ދުނިޔޭގެ އެންމެ އަގުހުރި ފަސްވަނަ އެސެޓަކަށް ބިޓްކޮއިން

ދުނިޔޭގެ އެންމެ އަގުހުރި ފަސްވަނަ އެސެޓަކަށް ބިޓްކޮއިން --

ކްރިޕްޓޯ ކަރަންސީ ބިޓްކޮއިންގެ މާކެޓް ކެޕިޓަލައިޒޭޝަން 1.8 ޓްރިލިއަން ޑޮލަރަށްވުރެ މަތިވެ، ގޫގަލް، ރިހި އަދި އެމެޒޯން ފަހަނައަޅައި ދުނިޔޭގެ ފަސްވަނަ އަގުހުރި އެސެޓްގެ މަގާމަށް އަރައިފިއެވެ.

ކޮމްޕެނީސް މާކެޓް ކެޕްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ބިޓްކޮއިންގެ މާކެޓް ކެޕް މިހާރު ވަނީ ގޫގަލްގެ މައި ކުންފުނި އަލްފަބެޓްގެ މާކެޓް ކެޕްއަށްވުރެ 12 ބިލިއަން ޑޮލަރު އިތުރުވެފައެވެ.

ބިޓްކޮއިންގެ ފަހަތުން އެންމެ ކައިރިން އަންނަނީ ފައިސާގެ ގޮތުގައާއި ސިނާއީ އެސެޓެއްގެ ގޮތުގައި ބޭނުންކުރެވޭ ރިއްސެވެ. ރިހީގެ މާކެޓް ވެލިއު ހުރީ 1.856 ޓްރިލިއަން ޑޮލަރުގައެވެ. އޭގެ ފަހަތުން އަންނަނީ އީ-ކޮމާސް އަދި ކްލައުޑް ދާއިރާގެ ބޮޑު ކުންފުންޏެއް ކަމަށްވާ އެމެޒޯނެވެ. އެމެޒޯންގެ މާކެޓް ކެޕް ހުރީ 1.837 ޓްރިލިއަން ޑޮލަރުގައެވެ.

މިހާރު ބިޓްކޮއިން އަމާޒު ހިފާފައިވަނީ ދުނިޔޭގެ ހަތަރުވަނަ އަގުހުރި އެސެޓް ކަމަށްވާ އެންވިޑިއާއަށެވެ. އެންވިޑިއާގެ މާކެޓް ވެލިއު މިވަގުތު ހުރީ 2.4 ޓްރިލިއަން ޑޮލަރުގައެވެ. އަދި ބިޓްކޮއިން ރަނާ އެއްހަމައަކަށް އަރަން ބޭނުންވާނަމަ، އޭގެ އަގު 1،000 އިންސައްތައަށްވުރެ އިތުރަށް މައްޗަށް ދާންޖެހޭނެއެވެ.

މި ހަފުތާގައި ބިޓްކޮއިންގެ އަގު ވަނީ 12 އިންސައްތަ އިތުރުވެ، 93،500 ޑޮލަރަށްވުރެ މައްޗަށް ގޮސްފައެވެ. ޓްރޭޑިންގް ވިއުއިން ދައްކާގޮތުގައި އިންވެސްޓަރުންގެ އިތުބާރު އިތުރުވަމުން އަންނަ ކަމަށް ފެނެއެވެ.

ބުދަ ދުވަހުގެ އޭޝިއާގެ ޓްރޭޑިން ސެޝަންގައި ބިޓްކޮއިންގެ އަގު ވަނީ ކުރު މުއްދަތަކަށް 94،000 ޑޮލަރަށް އަރާފައެވެ. މިއީ އިއްޔެ އެމެރިކާގެ ރައީސް ޓްރަމްޕްގެ ބަޔާނަކާ ގުޅިގެން ބައިނަލްއަގްވާމީ ވިޔަފާރީގެ ގުޅުންތައް ރަނގަޅުވަމުން އައުމާ ގުޅިގެން އައިބަދަލެއް ކަމަށް ބެލެވެއެވެ.

އާންމު ހިއްސާތަކާ ބިޓްކޮއިން ތަފާތުވަމުން އައުމާއެކު، މެކްރޯ އިކޮނޮމިކް ހާލަތު ގޯސްވުމުން ރައްކާތެރިވުމަށް ބޭނުންކުރެވޭ އެސެޓެއްގެ ގޮތުގައި ބިޓްކޮއިންގެ މަގާމު ވަނީ ވަރުގަދަވެފައެވެ. މިކަމުން "ޑިޖިޓަލް ރަން" ގެ ވާހަކަ އިތުރަށް ފުޅާވެގެން ދާކަން ފާހަގަކުރެވެއެވެ.

މި ބަދަލާއެކު ބިޓްކޮއިން އީޓީއެފްތަކަށް އޮތް ޝައުގުވެރިކަން އާވެގެން ގޮސްފައިވެއެވެ. އަންގާރަ ދުވަހު އެމެރިކާގައި ލިސްޓުކޮށްފައިވާ ސްޕޮޓް ބިޓްކޮއިން އީޓީއެފްތަކަށް 913 މިލިއަން ޑޮލަރުގެ އައު އިންވެސްޓްމަންޓް ވަދެފައިވެއެވެ. މިއީ ޖެނުއަރީ މަހުން ފެށިގެން އެންމެ ގިނަ އަދަދެއް ވަދެފައިވާ ދުވަހެވެ. މި ރަނގަޅު ޕަފޯމަންސްއާއެކު، މި ފަންޑުތަކުގެ ކާމިޔާބީ ވިދިވިދިގެން 3 ޓްރޭޑިން ދުވަހަށް ކުރިއަރާފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު