ދިވެހި ރާއްޖޭން ހައްޖަށް މިއަހަރު ދާ މީހުން, ސައުދީގައި ހޭދަ ކުރާ މުއްދަތު އެހެން އަހަރުތަކަށް ވުރެން 10 ދުވަސް މި ފަހަރު މަދުވާނެ ކަމަށް ހައްޖު ކޯޕަރޭޝަނުން މިއަދު ބުނެފިއެވެ.
ހައްޖަށް ދާން ފައިސާ ދައްކާފައި ތިބި ބައެއް މީހުން އަންނަނީ، މިއަހަރު ހައްޖުގައި ހޭދަވާ މުއްދަތު ކުރުކަމަށް ބުނެ، އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އާއްމު ގޮތެއްގައި ހައްޖު ދަތުރެއްގައި 30 ދުވަސް ސައުދީގައި ހައްޖާޖީން ހޭދަކުރެއެވެ.
ހައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ ބައެއް މީހުން "ސަން" އަށް ބުނީ ކޯޕަރޭޝަނަށް އެ މީހުން ގުޅުމުން, މި އަހަރު ހައްޖުގެ އަޅުކަމުގައި ސައުދީގައި ހޭދަވާނީ 20 ދުވަސް ކަމަށް އަންގާފައިވާ ކަމަށެވެ. ސައުދީގައި ހޭދަ ކުރާ މުއްދަތު ކުރުވި ނަމަވެސް އެހެން އަހަރުތަކެކޭ އެއްފަދައިން ހުރިހާ އަޅުކަންތަކެއް ކުރުމުގެ ފުރުސަތު ހައްޖާޖީންނަށް ލިބޭނެ ކަމަށް ކޯޕަރޭޝަނުން ބުނި ކަމަށް ވެސް އެ މީހުން ބުންޏެވެ.
ހައްޖުގެ އަޅުކަމުގައި މަހެއްހާ ދުވަސް ހޭދަކުރާއިރު، ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މީހަކު ހައްޖަށް ގެންދަނީ 69،965 ރުފިޔާއެވެ.

މީހަކު ޙައްޖަށް ފުރަނީ: މިފަހަރު ހައްޖުގައި ހޭދަކުރާ މުއްދަތު ވަނީ ކުރުވެފައި ---- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
ދިވެހި ހައްޖުވެރިން ސައުދީގައި ހޭދަ ކުރާ މުއްދަތު ކުރުވާ ސަބަބު ސާފު ކުރުމަށް, އެ ކޯޕަރޭޝަންގެ މީޑިއާ އޮފިޝަލާއި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލަށް އެކި ދުވަސް މަތިން, ތަކުރާރުކޮށް ގުޅައި, މެސެޖު ކުރުމުން ވެސް އަދި ޖަވާބެއް ދެއްވާފައެއް ނުވެއެވެ. އެހެން ކަމުން މިއީ ދާއިމީ ބަދަލެއްތޯ ނުވަތަ މި އަހަރަށް އެކަނި ގެނައި ބަދަލެއްތޯ ވެސް ވަނީ ސާފުވާ ގޮތް ނުވެފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ، މި އަހަރު ހައްޖުގެ އަޅުކަން އަދައިކުރަން ކިއުގައި ތިބި އެންމެނަށް އެ ފުރުސަތު ލިބޭނެކަމަށް ވިދާޅުވެފައެވެ.
އޭގެއިތުރުން، ރާއްޖެއަށް އާންމު ގޮތެއްގައި ލިބެނީ 1،000 ހައްޖު ކޯޓާ ކަމަށްވާއިރު، ކޮންމެ އަހަރަކު ވެސް ހައްޖަށް ގެންދަނީ އެކަމަށް އެދި ހައްޖު ކޯޕަރޭޝަނަށް ފައިސާ ދައްކާފައިވާ މީހުންގެ ތަރުތީބުންނެވެ.
އެގޮތުން، ރައީސްގެ ރިޔާސީ ވައުދާ އެއްގޮތަށް ކޮންމެ އަހަރަކު 50 ފަގީރުން ހައްޖަށް ގެންދަން މިދިޔަ އަހަރު ވަނީ ފަށައިފައެވެ. އަދި މިއަހަރު ހައްޖަށް ގެންދާ 50 ފަގީރުން ވެސް މިހާރު ވަނީ ގުރުއަތުން ހޮވައިފައެވެ.

ޙައްޖުވެރިން ފުރަން އެއާޕޯޓުގައި: ހައްޖުގައި މިފަހަރު ހޭދަކުރާ މުއްދަތު ވަނީ ކުރުވެފައި -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވަނީ ރާއްޖެއަށް ލިބޭ ހައްޖު ކޯޓާގެ އަދަދު އިތުރު ކުރަން ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަކަން މީގެ ކުރިން ހާމަ ކުރައްވައިފައެވެ. އެގޮތުން ސައުދީގެ ކަމާ ބެހޭ ފަރާތްތަކާއެކު ގިނަ މަޝްވަރާތަކެއް އިސްލާމިކް މިނިސްޓްރީން ވަނީ ކޮށްފައެވެ.
ހައްޖަށް ދިއުމަށްޓަކައި އެތައް ސަތޭކަ ބަޔަކު މިހާރު ވެސް ފައިސާ ދައްކައިގެން ކިޔޫގައި އެބަތިއްބެވެ. މީގެ ތެރެއިން ފުރަތަމަ ފަހަރަށް ހައްޖަށް ދާ މީހުންނަށާއި އުމުރުން 65 އަހަރު ވެފައިވާ މީހުންނަށް އިސްކަން ދޭ އުސޫލެއް މި ފަހުން އިސްލާމިކް މިނިސްޓްރީން ވަނީ އެކުލަވައިލައިފައެވެ.