ކޮރަޕްޝަނުގެ ތުހުމަތުކޮށް، އިމިގްރޭޝަނުގެ ކޮންޓްރޯލަރުކަމުން މުހައްމަދު ޝަމްއާން ވަހީދު ވަކިކޮށް، އޭނާ ބަންދުގައި ބަހައްޓައިގެން އުޅެނީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާންގެ "ވީޑިއޯ"އެއް ޝަމްއާން އަތުގައި އޮތްކަން އެނގުމުން ކަމަށް ޝަމްއާނުގެ އާއިލާއިން ބުނެފިއެވެ.
ޝަމްއާނުގެ ކޮރަޕްޝަނުގެ ތުހުމަތުކޮށް، އެ ކަމަށް ބާރުދޭ ހެކިތަކެއް ވެސް ފުލުހުން ވަނީ އޭނާގެ ގެއިން ހޯދައިފައެވެ. މި މައްސަލައިގައި އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. މި ތުހުމަތުތަކަށް ޝަމްއާނުގެ ފަރާތުން ވަނީ އިންކާރުކޮށްފައެވެ.
ޝަމްއާނުގެ އާއިލާގެ ފަރާތުން ނެރުނު ބަޔާނެއްގައި ވަނީ ކަން ހިނގައިދިޔަ ގޮތުގެ ގިނަ މައުލޫމާތުތަކެއް ހިއްސާކޮށްފައެވެ.
އޭގައިވާ ގޮތުން، ޝަމްއާން ހައްޔަރުކޮށްފައިވަނީ އިހުސާންގެ ކޮރަޕްޝަންގެ މައްސަލަތައް ރައްޔިތުންނަށް ހިއްސާކުރާނެ ކަމުގެ ބިރަށް، އެ ކަމަށް ފަސް އެޅުމުގެ ގޮތުންނެވެ. އަދި ޝަމްއާން ބަންދުކުރަން އިހުސާން މަސައްކަތް ފެށި އަނެއް ސަބަބަކީ، އޭނާގެ އަތުގައި އިހުސާންގެ "ވީޑިއޯ"އެއް އޮތްކަން އިހުސާނަށް އެނގިލެއްވުމެވެ. އިހުސާނަށް އެނގިލެއްވިކަމަށް އެ ބުނަނީ ކޮން "ވީޑިއޯ"އެއް ކަމެއް އާއިލާގެ ބަޔާނުގައި ނުބުނެއެވެ.
އިހުސާނަށް ބޮޑެތި ތުހުމަތުތަކެއް
ޝަމްއާނުގެ އާއިލާއިން ބުނި ގޮތުގައި، ހޯމްލޭންޑް މިނިސްޓްރީ ހިންގުމާއި އިމިގްރޭޝަން ބެލެހެއްޓުމުގައި އިހުސާންވަނީ ކޮރަޕްޝަނުގެ އެތައް އަމަލުތަކެއް ހިންގައިފައެވެ. އާއިލާއިން ބުނި ގޮތުގައި ޝަމްއާންވަނީ އިހުސާނު ހިންގަމުން ދިޔަ ކޮރަޕްޝަނުގެ ކަންތައްތައް މިދިޔަ އަހަރުގެ ޑިސެންބަރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަމާލު ކަމަށް ގެނެސްފައެވެ.
ޝަމްއާން ރައީސަށް ފޮނުވި މެސެޖުގައި ބިދޭސީންގެ ކޯޓާ އަދި ވޯކް ޕާމިޓު ދޫކުރުމުގައި އިހުސާން ހިންގަމުން އައި ކޮރަޕްޝަނާ ގުޅޭ މައުލޫމާތުތައް ހިއްސާކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ. އާއިލާއިން ބުނީ ކޮރަޕްޝަނުގެ އަމަލުތައް ސަމާލު ކަމަށް ގެނައުމުން ވެސް ރައީސް އެ ކަމަށް ސަމާލުކަން ނުދިން ކަމަށެވެ.
ކޮރަޕްޝަން ރައީސްގެ ސަމާލު ކަމަށް ގެނައުމުން އަޅައެއް ނުލި: އާއިލާ
ޖަވާބުގައި ރައީސް ޝަމްއާނަށް ފޮނުއްވި މެސެޖުގައި ވަނީ އިހުސާން އެ ފަދަ ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ.
"މިނިސްޓަރު އިހުސާނާ ދެކޮޅަށް ޒާތީ ގޮތެއްގައި ކަންކަން ޝަމްއާން ކުރާކަމަށް މައުލޫމާތު ލިބިއްޖެ. އިހުސާން ގާނޫނާ ގަވާއިދާ ޚިލާފަށް އެއްވެސް ކަމެއް ނުކުރޭ އަދި ޔަގީން ނުކުރާނެކަން ވެސް. އަޅުގަނޑަށް އިވުނު ވާހަކައަކީ ހަގީގަތެއްނަމަ ދަންނަވަން، ލޯޔަލްވުމަކީ ތިއެއް ނޫން. އަޅުގަނޑަށް ކަމުނުދާ ގޮތަށް އެތައް ގޮތަކަށް ޝަމްއާން މިހާތަނަށް ވެސް އުޅެމުން އައީ. ޚިލާފަށް ގިނަ ދުވަހު ރާއްޖެއިން ބޭރުގައި އުޅުމާ އެކަހަލަ އެތައް ކަމެއް" ރައީސް ޝަމްއާނަށް ފޮނުވި މެސެޖުކަމަށް ބުނެ އާއިލާއިން ހާމަކުރިއެވެ.
އާއިލާއިން ބުނި ގޮތުގައި، ޝަމްއާނުގެ މެސެޖާއެކު އިމިގްރޭޝަނުގެ އެތައް ކަމެއް މިނިސްޓްރީ ތެރެއިން ހުއްޓުވައި، އިމިގްރޭޝަނުގެ މުވައްޒަފުންނާއި ޚިދުމަތްތަކާ ގުޅޭ އެތައް ކަމެއް ވެސް މިނިސްޓްރީގައި ޕާކު ކުރެވުނެވެ.
ބަޔާނުގައިވާ ގޮތުން، ޖަމިއްޔާއެއް ރަޖިސްޓްރީ ކުރުމުގެ ބޭނުމަށް ޝަމްއާނުގެ ކުށުގެ ރިކޯޑު ސާފު ކުރުމަށް އޭނާ ފުލުހުންގެ ޚިދުމަތަށް ހުށަހެޅުމުން، އޭނާއަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ މައްސަލައެއް ހިމެނޭ ކަމަށް އޭގައި އޮތެވެ. ކުށުގެ ރިކޯޑު ދޫކުރީ ދޭއް، ފެބްރުއަރީ 2025ގައެވެ.
އެ މައްސަލައިގައި އިހުސާނާއި ޝަމްއާން ބައްދަލު ކުރުމުން، ވަގުތުން އެ މައްސަލަ ހައްލު ކުރުމަށް އަންގާފައިވެއެވެ. އެއަށްފަހު 5 ފެބްރުއަރީ 2025ގައި ފުލުހުންގެ ޚިދުމަތުން ދޫކޮށްފައިވާ ރިކޯޑުން ޝަމްއާނުގެ އެއްވެސް ކުށެއް ނެތް ކަމަށް ބަޔާނުގައިވެއެވެ.
އޭގެ ފަހުން ވެސް އިހުސާނުގެ ޣައިރު ގާނޫނީ އަމަލުތަކުގެ ސަބަބުން އިމިގްރޭޝަނުގެ އިދާރީ ހިންގުމަށް ހުރަސްތަކެއް އެޅިފައިވާ ކަމަށް އާއިލާއިން ބުނެއެވެ. އޭގެ ތެރޭގައި ދައުލަތުގެ މާލިއްޔަތު ގަވާއިދާ ޚިލާފަށް އިމިގްރޭޝަނުގެ ޕްރޮކިއުމަންޓް ޕްރޮސެސް ބޭނުން ކުރުމަށް އިހުސާން މަސައްކަތް ކުރި ކަމުގެ ތުހުމަތު ހިމެނެއެވެ. އަދި އޭނާގެ ސެކްރެޓަރީ މެދުވެރިކޮށް އިމިގްރޭޝަނުގެ ބަޖެޓު ސެކްޝަނުގެ އިސްވެރިންނަށް ގުޅައި، ގާނޫނާ ޚިލާފު ކަންކަން ކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށް ވެސް ތުހުމަތު ކުރެއެވެ.
ޝަމްއާން މަގާމުން ވަކިކުރީ އިހުސާނާ ގުޅުން އޮންނަ ބަންގްލަދޭޝް މީހަކު ހައްޔަރުކުރުމުން: އާއިލާ
އާއިލާއިން ބުނި ގޮތުގައި ޝަމްއާން މަގާމުން ވަކިކޮށްފައިވަނީ އިހުސާނާ ގުޅުން އޮންނަ ބަންގްލަދޭޝް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވުނު ދުވަހާ ޖެހިގެން އައި ދުވަހެވެ. މިއީ އިއްތިފާގެއް ނޫން ކަމަށް އާއިލާގެ ބަޔާނުގައި ފާހަގަކޮށްފައި އޮތެވެ.
ބަޔާނުގައިވާ ގޮތުން، އެ ބިދޭސީމީހާގެ ފޯނު ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަކި ފުލުހަކާ ހަވާލުކުރުމަށް އޮތީ އަންގައިފައެވެ. އެހެން ނަމަވެސް އެ ކަން އެ ގޮތަށް ކުރެވޭނީ ރަސްމީކޮށް ނޯޓަކުން އެ ކަން ކުރުމަށް ދެންނެވުމުންކަން ޝަމްއާން ބުނުމުން، އަޑުގަދަކޮށް ހަޅޭއްލެވުމަށްފަހު އިހުސާން ފޯން ބޭއްވީ ކަމަށް ބަޔާނުގައިވެއެވެ.
އެ ބިދޭސީ މީހާއަކީ އިހުސާނާ ގުޅުން އޮތުމުގެ އިތުރުން، މިނިސްޓްރީން ހިންގާފައިވާ ގިނަ ކޮރަޕްޝަންތަކެއްގައި ބައިވެރިވެފައިވާ މީހެއް ކަމަށް ޝަމްއާނަށް މައުލޫމާތު ލިބިފައިވާ ކަމަށް އޭނާގެ އާއިލާއިން ބުނެއެވެ.
އާއިލާއިން ބުނާ ގޮތުގައި ކަނޑައެޅިގެން ހަގީގަތާ ޚިލާފުދޮގު ތުހުމަތެއްގެ މައްޗަށް ބިނާކޮށް ސައްހަ ނޫން ހެކިތައް ވުޖޫދުކޮށް، ޝަމްއާން ހައްޔަރުކޮށް، ވާނުވާ ޖަހާފައިވަނީ ސިޔާސީ އަދި ޒާތީ ހަސަދަވެރިކަމެއްގެ ސަބަބުންނެވެ.
އެ ބަޔާނުގައިވަނީ ދައުލަތަށް ޚިޔާނާތްތެރިވާ ފަރާތްތަކުން ހިންގަމުންދާ އަމަލުތައް ފަޅާ އަރައި ބޭޒާރުވާނެކަން ފާހަގަކޮށްފައެވެ.
ޝަމްއާން މަގާމާ ހަވާލުވުމަށް ފަހު ގާނޫނާ ޚިލާފަށް ބިދޭސީން ކުރަމުން އައި އެތަކެއް ވިޔަފާރިތަކެއް ހުއްޓުވައި، 20 ނޮވެންބަރު 2024ގެ ނިޔަލަށް ރާއްޖޭގައި އުޅެމުންދިޔަ 4،700އަށްވުރެ ގިނަ ބިދޭސީން ފުރުވައިލިއެވެ.
ކޮންޓްރޯލަރުގެ ހައިސިއްޔަތުން އޭނާ ކޮށްފައިވާ މަސައްކަތް ރައްޔިތުން ބަލައިގަނެފައިވާތީ އާއިލާއިން އެކަމަށް ޝުކުރު އަދާކޮށްފައިވެއެވެ.