ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ޅ. ނައިފަރު ހޮސްޕިޓަލް ޓާޝަރީ ފެންވަރުގައި ތަރައްގީކުރަން ހަވާލުކުރުމަށް އެއްބަސްވުންތަކުގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވަނީ ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި އުނގޫފާރު ހޮސްޕިޓަލުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާއެވެ. ނައިފަރު ހޮސްޕިޓަލް ޓާޝަރީ ފެންވަރުގައި ތަރައްގީ ކުރަން ހަވާލުކުރީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އަށެވެ.

ޑރ. އަބްދުއްސަމަދު ހޮސްޕިޓަލް ޓާޝަރީ ފެންވަރުގައި ތަރައްގީ ކުރުމަށް އެމްޓީސީސީއާ ހަވާލުކުރަނީ ---- ފޮޓޯ/ އެމްޓީސީސީ
އެމްޓީސީސީން ވަނީ، އެކުންފުންޏާ ހަވާލުކުރި ހޮސްޕިޓަލްތަކުގެ ތަފުސީލުތައް ހާމަކޮށްފައެވެ.
އެގޮތުން، ޑރ. އަބްދުއްސަމަދު ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކުރުމުގެ މަޝްރޫއުގެ ދަށުން 87،455 އަކަފޫޓުގެ ސަރަހައްދެއް އިތުރުކުރާނެކަމަށް ވަނީ ބުނެފައެވެ.
ސަތޭކަ ސާޅީސް ހަތެއް ޕޮއިންޓް ހަތަރެއް ތިނެއް މިލިއަން ރުފިޔާއަށް މި މަޝްރޫއު ހަވާލުކޮށްފައި ވަނީ، 540 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. މި ހޮސްޕިޓަލް ތަރައްގީކޮށް ނިމޭއިރު، 102 އެނދު ހުންނާނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

ނައިފަރު ހޮސްޕިޓަލް ޓާޝަރީ ފެންވަރުގައި ހެދުމަށް ހަވާލުކުރުން ---- ފޮޓޯ/ އާރްޑީސީ
އޭގެއިތުރުން، އުނގޫފާރު ހޮސްޕިޓަލް އެމްޓީސީސީއާ ހަވަލުކޮށްފައި ވަނީ 161.24 މިލިއަން ރުފިޔާއަށެވެ. އެއީ 540 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.
އެ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީ ކުރުމަށް 95،645 އަކަފޫޓުގެ ސަރަހައްދެއް އިތުރުކުރުމަށް ނިންމާފައިވާއިރު، އެ ހޮސްޕިޓަލް ތަރައްގީކޮށް ނިމޭއިރު ޖުމުލަ 102 އެނދު ހުންނާނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ތިނަދޫ ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތުގެ މަޝްރޫއު ޗައިނާގެ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީސީ)އާ ހަވާލުކޮށްފައި ވަނީ މިދިޔަ ވެރިކަމުގެ ފަހުކޮޅުގައި އޮގަސްޓު 30ގައެވެ.
އޭރު ތިނަދޫގައި އެޅުމަށް ޗައިނާގެ ސީއެންއީސީސީއާ ހަވާލުކުރީ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލްތަކެވެ. ކުވެއިތު ފަންޑުން ލޯނު ދީގެން ހިންގާ މި މަޝްރޫއު ސީއެންއީސީސީއާ ހަވާލުކޮށްފައިވަނީ 76 މިލިއަން އެމެރިކާ ޑޮލަރަށް 30 މަސް ތެރޭގައި ނިންމާ ގޮތަށެވެ.
ނަމަވެސް ފަހުން އެ މަޝްރޫއު ވަނީ ކުރިއަށް ނުގޮސް ހުއްޓިފައެވެ.