށް އައްޔަނުކުރަން މަޖިލީހަށް ވަނީ ނަން ފޮނުވާފައި -- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރުކަމަށް އައްޔަނުކުރެއްވި މުޙައްމަދު މުޖުތާޒު އެ ކޮމިޝަންގެ ނައިބު ރައީސަކަށް އައްޔަނުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވައިފިއެވެ.

ސީއެސްސީގެ މެންބަރުކަމަށް މުޖުތާޒު އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މިދިޔަ ހަފުތާގެ ބުދަ ދުވަހުއެވެ. އެ ދުވަހުގެ ޖަލްސާގައި ވޯޓަށް އެހިއިރު ވޯޓުގައި ބައިވެރިވި ޖުމްލަ 71 މެންބަރުން ވަނީ ރުހުން ދޭން ފެންނަކަމަށް ވޯޓު ދެއްވައިފައެވެ.

https://sun.mv/204992

އެއާއެކު މިދިޔަ އާދިއްތަ ދުވަހު ރައީސް މުއިއްޒު ވަނީ އެ ކޮމިޝަންގެ މެންބަރުކަމަށް އޭނާ އައްޔަނުކުރައްވައިފައެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރު މުޙައްމަދު މުޖުތާޒު --

ރައީސް ވަނީ މިދިޔަ ހޯމަ ދުވަހު އެ ކޮމިޝަންގެ ނައިބު ރައީސަކަށް މުޖުތާޒް އައްޔަނުކުރުމަށް އޭނާގެ ނަން މަޖިލީހަށް ފޮނުއްވައިފައެވެ. ތަޅުމުގައި ރައީސްގެ ސިޓީފުޅު އިއްވައިދެއްވީ އަމީންއާއްމު ފާތިމަތު ނިއުޝާއެވެ.

އެ މައްސަލަ ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފައެވެ.

މުޖްތާޒަކީ މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަނުން ބެޗްލާ އޮފް ލޯ ހާސިލްކުރައްވައިގެން ހުންނަވާ ބޭފުޅެކެވެ.

މުޖުތާޒު ވަނީ 17ވަނަ ރައްޔިތުންގެ މަޖިލީހުގައި ހަނިމާދޫ ދާއިރާގެ މެންބަރުކަން ކުރައްވައިފައެވެ. މީގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އޭނާ، ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމު ވެސް އަދައިކުރެއްވިއެވެ.

ސީއެސްސީގެ މެންބަރުކަމުގެ މަގާމެއް ހުސްވީ އެ ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް އިބްރާހީމް ރަޝީދު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވައިފައި ވަނިކޮށް، އޭނާ މިދިޔަ މަހުގެ 11ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

comment ކޮމެންޓް