އާސެނަލަށް މޮޅެއް ނުވެވުނު؛ ތަށި ހޯދަން ލިވަޕޫލަށް ބޭނުންވަނީ އެއް ޕޮއިންޓު

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު އެއްވަރުވެ، އެއްވަނައިގައި އޮތް ލިވަޕޫލަށް އެންމެ ޕޮއިންޓަކާ އެކު ލީގު ކާމިޔާބުކުރުމުގެ ފުރުސަތު ތަނަވަސްވެއްޖެއެވެ.

އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

މެޗަށް ނުކުތްއިރު ދެ ޓީމުގެ ސަމާލުކަން ވެސް ބޮޑަށް އޮތީ ކުރިއަށް އޮތް ދެ ސެމީ ފައިނަލަށްކަން ފާހަގަވިއެވެ. ދެ ޓީމުގެ މުހިންމު ބައެއް ކުޅުންތެރިން ފުރަތަމަ 11އިން ނުފެނެއެވެ.

މެޗު އާސެނަލުން ފަށާފައިވަނީ ވަރަށް ފޯރީގައެވެ. މެޗުގެ ތިންވަަނަ މިނެޓުގައި ލިބުނު ކޯނަރަކުން އާސެނަލުން ވަނީ މެޗުގެ ފުރަަތަމަ ލަނޑު ޖަހައި، ލީޑު ނަގައިފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ޑިފެންޑާ ޔަކޫބް ކިވިއޯއެވެ. މެޗުގައި ޕެލަސްއިން ފުރަތަމަ ލަނޑު ޖަހައި، ނަތީޖާ ހަމަހަމަކޮށްދިނީ 27 ވަނަ މިނެޓުގައި އެބެރެޗީ އެޒޭ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މެޗުގައި އާސެނަލުން ދެވަނަ ފަހަރަށް ލީޑު ނަގައިފާވަނީ 42 ވަނަ މިނެޓުގައި ލިއާންޑްރޯ ޓްރޮސާޑް ކާމިޔާބުކޮށްދިން ލަނޑުންނެވެ. ދެވަނަ ހާފުގައި ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި ނިމެން ދަނިކޮށް ޕެލަސްއަށް މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް އެއްވަރުކޮށްދިނީ މެޗު ނިމެން ހަތް މިނެޓަށް ވެފައިވަނިކޮށް ޖޮން ފިލީޕޭ މަޓޭޓާއެވެ.

މެޗު އެއްވަރުވުމުން އާސެނަލް މިހާރު އޮތީ 34 މެޗުން ލިބިފައިވާ 67 ޕޮއިންޓާ އެކު ދެވަނައިގައެވެ. ޕެލަސް އޮތީ 45 ޕޮއިންޓާ އެކު 12 ވަނައިގައެވެ. ދެ ޓީމުގެ ކުރިމަތިލުން ރޭ އެންމެ ފޯރިއާ އެކު ބެލި ބަޔަކަށް ވާނީ އެއްވަނައިގައި އޮތް ލިވަޕޫލެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކަށްވެފައިވީ އާސެނަލް މެޗުން ބަލިވި ނަމަ ލިވަޕޫލަށް ލީގު ކާމިޔާބުކުރެވޭނެތީއެވެ.

މެޗުން ނުކުތް ނަތީޖާއާ އެކު ލިވަޕޫލަށް ލީގު ކާމިޔާބުކުރަން މިހާރު ބޭނުންވަނީ ކުރިއަށް އޮތް ޓޮޓްނަމް ހޮޓްސްޕާ މެޗުން އެންމެ ޕޮއިންޓެކެވެ. އެހެންވެ، އެ މެޗު އެއްވަރުވި ނަމަވެސް ލިވަޕޫލަށް މި ފަހަރު ލީގުގެ ތަށި ކާމިޔާބުކުރެވޭނެއެވެ. ލިވަޕޫލް ދެން ކުޅޭ މެޗުން މި ފަހަރުގެ ލީގު ކަށަވަރުވާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

އެހެންވެންޖެނަމަ ވާނީ ލިވަޕޫލުން ލީގު ކާމިޔާބު ކުރާ 20 ވަނަ ފަހަރަށެވެ. މި ތައްޓާ އެކު ޔުނައިޓެޑްގެ ރިކޯޑާ ލިވަޕޫލުން އަރައިހަމަކުރާނެއެވެ.

comment ކޮމެންޓް