ކޮޕާ އިޓާލިއާގެ ފައިނަލުން މިލާން ޖާގަހޯދައިފި

ކޮޕާ އިޓާލިއާގެ ފައިނަލުން މިލާން ޖާގަހޯދައިފި --

ކޮޕާ އިޓާލިއަން ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި އިންޓާ މިލާންގެ މައްޗަށް ކުރި ހޯދާ އޭސީ މިލާނުން ފައިނަލްގެ ޖާގައެއް ކަށަވަރު ކޮށްފިއެވެ.

މިމުބާރާތުގެ ފައިނަލުން މިލާން ޖާގަހޯދީ ސެމީ ފައިނަލްގައި އިންޓާއާ ބައްދަލުކޮށް ހަތަރު ލަނޑު އެއް ލަނޑުގެ އެގްރިގޭޓް ނަތީޖާ އަކުން ކުރި ހޯދައިގެންނެވެ. މިދެޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގު އެއް ލަނޑު އެއް ލަނޑުން ދެޓީމު އެއްވަރުވިއިރު ރޭ ކުޅުނު ދެވަނަ ލެގު ތިން ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ މިލާންއެވެ.

އިންޓާއިން ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދި މިމެޗުގައި އެޓީމަށް މިލާންގެ ޑިފެންސް ފޫއަޅުވާލުމުގައި ގިނަ އުނދަގޫތަކަކާ ކުރިމަތިިކަން ފާހަގަވިއެވެ. މިމެޗުގައި މިލާނުން ކާމިޔާބު ކުރި ފުރަތަމަ ލަނޑު ފުރަތަމަ ހާފު ނިމެން ނުވަ މިނެޓަށް ވެފައިވަނިކޮށް ކާމިޔާބު ކޮށްދިނީ ފޯވަޑް ލޫކާ ޔޮވިޗްއެވެ.

މިލަނޑާއެކު މިލާން ވަނީ އެގްރިގޭޓް ނަތީޖާއިން ވެސް ކުރި ހޯދައިފައެވެ. މިމެޗުގެ ދެވަނަ ލަނޑު ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަތަރުވަނަ މިނެޓުގައި އަނެއްކާ ވެސް ކާމިޔާބު ކޮށްދީ މިލާންގެ ލީޑު ފުޅަކޮށްދިނީ ޔޮވިޗްއެވެ.

މިސީޒަންގައި މިއަހަރުގެ މާޗް މަހާ ހަމައަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވާ ޔޮވިޗް މިހާރު މިވަނީ އޭނާ އެންމެ ފަހުން ކުޅުނު ފަސް މެޗުގައި ހަތަރު ލަނޑު ކާމިޔާބު ކޮށްދީފައެވެ. މިމެޗުގައި އިންޓާއަށް ލަނޑެއް ޖެހުމަށް ލިބުނު އެންމެ ރަނގަޅު ފުރުސަތުގައި ސްޓެފަން ޑި ވްރީ ފޮނުވާލި ހަމަލާވަނީ މިލާންގެ ކީޕާ ހުޝިޔާރު ކަމާއެކު ދިފާއު ކޮށްފައެވެ. މިމެޗުގައި މިލާނުން ކާމިޔާބު ކުރި ފަހު ލަނޑު މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ކާމިޔާބު ކޮށްދީފައިވަނީ ޓިޔާނީ ރެއިންޑާސްއެވެ.

މިކާމިޔާބީ އާއެކު މިމުބާރާތުގެ ފައިނަލްގެ ޖާގައެއް މިލާނުން ކަށަވަރު ކޮށްފައިވާއިރު، މިސީޒަންގައި ތިން ތަށި ކާމިޔާބު ކުރުމަށް އިންޓާއަށް އޮތް ފުރުސަތު މިވަނީ ގެއްލިގެން ގޮސްފައެވެ. އިންޓާ ސެރީއާގެ ތާވަލްގެ އެއްވަނައިގާ އުޅޭއިރު ޔުއޭފާ ޗެމްޕިއަންސް ލީގުގެ ވެސް ސެމީ ފައިނަލަށް ވަނީ ދަތުރު ކޮށްފައެވެ. މިމުބާރާތުގެ ދެވަނަ ސެމީ ފައިނަލްގެ ދެވަނަ ލެގު މިރޭ ކުޅޭއިރު ފުރަތަމަ ލެގުގައި ބޮލޯނިއާ ވަނީ ތިން ލަނޑު ސުން ލަނޑުން އެމްޕޯލީ ބަލިކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު